ރިޕޯޓުރާއްޖޭގެ ޖަލުގައި ކުށެއް ނެތި 15 އަހަރު: ޔޫސުފްގެ އާދަޔާ ހިލާފް ވާހަކަ އަދި އިންސާފަށް ކުރާ ދަތުރު

ރާއްޖޭގެ ޖަލުގައި ކުށެއް ނެތި 15 އަހަރު: ޔޫސުފްގެ އާދަޔާ ހިލާފް ވާހަކަ އަދި އިންސާފަށް ކުރާ ދަތުރު

މާއޯގެ ޒަމާނުގައި ޝަންހާއީއަށް އުފަންވި ވޫމެއިޑީގެ ހަޔާތް ބަދަލުވީ 1993 ގައި ކުށެއް ނެތި ރާއްޖޭގައި ހައްޔަރު ކުރުމުން. އެކަމަކު، ޖަލުގެ އަނދިރިކަމުގެ ތެރެއިން ވޫމެއިޑީއަށް އުފާވެރިކަން ލިބުނީ އިސްލާމްކަމުން. ޖަލުގައި ހޭދަކުރި 5555 ދުވަހަށް ޔޫސުފް މިހާރު ބޭނުންވަނީ އިންސާފު.

ޔޫސުފް ފޮޓޯއަކަށް ހުއްޓިގެން: އޭނާ ދޫކޮށްލީ 5،555 ދުވަސް ޖަލުގައި ބެހެއްޓުމަށްފަހު 2009 ވަނަ އަހަރު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ޔޫސުފް ފޮޓޯއަކަށް ހުއްޓިގެން: އޭނާ ދޫކޮށްލީ 5،555 ދުވަސް ޖަލުގައި ބެހެއްޓުމަށްފަހު 2009 ވަނަ އަހަރު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނޮވެމްބަރު 4، 1993 ވަނަ ދުވަހުގެ ހަވީރު މާލެއަށް ވެހެމުންދިޔަ ވާރޭގެ ބައެއް ތިކިތައް އޮހެމުންދިޔައީ ރިޗާޑް ވޫމެއިޑީގެ ވާރޭ ކުޑަ މައްޗަށެވެ.

މި ރަށުގެ މަގުމަތިން އެވަގުތު އިވެނީ ގުދުރަތުގެ އެކި އަޑުތަކެވެ. ފުރާޅުތަކުގެ މައްޗަށް ވާރޭ ތިކިތައް ޖެހޭ އަޑެވެ. ވަޔާއެކު ގަސްތައް ހެލޭ އަޑެވެ. ދޭތެރެއަކުން ގޮވާލާ ކޮވެލީ ގޮވުމެވެ. މިއީ މާލޭގައި ހިންގާ ގްރޭސް އިން އެންޑް ރެސްޓޯރަންޓުގެ މެނޭޖަރު ރިޗާޑް ވޫމެއިޑީގެ އުފަން ރަށް، ޝަންހާއީގެ ކާރޫބާރޫ ބޮޑު މަގުތަކާ އުޑާއި ބިންހާ ތަފާތު މާހައުލެކެވެ.

މަގުމަތީގައި ހެދިފައި ހުރި ފެންގަނޑުތަކުގެ އެއް ކައިރިން، އެއް އަތުން ވާރޭ ކުޑަ ހިފައިގެން، ވޯކްމަނުން ލަވައެއް ޖަހާލައިގެން، ސާފު ސިކުނޑިއަކާއެކު ސަރުކާރުގެ ލޭބާ ޑިޕާޓްމަންޓާ ދިމާލަށް ބައިސްކަލުގައި ދުއްވާފައި ވޫމެއިޑީ އެ ދަނީ އޭނާގެ އަޅުވެތިކަމަށެވެ. އެކަމަކު އޭނާއަކަށް އެކަމެއް ނޭނގެ އެވެ.

"އެއީ އަހަރެންގެ ހަޔާތް އެއްކޮށް ބަދަލުކޮށްލި ދުވަހެއް. ލޭބާ ޑިޕާޓްމަންޓުން އަހަރެން ހަވާލު ކުރީ ސިފައިންނާ. ހަމަ އެ ދުވަހު ދޯންޏަކަށް އަރުވައިގެން ގެންދިޔައީ ގާމާދޫ ޖަލަށް. މި ގެންދެވެނީ ކީއްވެގެންކަން އެއްވެސް މީހަކު ނުބުނޭ. ހަމަ ގެންގޮސް ގޮޅިއަކަށް ލައި ބަންދު ކުރީ،" މީގެ 27 އަހަރު ކުރީގެ ހިތްދަތި ހަނދާންތައް އާ ކުރަމުން ވޫމެއިޑީ، 64 ކިޔައިދިނެވެ.

ރިޗަޑް ވޫމެއިޑީ މާލެ އައީ އޭގެ ނުވަ މަސް ކުރިން ފެބްރުއަރީ، 1993 ގަ އެވެ. ބޭނުމަކީ 10 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހަދައި، އޭނާގެ ވިޔަފާރި ޕާޓްނަރުން ކުއްޔަށް ނަގާފައި އޮތް ބޮޑުފެންވަޅު ގޭގައި ރެސްޓޯރަންޓަކާއި ގެސްޓްހައުސްއެއް ހިންގުމެވެ. ނަމަވެސް ރެސްޓޯރަންޓު ރަނގަޅަށް ހިނގައިގަނެ، މާލޭގައި މަޝްހޫރުވުމާއެކު، ގޭގެ ވެރިފަރާތާއި ވޫމެއިޑީއާ ދެމެދު މައްސަލަ ޖެހެން ފެށި އެވެ. އިސާހިތަކު ރެސްޓޯރަންޓާއި ގެސްޓުހައުސް ބަންދު ކުރަން މަޖުބޫރުވި އެވެ. އަދި އެއަށްފަހު އުފެދިގެން އައި މަދަނީ މައްސަލަގަނޑުގެ ތެރޭގައި ރިޗަޑް ހައްޔަރު ކުރި އެވެ.

އޭގެ ފަހުން، އެއްވެސް ޖިނާއީ ދައުވާއެއްނުކޮށް، ދިވެހި ސަރުކާރުން 15 އަހަރު ޖަލުގައި ރިޗަޑް ގެންގުޅުނެވެ. އޭނާ މިނިވަން ވީ، އަމިއްލައަށް ކުރި މަސައްކަތުން، ރާއްޖެއަށް ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ޕްރެޝަރު ބޮޑުވުމުން 2009 ވަނަ އަހަރު 5،555 ދުވަހު ޖަލުގައި އޮތުމަށްފަހު އެވެ. އެކަމަކު އަދި ވެސް އޭނާއަކަށް އިންސާފެއް ނުލިބެ އެވެ. މިއީ ޗައިނާގެ ޝެންހާއީއަށް ނިސްބަތްވާ، ވޫމެއިޑީ، ދިވެހިންގެ އަޅުވެތިކަމަށް ދިޔަ ގޮތާއި ހުރަގޭގެ އަނދިރިކަމުގެ ތެރެއިން އިސްލާމްކަން ލިބުނު ގޮތާއި އިންސާފު ހޯދުމަށް މިހާރު ވެސް އޭނާ މަސައްކަތް ކުރަމުންދާ ގޮތުގެ ވާހަކަ އެވެ.

ޝަންހާއީ، 1957

ރިޗަޑް ވޫމެއިޑީ އުފަންވީ ޗައިނާގެ ކޮމިއުނިސްޓު ރިވޮލިއުޝަންގެ ބާނީ ޗެއާމަން މާއޯ ޒެދޮންގެ ވެރިކަމުގެ މެދު ތެރޭގަ އެވެ. އޭނާގެ ބައްޕައަކީ ސަރުކާރު ކުންފުންޏެއްގެ ވެރިއެކެވެ. މަންމައަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ، ގެވެހި އަންބެކެވެ. މަންމަ އާއި ބައްޕަގެ ތިން ކުދިންގެ ތެރެއިން ވޫމެއިޑީއަކީ މެދަށް ލިބުނު ކުއްޖާ އެވެ.

