ކޮވިޑުގެ އާ ވައްތަރެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖެއިން އެފްރިކާގެ ބައެއް ގައުމުތަކަށް ބޯޑަރު ބަންދުކޮށްފައިވާއިރު، މިދިޔަ 14 ދުވަސް ތެރޭ އެކަނި ވެސް އެފްރިކާ ބައްރުގެ އެކި ގައުމުތަކުން ރާއްޖެއަށް ޖުމްލަ 758 މީހަކު ދަތުރުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮވިޑުގެ އާ ވައްތަރެއްކަމުގައި ސައިންސްވެރިން ބުނާ އޮމިކްރޯން ނަމަކަށް ކިޔާ އެ ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ ހަފްތާގެ ކުރީކޮޅު ދެކުނު އެފްރިކާ އިންނެވެ.
ނަމަވެސް އޭގެ މާ ކުރިން ވެސް އެ ވޭރިއެންޓް ފެތުރެމުންދިޔަކަމަށް ސިއްހީ މާހިރުން ލަފާކުރެ އެވެ. އޮމިކްރޯނާ ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން، ބަލި ފެތުރުމުގެ ދުވެލި އަވަސްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
އެއާއެކު ދުނިޔޭގެ އެކި ގައުމުތަކުން ރައްކާތެރި ފިޔަވަޅުތައް އަޅަން ފެށިއިރު، ރާއްޖެއިން ވެސް މިވަނީ އެފްރިކާގެ ޖުމްލަ ހަތް ގައުމަކުން ރާއްޖެއަށް ދަތުރުކުރުން ވަކި ހާލަތްތަކެއްގައި ފިޔަވައި މަނާކޮށްފަ އެވެ.

އެގައުމުތަކުގެ ތެރޭގައި ދެކުނު އެފްރިކާގެ އިތުރުން ނެމީބިއާ، މޮޒެމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވާޓީނީ ހިމެނެ އެވެ.
މިގޮތުން، ވާކް ޕާމިޓެއް އޮތް މީހެއް ނުވަތަ ދިވެއްސެއް އެތަނުން ގައުމަކުން ރާއްޖެ އަންނަނަމަ ކަރަންޓީނު ވާން ޖެހެ އެވެ. އެނޫން ގޮތަކަށް އިތުރު އެއްވެސް މީހަކަށް އިއްޔެއިން ފެށިގެން ރާއްޖެއަށް އެތެރެވުން ވަނީ މަނާކޮށްފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ފިޔަވަޅު އެޅުމުގެ ކުރިން މިދިޔަ 14 ދުވަސް ތެރޭ އެ ސަރަހައްދުން ޖުމްލަ 758 މީހަކު ވަނީ ރާއްޖެ އެތެރެވެފަ އެވެ.
މީގެ ތެރެއިން ދަތުރުކުރުން މަނާކުރި ގައުމުތަކުން ރާއްޖެއަށް ދަތުރުކުރި މީހުންގެ އަދަދު އަދި ރާއްޖޭގައި މިވަގުތު ތިބީ ކިތައް މީހުން ކަމެއް ސާފެއް ނުވެ އެވެ.
ނަމަވެސް، ދަތުރުކުރުން މަނާކުރި ގައުމުތަކުން އައި ފަރާތްތަކަށް ވެސް ރާއްޖޭގެ ކަމާބެހޭ ސިއްހީ ފަރާތްތަކުން ވަނީ ވަކި އުސޫލުތަކެއް އާންމުކޮށްފަ އެވެ.
އެގޮތުން ވޭތުވެދިޔަ 14 ދުވަސް ތެރޭ އެގައުމުތަކުން ރާއްޖެއަށް ދަތުރުކޮށް ރާއްޖެ އެތެރެވެފައިވާ ފަރާތްތައް ވީހާވެސް އަވަހަށް ޕީސީއާރު ޓެސްޓު ހެދުމަށް އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.
އަދި އޭގެ ތެރެއިން 14 ދުވަސް ނުވަތަ އެޔަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާ ފަރާތްތައް 14 ދުވަސްވުމުން އަނެއްކާ ވެސް އަލުން ކޮވިޑް ޓެސްޓެއް ހަދަންޖެހޭނެ އެވެ.
މީގެ އިތުރުން، ރާއްޖޭގައި 14 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތައް ރާއްޖެއިން ފުރުމުގެ ކުރިން ވެސް ތިން ދުވަސް ހަމަނުވާ ކޮވިޑް ޓެސްޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ފާހަގަކުރެވޭކަމަކީ ރާއްޖެއާ އެފްރިކާއާ ބައްރާ ދެމެދު ސީދާ ދަތުރުކުރާ އެއްވެސް އެއާލައިނެއް ނޯންނަ ކަމެވެ. ރާއްޖެއަށް އެފްރިކާ ބައްރުން ދަތުރުކުރަނީ މައިގަނޑު ގޮތެއްގައި ދުބާއީ ފަދަ ތަންތަން މެދުވެރިކޮށް ޓްރާންސިޓްކޮށްގެންނެވެ.
އެގޮތުން އެފްރިކާ ބައްރުން ދަތުރުކުރި ފަރާތްތައް މައިގަނޑު ގޮތެއްގައި ދަތުރުކޮށްފައިވަނީ އެމިރޭޓްސް، އެތިހާދް، ފްލައި ދުބާއީ، އަދި ގަތަރު އެއާވޭޒް މެދުވެރިކޮށް އަބޫދާބީ، ދުބާއީ އަދި ދޯހާ މަގުންނެވެ.
މީގެ ކުރިން ވެސް ރާއްޖެއިން އެކި ވައްތަރުގެ ކޮވިޑް ވޭރިއެންޓް ފެނުނުއިރު، އެންމެ ގަދަޔަށް ކޮވިޑް ފެތުރުނު މިދިޔަ އޭޕްރިލް މަސްތެރޭ ރާއްޖޭއިން އެންމެ ބޮޑަށް ފެނިފައިވަނީ ކޮވިޑުގެ ޑެލްޓާ ވޭރިއެންޓެވެ.
އޭގެ އިތުރުން ވެސް އެހެން ގިނަ ވޭރިއެންޓްތަކެއް ރާއްޖެއިން ވަނީ ފެނިފަ އެވެ. އަދި މިހާރު ސަރުކާރުން ދަނީ ރާއްޖޭގައި ވޭރިއެންޓް ތަހުލީލުކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އޮމިކްރޯން ވޭރިއެންޓް މިހާރު ވަނީ އިނގިރޭސިވިލާތް، ޖަރުމަންވިލާތް، ބެލްޖިއަމް، ނެދަލޭންޑްސް ހިމެނޭހެން ގިނަ އަދަދެއްގެ ގައުމުތަކުން ފެނިފަ އެވެ. އަދި ޑަބްލިއުއެޗްއޯއިން ވަނީ އެ ވޭރިއެންޓްއަކީ ކަންބޮޑުވާ ވޭރިއެންޓެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.












