ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރުމާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިމި، ހުކުމާ ހަމަޔަށް ވާސިލްވެއްޖެ އެވެ.
މިއީ އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައި ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައިވަނިކޮށް, ހަމަ އެ ކޯޓުން ވަނީ މައްސަލަ ރިވިއުކޮށް އެ ހުކުމް ބާތިލްކޮށްފަ އެވެ. ނަމަވެސް, އެ ހުކުމް ބާތިލްކުރީ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު, ދީބާޖާއަށް ދިނުމަށް ފަހު އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ގިނަ ސުވާލުތަކެއް ދެ ފަރާތަށް ވެސް އަމާޒުވި އެވެ. އެގޮތުން އެންމެ ފުރަތަމަ ސުވާލުކުރީ ރ. ކުޑަކުރަތު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުންނެވެ.
މި ސުވާލަށް ޖަވާބުދާރީވަމުން ދީބާޖާގެ ވަކީލުން ވިދާޅުވީ ކުޑަކުރަތުގައި ރިސޯޓެއް ތަރައްގީ ކުރަން އެހެން ކުންފުންޏަކަށް 1.5 މިލިއަން ޑޮލަރަށް ކުއްޔަށް ދީފައި ވަނިކޮށް ސަރުކާރުން އެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އެއީ ފެރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމާ ގުޅިގެންކަން ފާހަގަކުރި އެވެ.
ދެން ބެންޗުން އެހީ އޭގެ ސަބަބުން ދީބާޖާއަށް ލިބުނު ގެއްލުމާއި ގުޅޭ ގޮތުންނެވެ. އެ ސުވާލާއި ގުޅިގެން ދީބާޖާގެ ވަކީލުން ވިދާޅުވީ 70.5 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް އެ ކުންފުނިން ހުށަހެޅި ހިސާބުތަކުން އެނގޭނެ ކަމަށެވެ. އަދި ދެ ފަރާތުގެ މެދުގައި އެއްބަސްވެވިފައިވާ ގޮތަށް ސަރުކާރުން ދީބާޖާއާ ހަވާލުކުރަންޖެހޭ 47 ބިން ހަވާލު ނުކޮށް އޮތުމުން ވެސް ގެއްލުންތަކެއް ލިބުނު ކަމަށާއި، އެކަމަށް ދައުލަތުން ދަށު ކޯޓު މަރުހަލާގައި ވެސް އިންކާރުކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން ގަސްތު ނިޔަތުގައި، ދީބާޖާއަށް ބޮޑު ގެއްލުމެއް ލިބޭނެކަން އެނގިހުރެ، ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފި ނަމަ ބަދަލު ދޭންޖެހޭނެ ކަމަށެވެ.
ދެން ފަނޑިޔާރުންގެ ބެންޗުން އެހީ އެއްބަސްވުން ބާތިލް ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖްރައާތު ފުރިހަމަ ކުރިތޯ އެވެ. ދީބާޖާއިން ބުނީ އެއްބަސްވުމުގައިވާ ގޮތުން ދެފަރާތުގެ މެދުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ހާއްސަ ކޮމިޓީއެއް އޮންނަން ޖެހޭ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް ދައުލަތުން އެގްރިމެންޓް ބާތިލްކޮށްފައި ވަނީ އެކަންކަން ފުރިހަމަ ނުކޮށް ކަަމަށެވެ.
މިވާހަކައަށް ރައްދު ދެމުން ދައުލަތުން ބުނީ ދެ ގޮތަކަށް އެއްބަސްވުމެއް ބާތިލްކުރެވޭނެ ކަމަށާއި، ފެރީގެ ހިދުމަތް ދިގު މުއްދަތަކަށް މެދުކެނޑޭ ހާލަތުގައި އިތުރު ނޯޓިހެއް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލް ކުރެވޭނެ ކަން ދީބާޖާއާ އެކު ހެދi އެގްރިމެންޓުގައި ވެސް އޮންނާނެ ކަމަށެވެ.
ދައުލަތުގެ މި ވާހަކައާ ގުޅިގެން ދީބާޖާގެ ވަކީލް ބުނީ ނޯޓިސް ނުދީ އެއްބަސްވުމެއް ބާތިލްކުރެވޭނީ ހިދުމަތުގެ ބޮޑުބައެއް މެދު ކެނޑުމުން ކަމަށެވެ. އެގޮތުން އެ ކުންފުނިން ހިދުމަތް ދެމުން އައިި 47 ރަށުގެ ތެރެއިން 26 ރަށަކުން އެއްފަހަރާ ހިދުމަތް މެދުކެނޑުމުން ނޫނީ އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމަށް އެކުންފުނިން ގަބޫލުކުރެ އެވެ. އަދި އެކަން ދަލީލުކޮށްދޭ ހެއްކެއް ވެސް ދައުލަތަށް ދެއްކިފައި ނުވާކަން ފާހަގަކުރި އެވެ.
މީގެ އިތުރުން ވަގުތީ ގޮތުން ފެރީގެ ހިދުމަތް މެދުކެނޑުމުން އެ ހިދުމަތް ދޭން ފަށާނެ ދުވަސްތައް ދީބާޖާ އިން ސަރުކާރަށް އެންގި ކަމަށާއި 47 ރަށަށް އެ ކުންފުނިން ފެރީގެ ހިދުމަތް ދިންއިރު، ހިދުމަތް މެދުކެނޑުނީ އެންމެ ރަށެއްގެ ފެރީގެ ހިދުމަތް ކަމަށް ބުންޏެވެ. އަދި އެ ކަންކަން ރަނގަޅު ކުރަން ދައުލަތުން ފުރުސަތު ދީ، ކުއްލި ގޮތަކަށް އެއްބަސްވުން ބާތިލް ކުރީ އެކަން ސަބަބެއްގެ ގޮތުގައި ދެއްކުމަށް ފަހުގައި ކަމަށް ދީބާޖާއިން ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް ބުންޏެވެ.
މިފަދަ އެކި ސުވާލުތައް އަމާޒުކުރުމަށްފަހު ދެ ފަރާތުން ވާހަކަ ދައްކައި ނިމުމުން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ އެ މައްސަލާގެ އަޑުއެހުންތައް ނިމި ހުކުމާއި ހަމައަށް ވާސިލްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ހުކުމް ކުރުމަށް އަޑުއެހުން ތާވަލްކުރާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.
މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.