"އަހަރެން ބައްޕަ މަސައްކަތް ކުރީ ރަށުން ބޭރުގަ. ގެއަށް އަންނާނީ ވަރަށް މަދުން. އެކަމަކު ބައްޕަ ކައިރިއަށް އަހަރުމެން ތިން ބެއިން ގޮވައިގެން މަންމަ ދާނެ. އެއީ ވަރަށް އުފާވާ، އަދި ކުޑައިރު އެންމެ ހަނދާންވާ އެއް ކަންތައް،" ވޫމެއިޑީ ބުންޏެވެ.

ޝަންހާއީއަކީ ޗައިނާގެ އެންމެ ތަރައްގީ އަދި މަސައްކަތްތެރި އެއް ރަށެވެ. އަދި ރަނގަޅު މުސާރަ ލިބޭ ވަޒީފާއެއްގައި ބައްޕަ އުޅޭތީ އާއި މުއްސަނދި އާއިލާއަކަށް މަންމަ ނިސްބަތްވާތީ، ވޫމެއިޑީގެ ޅަ ދުވަސްތައް ހޭދަ ކުރީ ދަތިކަމެއް ނެތި އުފަލާއެކު އެވެ. އެކަމަކު، ކެރިފޯރުން ކިތަންމެ ބޮޑުވި ނަމަވެސް އޭނާގެ މައިންބަފައިންގެ ފަރާތުން ވޫމެއިޑީއަށް އަބަދުވެސް ދަސްވީ، އަބުއިކަމާއި މަސައްކަތްތެރިކަމެވެ.

"އަހަރުމެން ތިން ބެއިންނަށް ހުންނާނީ ތިން ކުލައިގެ ތަށި. ކެއުމުގެ ކުރިން ޖެހޭނެ އަމިއްލައަށް ތަށިތައް މޭޒުމަތީ ބަހައްޓަން. އަދި ކައި ނިމިގެން ޖެހޭނެ ތަށިތައް ދޮންނަން،" ވޫމެއިޑީ ކިޔައިދިނެވެ.

ވޫމެއިޑީ ބުނީ އޭނާގެ މަންމައަކީ ކުޑައިރު ސްޕޮއިލްވެފައި ހުރި ކުއްޖެކެވެ. ވަކި ބާވަތެއްގެ ކާބޯތަކެތި އޭނާގެ މަންމައެއް ނުކަ އެވެ. ހާއްސަކޮށް ބަކަރި މަސް ފަދަ ތަކެތީގެ ވަސް ޖެހުނަސް ވޫމެއިޑީގެ މަންމަ ހޮޑު ލަވަ އެވެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫންކަން މީހަކާ އިނުމުން ވޫމެއިޑީގެ މަންމައަށް އެނގުނެވެ. އަދި ވޫމެއިޑީ އާއި އޭނާގެ އެއްބަނޑު އެއްބަފާ ދެބެއިންނަކީ، ކާބޯތަކެއްޗާމެދު ގޮތް ކިޔައި، ހިތް ނޭދޭ ތަކެތި ނުކާ މީހުންނަށް ވިޔަނުދޭން އޭނާގެ މަންމަ ވަރަށް މަސައްކަތް ކުރި އެވެ.

"އަހަރުމެން ބޭނުމިއްޔާ ކާ އެތިކޮޅެއް އިތުރަށް ލިބިދާނެ. އެކަމަކު ތައްޓަށް އަޅާ ހުރިހާ އެއްޗެއް ވެސް ކެއުން އެއީ މަޖުބޫރު ކަމެއް. މަންމައަށް ކިތަންމެ ނުބައި ވަސް ދުވިޔަސް، ގޭގައި ވެސް ބަކަރި ކައްކާނެ. އެ ކައްކާއިރު މަންމަ ހުންނާނީ ބޭރަށް ނިކުމެ، މޭ ނުބައި ކުރާތީ. އެކަމަކު އެވަރުން ވެސް އަހަރުމެންނަށް ކާންދޭނެ ބަކަރި މަސް ވެސް،" ކުޑައިރު މަންމަ އޭނާއަށް ދިން ލޯބި ހަނދާންކުރަމުން ވޫމެއިޑީ ކިޔައިދިނެވެ.

ދަނޑުވެރިކަމުގެ ބުރަ މަސައްކަތުގައި 11 އަހަރު

ވޫމެއިޑީ ގްރޭޑް ސްކޫލުގައި ކިޔަވަމުންދިޔައިރު ޗައިނާގެ އިގްތިސާދު ރަނގަޅު ކުރުމުގެ ބޭނުމުގައި އަދި ދައުލަތާމެދު އުފެދޭ ދެކޮޅުވެރިކަން މުލުން ލުހެލުމުގެ ގޮތުން "ފަރުބަދަތަކު މަތިން ރަށްފުށަށް" ކިޔާ ޕްރޮގްރާމްތަކެއް ޗެއާމަން މާއޯ ފެށި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 1968 ވަނަ އަހަރުން ފެށިގެން ދެ އަހަރަށް ޗައިނާގެ ހުރިހާ ސްކޫލެއް ބަންދުކޮށް ޔުނިވާސިޓީ އެންޓްރޭންސް އިމްތިހާނުތައް ކެންސަލް ކުރި އެވެ.

އެ ޕްރޮގްރާމުގެ ދަށުން ޗައިނާގެ އެކި ސިޓީތަކުގައި ކިޔަވައިގެން ތިބި މެދުފަންތީގެ 17 މިލިއަން ޒުވާނުން، ރަށްފުށު ހިސާބުތަކަށް ފޮނުވާލައި، ދަނޑުތަކުގައި މަސައްކަތް ކުރުވަން މަޖުބޫރު ކުރުވި އެވެ. ބުރަ މަސައްކަތާއި ދިރިއުޅެންޖެހޭ ދަތިހާލުގެ ސަބަބުން ދަނޑުތަކަށް ފޮނުވާލި ކުދިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މަރުވި އެވެ. ރިޗާޑް ވޫމެއިޑީއަކީ "ފަރުބަދަތަކުގެ މަތިން ރަށްފުށަށް" މި ޕްރޮގްރާމަށް އެންމެ ފަހުން ފޮނުވި ބެޗުގައި ހިމެނޭ މީހެކެވެ. ޗައިނާގެ މިހާރު ރައީސް ޒީ ޖިންޕިން އަދި ފޮރިން މިނިސްޓަރު ޒާއޯ ލިޖިއަންއަކީ ވެސް މި ބެޗުގައި ދަނޑުތަކަށް ފޮނުވި ކުދިންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

"އެއީ ވަރަށް ބުރަ މަސައްކަތް. ވަރަށް ބުރަ ދިރިއުޅުމެއް. ފަތިހު ހޭލައިގެން މަސައްކަތް ކުރުން އޮންނާނީ ހަމަ ކޮންމެ ދުވަހަކު ވެސް. ކާނެ ގިނަ އެއްޗެހި ވެސް ހައްދަނީ އަހަރުމެން އަމިއްލައަށް. އެކަމަކު ހެއްދޭ ތަކެތިން ނުފުދޭ ނަމަ ބޭރުން ތަކެތި ގަނެވޭ،" ވޫމެއިޑީ ބުންޏެވެ.

