ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ކުޅުނު މެޗުތަކުން އެސްޓީއޯ، އުރީދޫ، ސިޓީ ކައުންސިލް އަދި ޓްރޭޑް ކްލަބް މޮޅުވެއްޖެ އެވެ.
އެސްޓީއޯ އިން ހަނިގޮތަކަށް ވަނީ އެމްޓީސީސީ އަތުން 1-0 އިން މޮޅުވެފަ އެވެ. އުރީދޫ އިން ކަސްޓަމްސް ބަލިކުރީ ފަހަތުން އަރައި 3-1 އިންނެވެ. ޔޫތު މިނިސްޓްރީ އަތުން ސިޓީ ކައުންސިލް މޮޅުވީ 7-2 އިންނެވެ. އަދި ޓްރޭޑް ކްލަބުން ވަނީ 4-3 ހުޅުމާލެ ހޮސްޕިޓަލްގެ މައްޗަށް ކުރިހޯދައިފަ އެވެ.
ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި އެސްޓީއޯ އާއި އެމްޓީސީސީގެ ކުރިމަތިލުން ދިޔައީ ވަރަށް ވަރުގަދަކޮށެވެ. ދެ ޓީމުގެ ފަރާތުން ވެސް މަދު ބަދަލުތަކެއް ފެނުނު މި މެޗުގައި ޑިފެންސަށް ވިސްނައިގެން ދެ ޓީމުން ވެސް ރަނގަޅަށް ކުޅެމުން ދިޔަ އެވެ.
މެޗުގައި އެމްޓީސީސީގެ އަބްދުﷲ މުއާޒް (އޮޓޯ)، ހުސެއިން އަލީ (އަޗޭ)، އަލީ ނާފިއު (ކަޅޭ) އަދި ކެޕްޓަން އަހުމަދު މުއާޒަށް ލިބޭ ބޯޅަތަކުގައި އެޓޭކަށް ބަލާއިރު، މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނެވެ. ފޮނުވާލި މަދު ބޯޅަތައް ވެސް އެސްޓީއޯގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފަ އެވެ.

އެމްޓީސީސީގެ ކަޅޭ (ކ) އެސްޓީއޯގެ ވަޖީހު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
މެޗުގައި އެސްޓީއޯ އިން ޖެހި ހަމައެކަނި ގޯލު މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި ޖެހީ އިނާން އަހުމަދު އެވެ. މިއީ ބަދަލެއްގެ ގޮތުގައި އަރައި އިބްރާހިމް މާޒް ހުސްކޮށްލާފައި ދިން ބޯޅަ ރަނގަޅު ތަނަށް ހުސްވެ، އިނާން ޖެހި ގޯލެކެވެ.
ރެހެންދި ފުޓްސަލް ދެ ވަަނަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ކަސްޓަމްސްގެ މުމްތާޒް އަބްދުލް ރަޝީދުގެ ގޯލުން އެ ޓީމު ލީޑުނަގާފައިވަނިކޮށް އުރީދޫން ވަނީ ފަހަތުން އަރައި ތިން ގޯލު ޖެހި އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ހުސެއިން އާތިފާއި މުހައްމަދު ރިފްޝާން އެވެ. މީގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިފްޝާން ދެ ގޯލު ޖެހި އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)، ޔޫތު މިނިސްޓްރީ ޓީމަށް މިރޭގެ މެޗުގައި ކުޅުއްވި އެވެ. އެކަމަކު، އިދިކޮޅު ޓީމުގައި ތިބި ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ސިޓީ ކައުންސިލުން ވަނީ ތަފާތު ދައްކައިފަ އެވެ.
ސިޓީ ކައުންސިލްގެ ހަތް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޝިފާޒް އާދިލް އެވެ. އަނެއް ގޯލުތައް ޖެހީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހުސެއިން އަހުސާމް މޫސާ (ތިއްތޭ)، ސަސް އަށް ކުޅޭ އަހުމަދު އައިހަމް ދެ ގޯލެވެ. މީގެ ތެރެއިން އެއް ގޯލު އައިހަމް ޖެހީ ހިލޭ ޖެހުމަކުންނެވެ.

ޔޫތު މިނިސްޓްރީ ޓީމުގެ އާޒިމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ޔޫތު މިނިސްޓްރީގެ ދެ ގޯލު ޖެހީ ކުރިން ޓީސީ ސްޕޯޓްސް އަށް ކުޅުނު މުހައްމަދު އާޒިމް އެވެ.
ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި ކުޅުނު ދެ ވަނަ މެޗުން ޓްރޭޑް ކްލަބާއި ހުޅުމާލެ ހޮސްޕިޓަލްގެ މެޗު ދިޔައީ ފޯރިގަދަކޮށެެވެ. ޓްރޭޑް ކްލަބްގެ ގޯލުތައް ޖެހީ ހިޝާމް ހަސަން ވަހީދު، ސައިފާން އަހުމަދު މަނިކް، ޝާމިލް ރަޝީދު އަދި ޖުމައިލް ޖަލީލް (ޖުމްބެ) އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ގޯލުތައް ޖެހީ އަބްދުﷲ ނާސިފް ދެ ގޯލާއި އަލީ ޝާޒް ހިލްމީ އެވެ.
މިރޭގެ މެޗުތަކާ އެކު ކްލަބް މޯލްޑިވްސްގެ ކޮންމެ ޓީމަކު އެއް މެޗު ކުޅުނީ އެވެ. ފުރަތަމަ މެޗުތަކުގައި ދިރާގާއި ކްލަބް އިމިގްރޭޝަން ބައްދަލުކުރި މެޗު އެއްވަރުވިއިރު، ދެން ކުޅުނު ކޮންމެ މެޗެއް ވެސް ނިމުނީ ކޮންމެ ވެސް އެއް ޓީމެއް މޮޅުވެގެންނެވެ.
މުބާރާތުގައި މާދަމާރޭ ވެސް ހަތަރު މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުތަކުން މޮޅުވި އާރްއާރްސީ އާއި އެޗްޑީސީ ބައްދަލުުކުރާއިރު، ޕްލޭނިން މިނިސްޓްރީ ކުޅޭނީ ދިރާގާ އެވެ. ފުރަތަމަ މެޗުން ބަލިވި އޭވިއޭޝަން ސެކިއުރިޓީ އާއި އާރްއޯއެލް ބައްދަލުކުރާއިރު، ސިފައިންގެ ކްލަބް ކުޅޭނީ ކްލަބް 220 (ޕީޖީ އޮފީސް)އާ އެވެ.












