ކޮވިޑަށް ޓެސްޓް ކުރާ ސާމްޕަލްތަކުގެ ވޭރިއެންޓް ދެނެގަތުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފައިވާ ކަމަށާއި ޓެސްޓް ކުރެވޭނެ ތަނެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކޮވިޑްގެ އާ ވޭރިއެންޓާ ގުޅިގެން މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. އާމިނަތު ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖޭގައި ސީކުއެންސިން ކެޕޭސިޓީ ގާއިމް ކުރުމަށް ބޭނުންވާ މެޝިނަރީޒް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް އެކަން ފެށޭނެ ތާރީހެއް ނޭނގޭ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"ބޭނުންވާ ޓްރެއިނިންއާ އިންސްޓޯލް ކުރުމާއި ބޭނުންވާ ބައެއް ކަންކަން ހުންނާނެ އިތުރަށް ފުރިހަމަ ކުރަން ޖެހޭ. ސީކުއެންސް ހަމައެކަނި ކުރުމަކު ނުފުދޭ. މިއީ ގްލޯބަލް ޑޭޓާ ބޭސް އަކަށް ހުރިހާ އެއްޗެއް އަޕްލޯޑުވެސް ކުރަން ޖެހޭ،" ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ މިހާރު ކުރިއަށްދަނީ ޑޭޓާ ބޭސްގެ މަސައްކަތް ފުރިހަމަ ކުރުން ކަމަށެވެ.

މީގެ އިތުރުން ނަޒްލާ ވިދާޅުވީ ކޮވިޑް ޖެހުމުން ވޭރިއަންޓް ބެލުމަށް އިތުރަށް ތަހުލީލު ކުރުމަށް ޖީން ސީކުއެންސް ގަވައިދުން ހަދަމުން ގެންދާ ކަމަށެވެ. އެގޮތުން މިހާރު 830 ސާމްޕަލް ސީކުއެންސިންނަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި މިދިޔަ މަހު 13 އިން ފެށިގެން ގަވައިދުން ފޮނުވަމުންދާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު 50 އަށްވުރެ ގިނަ ސާމްޕަލް ސީކުއެންސަށް ޓެސްޓު ކުރަން ފޮނުވިން. ރާއްޖެއިން ބޭރަށް ފޮނުވި ގިނަ ސާމްޕަލްތައް ޑެލްޓާ ވޭރިއަންޓުގެ އެކި ވައްތަރުތަކަށް ޕޮޒިޓިވްވި،" ނަޒްލާ ވިދާޅުވި އެވެ.
އަލަށް ފެނުނު "އޮމްރިކޮން ވޭރިއަންޓު" އަކީ ކޮބާ؟
ޑަބްލިއުއެޗްއޯ އިން ކަންބޮޑުވާ ވޭރިއެންޓުތަކުގެ ލިސްޓުގައި މިހާރު ހިމެނެނީ ހަތަރު ވޭރިއެންޓެކެވެ. އެއީ އަލްފާ، ބޭޓާ، ގަމާ އަދި ޑެލްޓާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފެތުރިފައި ވަނީ ޑެލްޓާ ވޭރިއެންޓެވެ.
އޭގެ އިތުރުން ސަމާލުކަންދީގެން މޮނީޓާ ކުރަމުންދާ ދެ ވޭރިއެންޓެއް ވެ އެވެ. އެއީ ލަމްބްޑާ އާއި މޫ އެވެ. ނަމަވެސް އޮމްރިކޮން ވޭރިއަންޓާ ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން، ބަލި ފެތުރުމުގެ ދުވެލި އަވަސްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
ކުރިން ކޮވިޑު ޖެހުނު މީހުންނަށް ބަލި އަނެއްކާ ވެސް ޖެހުމުގެ ފުރުސަތު މި ވޭރިއެންޓާއެކު ބޮޑުކަމަށް ވެސް ބުނެ އެވެ. އެއާއެކު ޔޫރަޕްގެ ގައުމުތަކުން މިހާރު ވެސް ވަނީ ދެކުނު އެފްރިކާ އަށް ދަތުރުކުރުން މަނާކުރަން ފަށާފަ އެވެ. ސިންގަޕޫރާއި މެލޭޝިއާ އިން ބުނީ އެފްރިކާގެ ހަތް ގައުމަކުން ދަތުރުކުރުން ލިމިޓު ކުރާނެ ކަމަށެވެ.
މިއަދު ހެނދުނު ސްރީ ލަންކާއިން ވަނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ، ލެސޯތޯ، ނެމީބިއާ، ޒިމްބާބުވޭގެ އިތުރުން ސްވާޒީލޭންޑަށް ދަތުރުކޮށްފައިވާ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށް އިއުލާނުކޮށްފަ އެވެ.
ރާއްޖެއިން މިހާތަނަށް އެޅީ ކޮން ފިޔަވަޅެއް
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ސައުތް އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސާސްކޯވް-2 ވައިރަސްގެ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރި ކަމަށްޓަކައި، ރޭ 12:00 އިން ފެށިގެން ވަކިގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފަ އެވެ.
އެ ގޮތުން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ، އެސްވަތީނީން އިން ރާއްޖެއަށް ފަތުރުވެރިން އެތެރެވުން ހުއްޓާލަން ވަނީ ނިންމާފަ އެވެ. އެޗްޕީއޭން ބުނެފައި ވަނީ ރާއްޖެއަށް އައުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށް ވުރެ ގިނަ އިރު ޓްރާންސިޓްވެފައި އަންނަ މީހުން ވެސް ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެ އައުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި އުޅެ 12 ގަޑިއިރަށްވުރެ ގިނަ އިރު ޓްރާންސިޓްވެފައި އަންނަ މީހުން ހިމެނޭ ގޮތަށް ރާއްޖެ އަންނަ ދިވެހިންނާއި ވާކްވިސާގައި އަންނަ މީހުން ރާއްޖެ އައުމަށް ފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހެ އެވެ.
މިފަދަ ފަރާތްތައް ކަރަންޓީނުން ރިލީސް ކުރެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ނެވެ.
މީގެ އިތުރުން 14 ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރާ މީހުން، 14 ދުވަސް ފުރިހަމަ ވުމުން އިތުރު ޕީސީއާރު ޓެސްޓެއް ހަދަން ވާނެ ކަމަށެވެ. ރާއްޖޭގައި 14 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތަކުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީސީއާރު ޓެސްޓެއް ހެދަން ވާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ފުރުމުގެ ކުރިން ޓެސްޓު ހަދާނީ ކުރިން ޕީސީއާރް ޓެސްޓެއް ހެދިތާ ތިން ދުވަސްވެފައިވާ ނަމަ އެވެ.