ފަރުބަދަތަކުގެ މަތިން ރަށްފުށަށް ޕްރޮގްރާމްގައި ފޮނުވާލި ބައެއް ޒުވާނުން: ގާތްގަނޑަކަށް 17 މިލިއަން ޒުވާނުން ދަނޑުތަކަށް ފޮނުވާލި -- ފޮޓޯ: ވިކިޕީޑިއާ
ފަރުބަދަތަކުގެ މަތިން ރަށްފުށަށް ޕްރޮގްރާމްގައި ފޮނުވާލި ބައެއް ޒުވާނުން: ގާތްގަނޑަކަށް 17 މިލިއަން ޒުވާނުން ދަނޑުތަކަށް ފޮނުވާލި -- ފޮޓޯ: ވިކިޕީޑިއާ

ފަރުބަދަތަކުގެ މަތިން ރަށްފުށަށް ޕްރޮގްރާމްގައި ފޮނުވާލި ބައެއް ޒުވާނުން: ގާތްގަނޑަކަށް 17 މިލިއަން ޒުވާނުން ދަނޑުތަކަށް ފޮނުވާލި -- ފޮޓޯ: ވިކިޕީޑިއާ

ދަނޑުތަކަށް ފޮނުވާ ކުދިން ހުންނަނީ ޔުނިޓުތަކަށް ބަހައިފަ އެވެ. ވޫމެއިޑީގެ ޔުނިޓުގައި 300 ވަރަކަށް ކުދިން އުޅުނެވެ. އޭނާއަށް ޖެހުނީ ގްރޫޕުގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ. އެމީހުން ލައްވައި މަސައްކަތް ކުރުވުމާއި އެ ކުދިންގެ ސިއްހަތަށް ބެލުމަކީ ވޫމެއިޑީގެ ޒިންމާއެކެވެ. އެފަދަ ތަނެއްގައި، އެފަދަ މާހައުލެއްގައި ހުރިހާ ކުދިން ވެސް ގުޅިގެން އުޅުމަށް މަޖުބޫރުވި އެވެ. އެހެންކަމުން މަސައްކަތާއި ސަކަރާތުގައި ވެސް އުޅުނީ ވަރަށް އެކުވެރިކޮށެވެ.

"އަހަރުމެން ފުރަތަމަ ދަނޑުތަކަށް ދިޔައިރު އެކޮމޮޑޭޝަން އެއްކޮށް ނުނިމޭ. އެތަނުގައި ފުރާޅެއް ނެތް. ކަރަންޓެއް ނުހުރޭ. ހިނގާ ފެނެއް ނުލިބޭ. އަލި ހޯދަނީ ތެޔޮ ބައްތި ރޯކޮށްގެން. މުޅި ތަނުގައި ހުންނާނީ ބަންކު އެނދު ޖަހާފަ. އަންހެން ކުދިންނާއި ފިރިހެން ކުދިން ވެސް ބައިތިއްބަނީ އެތަނުގަ. ދެން އެނދު ވަށައިގެން އޮންނާނީ މަދިރި ނެޓު އަޅާފަ. ފުރަތަމަ ދުވަހު ނިދާ ހޭލިއިރު މަދިރި ނެޓުގަ އޮތީ ހުސް ސޫފި. ނެޓު ނުވެސް ފެނޭ. ހޭލުމާއެކީ އަންހެން ކުދިންތައް ރޯން ފަށައިފި. ފިރިހެން ކުދިން މަޖާވެގެން އެ ސޫފިތަކާ ކުޅެން ފެށީ،" ދަނޑުގައި ހޭދަކުރި ބުރަ 11 އަހަރުގެ ތެރެއިން އުފާވެރި ދުވަހެއްގެ ވާހަކަ ވޫމެއިޑީ ކިޔައިދިނެވެ.

ޔުނިވާސިޓީ، ކައިވެނި އަދި ވިޔަފާރީގެ ފެށުން

ދަނޑުގައި މަސައްކަތް ކުރަން ފޮނުވިތާ 11 އަހަރު ފަހުން ޗައިނާގެ ކަލްޗަރަލް ރެވޮލިއުޝަން ނިމުމަކަށް އައިސް ޔުނިވާސިޓީ އެންޓްރެންސް އިމްތިހާނު ހެދުމުގެ ފުރުސަތު ވޫމެއިޑީއަށް ލިބުނެވެ. ފުރުސަތުގެ ބޭނުން ހިފައި، އެންޓްރޭންސް އިމްތިހާނުގެ އިތުރުން ޕްރޮފެޝަނަލް އިމްތިހާނެއް ވެސް ހެދި އެވެ. ޕްރޮފެޝަނަލް އިމްތިހާނަކީ މަސައްކަތުގެ އެކި ދާއިރާތަކަށް އަހުލުވެރިވެފައިވާ މިންވަރު ދަނެގަތުމަށް ހަދާ އިމްތިހާނެކެވެ. އެ އިމްތިހާނުން ވޫމެއިޑީ ފާސްވީ ދޮޅު އަހަރު ކިޔަވައިގެންނެވެ.

ވޫމެއިޑީ ބައިވެރިވީ ޓުއަރިޒަމް ސްކޫލްގަ އެވެ. އެއީ އަށްޑިހައިގެ އަހަރުތަކެވެ. ޓުއަރިޒަމް ސްކޫލުން އޮފާ ކުރި ކޯސްތަކުގެ ތެރެއިން ވޫމެއިޑީ އިހްތިޔާރު ކުރީ ކޭޓަރިން އެންޑް ކުއިޒީން މެނޭޖްމަންޓެވެ. ދަނޑުގައި އުޅުނު ދުވަސްވަރު ކާބޯތަކެއްޗާމެދު އުފެދުނު ޝައުގުވެރިކަމާއި ލޯތްބާ ހެދި ކޮލެޖު ފާސް ފަސޭހަކަމާއެކު ވޫމެއިޑީ ހޯދި އެވެ.

"ކިޔެވުމުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ފަސޭހަކޮށް. އަހަންނަށް ދަނޑުގައި ތަޖުރިބާ ލިބިފަ ހުރީމަ ކޯހުގެ މާއްދާތައް ވަރަށް ފަސޭހަ،" އޭނާ ބުންޏެވެ.

ކޮލެޖްގެ ދުވަސްވަރަކީ ވޫމެއިޑީގެ ހަޔާތުގެ އުފާވެރި ދުވަސްވަރެކެވެ. ދަނޑުގައި ގެއްލުނު އޭނާގެ ފުރާވަރު އުމުރުގައި ނުކުރެވި ހުރި ކަންތައްތައް ކުރުމަށް އޭނާ އަޒުމް ކަނޑައެޅި އެވެ. އަނބިމީހާ ޒާންގްއާ، ވޫމެއިޑީ ކައިވެނި ކުރީ ކޮލެޖް ދުވަސްވަރެވެ. އެއިރު ޒާންގަކީ އީސްޓް ޗައިނާ ޔުނިވާސިޓީ އޮފް ޕޮލިޓިކަލް ސައިންސް އެންޑް ލޯގެ ދަރިވަރެކެވެ. ވޫމެއިޑީގެ އަންހެނުނަކީ ވެސް ކަލްޗަރަލް ރެވޮލިއުޝަންގައި ދަނޑުތަކަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ. ޒާންގާއި ވޫމެއިޑީ ބައްދަލުވީ ވެސް ދަނޑުގައި މަސައްކަތް ކުރުމަށް އުޅުމުގެ ތެރޭގަ އެވެ.

ކޮލެޖު ނިމުމާއެކު ވޫމެއިޑީ އޭނާގެ ފުރަތަމަ ވަޒީފާއަށް ވަނީ ޝަންހާއީ ޝެރެޓަން ހޮޓަލަށެވެ. އެތަނުގައި ހޭދަ ކުރި ފަސް އަހަރު އޭނާ އުޅުނީ ޗައިނާ ރޯސްޓް ކިޗަން އަދި ކޯލްޑް ކިޗަންއާ ހަވާލުވެގެންނެވެ. މާސިންގާ ހޮޓަލެއްގެ ދެ ބަދިގެ އެއް ފަހަރާ ހިންގުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. އަދި މިއީ ވޫމެއިޑީ ފަހުރުވެރިވާ ކަމެކެވެ.

"ފުރަތަމަ ވަޒީފާއިން އަހަރެންނަށް ވަރަށް ގިނަ އެއްޗެހި ދަސްވި. ވިޔަފާރި ކުރަން ފެށީ ވެސް އެ ދުވަސްވަރު. އަހަންނަށް ވަރަށް ގިނަ ފުރުސަތުތައް ހުޅުވިގެންދިޔަ އޭގެ ފަހުން،" އޭނާ ބުންޏެވެ.

ޝެރަޓަން ހޮޓަލުން ލިބުނު ތަޖުރިބާގެ ބޭނުން ހިފައި ވޫމެއިޑީ އެންމެ ފުރަތަމަ ހިންގީ ރެސްޓޯރަންޓެކެވެ. ދުވަސްކޮޅަކުން އެތަން މަޝްހޫރުވެ ޗައިނާގެ ޓީވީ ޕްރޮގްރާމެއްގައި ވެސް ފީޗާ ކުރި އެވެ. އަދި ވިޔަފާރި ވަރަށް ބާރަށް ހިނގައިގަނެ، އެހެން ދިމަދިމާލުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ލިބުނެވެ. އެގޮތުން ދެން އޭނާ ބައިވެރީ، ކާޑު ރީޑް ކުރާ މެޝިން އުފައްދުމުގެ ވިޔަފާރިއެއްގަ އެވެ.

ދިވެހިރާއްޖެއަށް އައުމަށް މަގުފަހި ގޮތް

ކާޑު ރީޑް ކުރާ މެޝިން އުފައްދާ ފެކްޓަރީއަށް ވޫމެއިޑީއާއެކު ޖުމްލަ ފަސް ވިޔަފާރިވެރިއަކު އިންވެސްޓު ކުރި އެވެ. އެއީ ވޫމެއިޑީގެ އިތުރުން އެ ފެކްޓަރީ އުފެއްދި ދެ މީހަކާއި ގަނޑުކޮށް މުދާ ގަނެ ވިއްކާ މީހަކާއި ދަޅުގައި ބަންދުކޮށްގެން ލުއި ބުއިން އުފައްދާ މީހެކެވެ. މި ފެކްޓަރީއަށް އެ ފަސް ވިޔަފާރިވެރިން އިންވެސްޓް ކުރުމުން، ގޮތަކަށް އެ މީހުން ޕާޓްނަރުންނަށްވި އެވެ.

އޭގެ ތެރެއިން ލުއި ބުއިން އުފައްދާ މީހާ އުފައްދާ އެއް ބުއިމަކީ ދަޅުގައި ބަންދުކޮށްފައި ހުންނަ ކުރުނބަ އެވެ. އެކަމަކު ޝަންހާއީން ބޭނުންވާ މިންވަރަށް ކުރުނބާ ނުލިބޭތީ އެ ބުއިމަށް ބޭނުންވާ ރޯ މެޓީރިއަލް އިމްޕޯޓް ކުރަނީ ފިލިޕީންސުންނެވެ. އެކަމަކު ދުވަސްކޮޅަކުން ސަޕްލަޔަރަށް އޮބިނޯންނަ ވަރަށް ޑިމާންޑް އިތުރުވެއްޖެ އެވެ. އަދި ޕްރޮޑަކްޝަން އިތުރު ކުރެވޭނީ އިންވެސްޓް ކޮށްދީގެން ކަމަށް ބުންޏެވެ. ކުރުނބާ ދަޅުގެ މަގްބޫލުކަން ބޮޑުކަމުން އެ އިންވެސްޓު ކުރުމަށް ވޫމެއިޑީމެން އެއްބަސްވި އެވެ. ނަމަވެސް ބޮޑު އިންވެސްޓެއް ކުރާތީ ސީދާ ސައިޓަށް، ފިލިޕީންސަށް ދާން ނިންމި އެވެ. އަދި އެ ދަތުރުގައި، ރުއް ފާމް ކުރާ އެހެން ގައުމުތައް ކަމަށްވާ، ސިންގަޕޫރާއި ސިލޯނަށް ވެސް އިންވެސްޓަރުން ދާން ބޭނުންވި އެވެ.

އެ ދަތުރުގައި ސިންގަޕޫރަށް ދިޔުމަށްފަހު، ސިލޯނަށް ދިޔަ މަގުމަތީގައި ވިޔަފާރިވެރިން ރާއްޖޭގައި މަޑު ކުރި އެވެ. އެ ދަތުރަކު ވޫމެއިޑީއެއް ނާދެ އެވެ. އެކަމަކު ވޫމެއިޑީގެ ޕާޓްނަރުންގެ ތެރޭގައި ހިމެނޭ، މުދާ ގަނޑުކޮށް ގަނެ، ވިއްކާ މީހާ ރާއްޖެއަށް ދިޔަ އެވެ. އަދި ރާއްޖޭގައި އެންމެ ދުވަހެއް މަޑު ކުރުމަށްފަހު، ފުރުސަތުގެ ރަން ހޮހޮޅައެއް އޭނާއަށް ފެނުނެވެ.

"އޭނައަށް ރާއްޖެ ފެނުނީ ވިޔަފާރި ކުރަން ވަރަށް ފަހި ތަނެއްގެ ގޮތުގައި. އެއީ ރާއްޖެއަކު އެއްވެސް އެއްޗެއް ނުއުފައްދާ. ހުރިހާ އެއްޗެއް ވެސް އިމްޕޯޓް ކުރަނީ. އެހެންވެ، އޭނާ ހިތަށް އެރީ މިއީ ވިޔަފާރި ކުރަން ވަރަށް ރަނގަޅު ގައުމެކޭ،" ވޫމެއިޑީ ކިޔައިދިނެވެ.

ޔޫސުފް ރާއްޖެ އައި ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް: ރާއްޖެ އައީ ދެ އަހަރު އުޅުމަށް ގަސްދުކޮށްގެން -- ފޮޓޯ: ޔޫސުފް
ޔޫސުފް ރާއްޖެ އައި ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް: ރާއްޖެ އައީ ދެ އަހަރު އުޅުމަށް ގަސްދުކޮށްގެން -- ފޮޓޯ: ޔޫސުފް

ޔޫސުފް ރާއްޖެ އައި ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް: ރާއްޖެ އައީ ދެ އަހަރު އުޅުމަށް ގަސްދުކޮށްގެން -- ފޮޓޯ: ޔޫސުފް

އެއީ 1992 ވަނަ އަހަރެވެ. އެ ހިސާބުން ރާއްޖޭގެ އިންވެސްޓު ކުރުމުގެ މަސައްކަތް ވޫމެއިޑީގެ ވިޔަފާރި ޕާޓްނަރުން ފެށި އެވެ. އަދި ޔޫއެންޑީޕީގައި މަސައްކަތް ކުރި ޗައިނާގެ ރަހުމަތްތެރިއަކު ލައްވައި ވިޔަފާރި ކުރާނެ ގޮތެއް ހޯދި އެވެ. އެމީހުން ނިންމީ ރާއްޖެއަށް ބަލްކުކޮށް މުދާ އެތެރެކޮށް އެ ވިޔަފާރީގެ އޯވާހެޑް ކޮސްޓް މެނޭޖް ކުރުމަށް ގެސްޓްހައުސްއަކާއި ރެސްޓޯރަންޓެއް ހިންގުމަށެވެ.

ރާއްޖޭގައި ހިންގާ ގެސްޓްހައުސް އާއި ރެސްޓޯރަންޓު ހިންގުމަށް ވިޔަފާރިވެރިންގެ ގްރޫޕުގެ ތެރެއިން އެންމެ އެކަށީގެންވާ މީހާއަކީ ވޫމެއިޑީ ކަމަށްވާތީ އެ މަސްއޫލިއްޔަތު އޭނާއާ ހަވާލު ކުރި އެވެ. ރާއްޖޭގައި ވިޔަފާރި ފެށުމަށް ވޫމެއިޑީ ދަތުރު ހެދީ އެ ހިސާބުންނެވެ.

ދިވެހިރާއްޖެ އައުން އަދި ގްރޭސް ހޮޓަލުގެ ފެށުން

ފެބްރުއަރީ، 1993 ގެ ދުވަހެއްގައި ވޫމެއިޑީ ހުޅުލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ފައި ޖައްސާލި އެވެ. ލޯބިވާ އަނބިމީހާ ޝަންހާއީގައި ބަހައްޓާފައި އޭނާ ރާއްޖެއަށް އެ އައީ ދެ އަހަރުގެ މިޝަންއެއްގަ އެވެ. ވޫމެއިޑީއާ ހަވާލު ކުރި މަސްއޫލިއްޔަތަށް އޭނާ ވަރަށް ބޮޑަށް ކޮމިޓްވި އެވެ. ރާއްޖެ އައީ ދަރިއަކު ހޯދުމަށް އަނބިމީހާއާއެކު ދެކެމުން އައި ހުވަފެންތައް މަޑުޖައްސާލުމަށްފަހު އެވެ.

ވޫމެއިޑީ މާލެ އައުމަށްފަހު އެންމެ ފުރަތަމަ ކުރި ކަމަކީ ރެސްޓޯރަންޓުތަކުން ކެއުމެވެ. މާލޭގެ ނަން މަޝްހޫރު ރެސްޓޯރަންޓްތަކާއި މީހުންނަށް ނޭނގޭ ހުރިހާ ރެސްޓޯރަންޓަކުން ވެސް އޭނާ ކެޔެވެ. ކޮންމެ ރެސްޓޯރަންޓަކަށް ގޮސް އެތަނުގެ މާހައުލާއި ފަރުނީޗަރާއި ވެއިޓަރުންނާއި ކާ ތަކެއްޗާއި އެ ތަކެތި އުފައްދާފައި ހުންނަ ގޮތާއި އަގަށް އޭނާ ހާއްސަ ސަމާލުކަމެއް ދިނެވެ.

"ޗިކަން ޕޯޝަނެއް ގެނައީމަ އަހަންނަށް އެނގޭނެ އެ ތައްޔާރު ކުރަން މި ދަނީ ކިހާ ވަރެއްކަން. އެގޮތަށް އަހަންނަށް އެނގުނު އެއްޗަކީ ރާއްޖޭގައި ހުންނަނީ ވިއްކާ ކޮންމެ އެއްޗަކުން ވެސް 200 ނުވަތަ 300 ޕަސެންޓު ފައިދާ ލާފަކަން. ޗައިނާގައި ފައިދާއަށް އެންމެ ބޮޑުވެގެން ވެސް ލެވޭނީ 50 ނުވަތަ 80 ޕަސެންޓު. އެހެންވެ އަހަންނަށް އެނގުނު ރެސްޓޯރަންޓު ރަނގަޅަށް ހިންގިދާނެކަން،" ވޫމެއިޑީ ކިޔައިދިނެވެ.

ރާއްޖޭގެ ރެސްޓޯރަންޓުތަކުން ވޫމެއިޑީއަށް ދެން ފާހަގަވި ކަމަކީ މާހައުލެވެ. އެ ޒަމާނުގައި ރެސްޓޯރަންޓުތައް ހުންނަނީ ވަރަށް އަނދިރިކޮށެވެ. ކުރިމަތީގައި ބަހައްޓާ ތަށިން ކާއެއްޗެހި ފެންނަނީ އުނދަގުލުންނެވެ. މިއީ ވޫމެއިޑީއަށް ކަމުދިޔަ ގޮތެއް ނޫނެވެ. އޭނާއަށް ލިބިފައި ހުރި އިލްމާއި ތަޖުރިބާ ބުނަމުންދިޔައީ ރާއްޖޭގެ ރެސްޓޯރަންޓު އިންޑަސްޓްރީއަށް އިންގިލާބެއް ގެނައުމަށެވެ. އެހެންވެ، އޭނާ ކުރި ކަމަކީ ސީދާ އެއީ އެވެ.

ގަލޮޅު ބޮޑުފެންވަޅުގޭގައި، ގާޑަންއަކާ އެއްކޮށް، ގްރޭސް އިން އެންޑް ޝަންހާއީ ރެސްޓޯރަންޓު ހުޅުވިއިރު އެއީ ރާއްޖެއިން އޭގެ ކުރިން ފެނުނު ފަދަ ތަނެއް ނޫނެވެ. މެނޫގައި ފެންނަ ތަކެތީގެ އަގު ބޮޑެއް ނޫނެވެ. އެކަމަކު ވަރަށް މީރެވެ. ތަން އޮތީ އަލިކޮށް، ބެކްގްރައުންޑުގައި ޗައިނީސް މިޔުޒިކް ޖަހާފަ އެވެ. ސާވްކޮށްދެނީ ޗައިނާގެ ސަގާފީ ހެދުމުގައި ތިބޭ އެ ގައުމުގެ އަންހެން ވެއިޓަރުންނެވެ. މިއީ ރާއްޖޭގެ ރެސްޓޯރަންޓެއްގައި އަންހެން ވެއިޓަރުން ތިބިި ފުރަތަމަ ފަހަރެވެ.

"ދުވަސްކޮޅަކުން މުޅި މާލެއަށް ރެސްޓޯރަންޓު ވަރަށް މަޝްހޫރުވެއްޖެ. ވަރަށް ގިނަ މީހުން ކޮންމެ ރެއަކު ވެސް އާދޭ. މާލޭގެ ބޭފުޅުން، ރީތިވެގެން، ފޯމަލް ހެދުން ލައިގެން، ކާރުގަ އަންނާނީ. އެފަދަ މާހައުލެއް އޭރު އޮތީ. ވަރަށް ކާމިޔާބުވި ވިޔަފާރި ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ،" ވޫމެއިޑީ ބުންޏެވެ.

އެކަމަކު އެހާ ހިސާބުން ރާއްޖޭގެ ވިޔަފާރި ޕާޓްނަރާ މައްސަލަ ޖެހެން ފެށި ކަމަށް ވޫމެއިޑީ ބުންޏެވެ. ގްރޭސް އިން ރާއްޖޭގައި ހިންގަން ފެށީ 10 އަހަރުގެ އެގްރިމެންޓެއްގެ ދަށުންނެވެ. އެގްރިމެންޓުގައިވާ ގޮތުން ދިވެހި ޕާޓްނަރު ފޯރުކޮށްދޭންޖެހެނީ ވިޔަފާރި ކުރާނެ ބިމެވެ. އެއީ ބޮޑުފެންވަޅުގެ އެވެ. ތަނަށް އިންވެސްޓްކޮށް، ވިޔަފާރި ކުރުމަކީ ވޫމެއިޑީމެންގެ ޒިންމާއެކެވެ. އެކަމަކު ރާއްޖޭގައި ބިދޭސީންނަށް އަމިއްލައަށް ވިޔަފާރި ނުކުރެވޭތީ ގްރޭސް އިން އެންޑް ޝަންހާއީ ރެސްޓޯރަންޓު ރަޖިސްޓްރީކޮށްފައި އޮތީ ލޭންޑްލޯޑްގެ ނަމުގަ އެވެ.

ކުއްލިއަކަށް ޖަލަށް

ދިވެހި ޕާޓްނަރާ ޖެހުނު މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން ބޮޑުވަމުންދިޔަ އެވެ. އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާ ބޭނުންވަނީ ރެސްޓޯރަންޓު ހޯދަންކަން ވޫމެއިޑީއަށް ވިސްނުނެވެ. އަދި ބޭނުން ނަމަ ތަނަށް އިންވެސްޓު ކުރި ފައިސާގެ އެއް ބައި ދީފަ ވިޔަފާރިއާ ހަވާލުވުމަށް ވޫމެއިޑީ ހުށަހެޅި އެވެ. ނަމަވެސް އެގޮތަކަށް ކަންތައް ކުރިއަކަށްނުދިޔަ އެވެ.

މައްސަލަތައް ގިނަވެ އެންމެ ފަހުން، ޖުލައި، 1993 ގައި ރެސްޓޯރަންޓާއި ގެސްޓްހައުސް ވިޔަފާރި ހުއްޓާލި އެވެ. އަދި މައްސަލަ ހައްލު ކުރުމަށް ވޫމެއިޑީ ވަކީލަކު ހޯދި އެވެ. ވަކީލަކު ހޯދުމުން ވޫމެއިޑީއަށް އެނގުނީ ވިޔަފާރި ހިންގުމަށް ހަދާފައި އޮތް އެގްރިމެންޓު ސައްހަ ނޫން ކަމެވެ. އެހެންކަމުން އެ މައްސަލަ ހައްލު ކުރުމަށް އެކި ގޮތްގޮތުން ވޫމެއިޑީ މަސައްކަތް ކުރި އެވެ.

ވިޔަފާރީގައި ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ވޫމެއިޑީ އަވަދިނެތި އުޅުމަށްފަހު އެއް ދުވަހު ހޮޓަލަށް ދިޔައިރު އެއްވެސް މުވައްޒަފަކު ނެތެވެ. ރެސްޓޯރަންޓާއި ހޮޓަލުގައި ވެސް އެއްވެސް މީހަކު ނެތެވެ. އަދި އެމީހުންގެ ހެދުންފަދަ އަމިއްލަ ތަކެއްޗެއް ވެސް ނެތެވެ. ކަންތައްވީ ގޮތް ބެލިއިރު ސަރުކާރުން އެމީހުން ޑީޕޯޓްކޮށްލީ އެވެ. އެ ހިސާބުން ޗައިނާގެ ވިޔަފާރި ޕާޓްނަރުންނަށް ވޫމެއިޑީ ގުޅި އެވެ. އެމީހުން ބުނީ، ތިޔައީ ގެއްލުމެއް ކަމަށް ބަލާފައި ޗައިނާއަށް އެނބުރި އައުމަށެވެ. ނުވަތަ ވޫމެއިޑީ ބޭނުންވާ ނަމަ މައްސަލަ ހައްލު ކުރުމަށް މާލޭގައި މަޑު ކުރުމަށެވެ.

ވޫމެއިޑީ ނިންމީ މާލޭގައި މަޑު ކުރުމަށެވެ. އަދި މައްސަލަ ކޯޓަށް ވެއްދުމަށެވެ. އެހެންވެ ޗައިނާއަށް ލިޔެގެން، ކުންފުންޏާ ބެހޭ ހުރިހާ ޑޮކިއުމެންޓުތަކެއް މާލެ ގެނެސް ކޯޓަށް ދާން ތައްޔާރުވި އެވެ. އެކަމަކު އެ މަސައްކަތުގައި އުޅެނިކޮށް ވޫމެއިޑީގެ ވިޔަފާރި އޮޑިޓް ކުރުމަށް ކަމަށް ބުނެ ސަރުކާރުން ބަޔަކު ފޮނުވި އެވެ. ވަކީލުގެ ލަފަޔާއެކު ވޫމެއިޑީ އެމީހުންނަށް އެ ފުރުސަތެއް ނުދިނެވެ. އެއީ އަމިއްލަ ވިޔަފާރިތައް އޮޑިޓް ކުރުމުގެ ބާރު ސަރުކާރުގެ އޮޑިޓް އޮފީހަށް ލިބިފައިނުވާތީ އެވެ. އެއަށްފަހު ވޫމެއިޑީއަށް ލިބުނީ މިނިސްޓްރީ އޮފް ލޭބާ އެންޑް ޕަބްލިކް ވޯކްސް އިން އެންގި އެންގުމެވެ. އޭގައި އޮތީ ޕްރިޒަންސް ޑިވިޝަނަށް ދިޔުމަށެވެ. އޭގެ ޖަވާބުގައި ވޫމެއިޑީ އެދުނީ ލިޔުމުން އޭނާއަށް އެކަން އެންގުމަށެވެ.

ޕްރިޒަންސް އޮފީހަށް ވޫމެއިޑީ ނުދެ އެވެ. އެތަނަށް ދާކަށް ފަހުން ނުވެސް ބުނެ އެވެ. އެކަމަކު ލޭބާ މިނިސްޓްރީއަށް ދިޔުމަށް ނޮވެމްބަރު 4، 1994 ގައި އޭނާއަށް އެ އޮފީހުން އެންގި އެވެ. ހާޒިރު ކުރާ ސަބަބު އަންގާފައި ނެތް ނަމަވެސް ވޫމެއިޑީ ނިންމީ އެތަނަށް ދިޔުމަށެވެ.

ލޭބާ މިނިސްޓްރީއަށް އެ ދުވަހު ވޫމެއިޑީ ދިޔުމުން އޭނާއާ ލިބުނީ ކުއްލި ސިހުމެވެ. މިނިސްޓްރީން އެދުނީ ޕްރިޒަންސް ޑިވިޝަނާއެކު ވޫމެއިޑީ ދިޔުމަށެވެ. ސަބަބެއް ނުބުނެ އެވެ. އޭނާ ގެންދަން ސިފައިންގެ ޔުނީފޯމުގައި ހަތަރު މީހަކު އައިސްފި އެވެ. އޭނާ ގެންދަން ބޭނުންވާ ސަބަބު ސިފައިން ވެސް ވޫމެއިޑީ ކައިރިއަކު ނުބުނެ އެވެ. އެކަމަކު ހަމަ އެ ދުވަހު އޭނާ ހައްޔަރުކޮށް ދޯންޏަކަށް ލައިގެން ގާމާދޫ ޖަލަށް ގެންދިޔަ އެވެ.

"އަހަރެން ގެންގޮސް ލީ ނުވަ ނަމްބަރު ގޮޅިއަށް. އެވަގުތު އަހަރެންގެ ބަސް ހުއްޓުނު. ބޮލަށް އެއްވެސް އެއްޗެއް ނައި. ވާނުވާ ބުނެދޭނެ މީހަކު ނެތް. އަހަރެން ހުރީ ޝޮކެއްގައި. ހަގީގަތުގައި ވެސް މިކަން މިހެން މި ވަނީބާވައޭ ހިތަށް އެރި،" އެ ބިރުވެރި ދުވަސް ހަނދާން ކުރަމުން ވޫމެއިޑީ ކިޔައިދިނެވެ.

ޖަލުގައި ލިބުނު އަނިޔާ

ޖަލުގައި ހުންނަތާ ތިން ދުވަސް ފަހުން، ގެއަށް ގޮސް، އޭނާގެ އަންނައުނު ގެނައުމުގެ ފުރުސަތު ވޫމެއިޑީއަށް ލިބުނެވެ. އަދި ޗައިނާ އެމްބަސީގެ މީހަކު އައިސް ވޫމެއިޑީއާ ބައްދަލު ކުރި އެވެ. އެކަމަކު އޭނާގެ ފަރާތުން ވޫމެއިޑީއަކަށް މާ ބޮޑު އެހީތަކެއް ނުލިބުނެވެ. ވޫމެއިޑީގެ އުދާސްތައް ބަންޑުންކޮށްލުމުން އެމްބަސީން އެދުނީ ކެތްތެރިވުމަށެވެ.

ހައްޔަރުކުރިތާ ނުވަ މަސް ފަހުން، ސަބަބު ބަޔާން ކުރުމެއްނެތި އޯގަސްޓް، 1994 ގައި ވޫމެއިޑީ ދޫކޮށްލި އެވެ. އެކަމަކު ދޫކޮށްލިތާ އެއް މަސް ދުވަސް ނުވަނީސް އަނެއްކާ ވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި ވޫމެއިޑީ ހައްޔަރު ކުރި އެވެ. މިފަހަރު ނުރަސްމީކޮށް ވޫމެއިޑީއަށް ދައުލަތުން ކުރި ތުހުމަތަކީ ސަރުކާރު އަދި ސަރުކާރުގެ އިސްވެރިންނަށް ފާޑުކިޔުމެވެ.

"އޭގެ ފަހުން އަހަރެން ދުލެއް ނުކުރޭ. އަހަންނަށް ޖެހުނީ ޖަލުގައި އުޅެން ދަސް ކުރަން. އެހެންވީމަ އަހަރެން ކުރި ކަމަކީ އެއީ،" ވޫމެއިޑީ ކިޔައިދިނެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގައި އުޅެން ވޫމެއިޑީ ދަސްކުރި އެވެ. އެކަމަކު މީގެ ކުރިން ރާއްޖޭގެ ޖަލު ބަލަހައްޓާ އޮފިސަރުންނަކީ ގައިދީންނަށް އިހްތިރާމް ކުރާ ބައެއް ނޫނެވެ. ތަރުތީބީ ނިޒާމަކުން ގައިދީންނަށް ޖަލުތަކުގައި ގާޑުން ދިޔައީ އަނިޔާ ކުރަމުންނެވެ. އަދި އެ އަނިޔާއިން ވޫމެއިޑީ ވެސް ސަލާމަތެއްނުވި އެވެ.

އެންމެ ފުރަތަމަ ވޫމެއިޑީއަށް ޖަލު ގާޑުން އަނިޔާ ކުރީ ގާމާދޫ ޖަލު ރޯކޮށްލައިގެން އުޅުނުއިރު އެވެ. އެ ބިރުވެރި ރޭ ވޫމެއިޑީ ގޮނޑިއެއްގައި ބޭންދުމަށްފަހު، 10 ވަރަކަށް މީހުންވެގެން އޭނާގެ ބޮލުގައި "ސިކުނޑި ގުޑާ ވަރަށް" ތެޅި ކަމަށް ވޫމެއިޑީ ބުނެ އެވެ.

"އަނިޔާކޮށް ނިންމާފަ އަހަރެން ދޫކޮށްލުމުން ކޮޅަށް ތެދުވީމަ ހަމަ ހޮޑު ލެވުނީ. ބޯ އަނބުރާފަ ހުރީ. ވަރަށް ގަދަޔަށް އެމީހުން އަނިޔާ ކުރި،" އޭނާ ބުންޏެވެ.

ވޫމެއިޑީއަށް އަނިޔާ ކުރާ މަންޒަރު ކުރަހާފައިވާ ފޮޓޯއެއް: ދެ ފަހަރެއްގެ މަތިން އޭނާއަށް ވަރަށް ބޮޑަށް އަނިޔާ ކުރި ކަމަށް ވޫމެއިޑީ ބުނޭ -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު
ވޫމެއިޑީއަށް އަނިޔާ ކުރާ މަންޒަރު ކުރަހާފައިވާ ފޮޓޯއެއް: ދެ ފަހަރެއްގެ މަތިން އޭނާއަށް ވަރަށް ބޮޑަށް އަނިޔާ ކުރި ކަމަށް ވޫމެއިޑީ ބުނޭ -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު

ވޫމެއިޑީއަށް އަނިޔާ ކުރާ މަންޒަރު ކުރަހާފައިވާ ފޮޓޯއެއް: ދެ ފަހަރެއްގެ މަތިން އޭނާއަށް ވަރަށް ބޮޑަށް އަނިޔާ ކުރި ކަމަށް ވޫމެއިޑީ ބުނޭ -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު

ޖަލުގައި އަނިޔާ ލިބުނު އެހެން ފަހަރަކީ، 2008 ގެ ރިޔާސީ އިންތިހާބުގެ ކުރިން ޖަލު ގާޑުންގެ ތެރޭގައި އުފެއްދި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް ނުވަތަ އެސްޕީޖީ އެވެ. ޖަލުގައި ތިބޭ މީހުން މައިތިރި ކުރަން އެސްޕީޖީއަށް ދީފައި އޮތީ މުތުލަގު ބާރެއް ކަމަށް ވޫމެއިޑީ ބުނެ އެވެ.

"އެއް ދުވަހު ގޮޅިން ނެރެއްޖެ ބިޑި އަޅުވާފަ ގޮޅި ބަދަލު ކުރަން ކަމަށް ބުނެފަ. ބިޑި އަޅުވާފަ ހުރިލެއް ބާރުކަމުން އަހަރެން އެ މައްސަލަ ޖެއްސީމަ އެމީހުން ހެދިގޮތަކީ ބިޑި ފަހަތަށް އަޅުވާފަ، އަހަރެން ޖިޕަށް އަރުވައިގެން އެހެން ހިސާބަކަށް ގެންގޮސް އަނިޔާ ކުރީ. ބިންމަތީގަ ވެސް ދެމި އަތުގަ ހިފައި ބިޑިއަށް ބާރު ކުރަމުން. އަދިވެސް މި ފެންނަނީ އެ ތަން،" ދެ އަތުގައި ހުރި ލަކުނުތައް ދައްކާލަމުން ވޫމެއިޑީ ކިޔައިދިނެވެ.

ޖަލުގައި އިސްލާމްވުން

ޖަލަކީ އެކަނިވެރި ތަނެކެވެ. އެކަނިވެރިކަން ފިލުވާނެ އެކި ގޮތްތައް ގައިދީން ހޯދަ އެވެ. ވޫމެއިޑީގެ އެކަނިވެރިކަން ފިލުވައިދިނީ ފޮތެވެ. ޖަލުގައި ކިޔާނެ މާ ބައިވަރު ފޮތެއް ނުހުރެ އެވެ. އަދި އިނގިރޭސި ބަހުން އޮތީ ގުރްއާން އެކަންޏެވެ. އެހެންކަމުން ފުރަތަމަ ދުވަހަ ވެސް އޭނާ ގުރްއާން ކިޔަން ފެށި އެވެ.

އެންމެ ފުރަތަމަ ގުރްއާން ފޮތުގައި ވޫމެއިޑީ އަތްލިއިރު އޭނާއަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ކުރާ މީހެއް ނޫނެވެ. ކުޑަކުއްޖެއްގެ ގޮތުގައި، މައިންބަފައިންގެ ފުށުން ވެސް ވޫމެއިޑީއަށް ދަސްވެފައި އޮތީ ކަލަކު ވޮޑިގެންނުވާ ކަމަށެވެ. އަދި އޭނާގެ ގިނަ ތިމާގެ މީހުންނާއި އެކުވެރިންނާއި އަވައްޓެރިންނަކީ ވެސް ކަލަކު ގަބޫލު ނުކުރާ މީހުންނެވެ.

ގުރްއާން އަލަށް ކިޔެވިއިރު އޭގައި ހުރި އެއްޗެއް މުޅިން ވޫމެއިޑީއަކަށް ގަބޫލެއް ނުކުރެވުނެވެ. އެކަމަކު ހެޔޮ ކަންކަމަށް ގޮވާލައި، ގުރްއާނުގައި ދައްކަވާފައި ހުރި ވާހަކަތައް އޭނާއަށް އެއިރު ވެސް ގަބޫލު ކުރެވުނެވެ. އެކަމަކު އެއް ދުވަހަކު، ގުރްއާން ފޮތް ކިޔާތާ ހަ އަހަރު ފަހުން 2000 ވަނަ އަހަރުގެ ތެރޭގައި، ކުއްލި ގޮތަށް ވޫމެއިޑީގެ ހިތަށް އަލިކަމެއް ވަނެވެ.

"އަހަރެން ކިޔަމުންދިޔަ އާޔަތުގެ މާނައިގައި އޮތީ އިންސާނުން ހައްދަވާފައި މި ތިބީ ހުރިހާ ކަމެއް ވެސް މޮޅަށް ޑިޒައިން ކުރެވިގެން ކަމަށް. ގުރްއާނުގެ އެކި ހިސާބުގައި ވަރަށް ގިނައިން ދައްކާފައި ހުންނާނެ މި ވާހަކަ. އެ ދުވަހު އެ އާޔަތް ކީ އިރު އަހަރެންނަށް ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ކުރެވެން ފަށައިފި. ދެން ހެދިގޮތަކީ އަލުން ގުރްއާން ފަށައިގެން އެއްކޮށް ކީ. އެކަމަކު މެދާ ހަމައަށް ވެސް ނުދޭ އަހަރެންނަށް ހަމަ އެއްކޮށް ގަބޫލު ކުރެވިއްޖެ. މީގެ ކުރިން ވަރަށް ގިނައިން ގުރްއާން ކިޔާފަ އަހަރެން ހުރީ. އެކަމަކު އެ ދުވަހު ހީވީ އަލަށް ކިޔެވި ހެން،" ވޫމެއިޑީ އިސްލާމްވި ގޮތް އޭނާ ކިޔައިދިނެވެ.

އިސްލާމްވުމަށްފަހު ވޫމެއިޑީގެ ހަޔާތް ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ކަންކަމާމެދު ދެކެމުންދިޔަ ގޮތް ވަރަށް ބޮޑަށް ތަފާތުވެއްޖެ އެވެ. ވޫމެއިޑީ ބޭނުންވީ އިސްލާމް ދީން ދަސް ކުރުމަށެވެ. އެކަމަށް ވަރަށް ބޮޑު ޝައުގެއް ހިތުގައި އުފެދިއްޖެ އެވެ. އެކަމަކު ޖަލަކީ، ޖާހިލުންގެ ގެ އެވެ. އެތަނުގެ ޕޮލިސީއަކީ ހިތާއި ސިކުނޑި ބަންދު ކުރުމެވެ.

"ގޮޅިއަކު ނުހުރޭ ކިޔާނެ ފޮތެއް އެއްޗެއް ދަސްކުރަން ބޭނުންވިޔަސް. ޖަލަށްލާ އެންމެންނަކަށް ދީނެއް ނޭނގޭ. އަހަރެން ގުރްއާން ދަސް ކުރީ އުނދަގުލުން. ގާތްގަނޑަކަށް ފަސް ވަރަކަށް ގޮޅި ދުރުގަ އޮންނަ މީހަކު ކުރާ ކަމަކީ، އޭނާގެ ހެދުން ވީދައިގެން އެތިކޮޅުކޮޅުގައި ލިޔެފަ ދެނީ. އަހަންނާ ހަމައަށް އެ ފޮތިކޮޅު ގެނެސްދޭނީ އެހެން ގޮޅިތަކުގެ މީހުން ޕާސް ކުރަމުން،" އޭނާ ބުންޏެވެ.

އިސްލާމްވުމަށްފަހު ވޫމެއިޑީ އޭނާއަށް ދިން ނަމަކީ ޔޫސުފް އެވެ. ގުރްއާނުން ޔޫސުފްގެފާނުގެ ވާހަކަ ކިޔައި، އޭގެން ޔޫސުފް ގިނަ ފިލާވަޅުތަކެއް ދަސްކުރި އެވެ. ކެތްތެރިވުމަށެވެ. ހުރިހާ ކަމަކީ ވެސް ﷲގެ އިރާދަފުޅު ކަމަށް ރަނގަޅަށް ގަބޫލު ކުރެވުނެވެ. އެހެންވީމަ ކެތްތެރިނުވާންވީ ސަބަބެއް ނެތް ކަމަށް ޔޫސުފްއަކަށް ނުވިސްނުނެވެ.

"ޔޫސުފްގެފާނު ވެސް ޖަލުގައި އޮންނެވީ ނުހައްގުން. އަހަންނަށް ވެސް މެދުވެރިވީ އެފަދަ ގޮތެއް. އެކަމަކު، އަހަރެން ޖަލަށް ނުލި ނަމަ، ހިތަށް އަރާ އަހަރެން އުޅުނު ބިޒީ ހަޔާތުގެ، އިށީނދެލައިގެން ގުރްއާން ކިޔާލާނެ ވަގުތުވާނެ ބާވައޭ. އު ފުރުސަތު ލިބުނީސް ބާވައޭ. މިއީ އަހަންނަށް ތެދު މަގު ދެއްކެވުމަށް ﷲ މެދުވެރި ކުރެއްވި ގޮތް. އެހެންވީމަ އެކަމަށް އަހަރެން ޝުކުރުވެރިވަން،" ޔޫސުފް އޮޅުންފިލުވައިދިނެވެ.

އިންސާފަށް ކުރާ ދިގު ދަތުރު އަދިވެސް ނުނިމޭ

ޖަލުގައި ހޭދަ ކުރި ދުވަސްތަކުގައި ޔޫސުފް އޭނާއަށް އިންސާފު ހޯދުމަށް ވަރަށް ގިނަ މަސައްކަތް ކުރި އެވެ. އޭނާ ގައުމަށް ފޮނުވާލުމަށް ފަހުން ދިވެހި ސަރުކާރުން އެކި ގޮތްގޮތުން މަސައްކަތް ކުރި އެވެ. އެކަމަކު ކުށެއް ނެތް ކަމުގެ ލިޔުމަކާއި އޭނާ ބަންދުކޮށްގެން ގެންގުޅުނީ ނުހައްގުން ކަމަށް ބަޔާން ކުރާ ލިޔުމެއް ނުދޭތީ ޔޫސުފް ބޭނުންވީ ސަރުކާރާއެކު ސެޓްލްމަންޓަކަށް ނުދިއުމަށެވެ.

ދައުވާއެއް ކުރުމެއް، ހުކުމެއް ކުރުމެއް ނެތި ޖަލުގައި ބަންދުކޮށްފައި ހުރުމުން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ޔޫސުފްގެ މައްސަލަ ބަލައިފަ އެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށް 2009 ވަނަ އަހަރު ވޯކިން ގްރޫޕުން ސަރުކާރަށް ގޮވައިލި އެވެ.

"ހައްޔަރު ކުރުމުގެ އަމުރެއް ނެތި، ދައުވާ ކުރުމެއް ނެތި، ކޯޓުން މައްސަލައެއް ބެލުމެއް ނެތި، 15 އަހަރަށްވުރެ ދިގު މުއްދަތެއްވަންދެން ރިޗަޑް ވޫމެއިޑީ ހައްޔަރުކޮށްގެން ގެންގުޅުނީ ގާނޫނީ ހަމައެއްނެތި އަދި އިންސާފުވެރި ޝަރީއަތެއް ލިބުމަށް އޮންނަ ބައިނަލްއަގްވާމީ ހުރިހާ މިންގަނޑުތަކާ ހިލާފަށް،" ޔޫސުފްގެ މައްސަލައިގައި އދ. އިން ބުނެފައިވެ އެވެ.

ޔޫސުފް އޮމްބަޑްސްޕާސަންގެ އޮފީސް ކުރިމަތީގައި ހުއްޓިލައިގެން: އުއްމީދު ކުރަނީ އަދިވެސް އިންސާފު ލިބޭނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ޔޫސުފް އޮމްބަޑްސްޕާސަންގެ އޮފީސް ކުރިމަތީގައި ހުއްޓިލައިގެން: އުއްމީދު ކުރަނީ އަދިވެސް އިންސާފު ލިބޭނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޔޫސުފް އޮމްބަޑްސްޕާސަންގެ އޮފީސް ކުރިމަތީގައި ހުއްޓިލައިގެން: އުއްމީދު ކުރަނީ އަދިވެސް އިންސާފު ލިބޭނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޔޫސުފް ޖަލުން ދޫކޮށްލީ ފެބްރުއަރީ، 2009 ގަ އެވެ. އެއިރު ވެސް އޭނާ ހައްޔަރުކޮށްގެން ގެންގުޅުނު ސަބަބު ބަޔާން ކުރާ ލިޔުމެއް ސަރުކާރުން ނުދެ އެވެ. ދޫކޮށްލީ ބޭސްފަރުވާއަށް ގެނެސް ހޮސްޕިޓަލަށެވެ. ދޫކޮށްލިއިރު ދަތް އުނގުޅާނެ ބުރުހެއް ވެސް އޭނާގެ އަތުގައެއް ނެތެވެ. އަންނައުކަށް އޮތީ ލައިގެން ހުރި އެއްޗެހި އެކަންޏެވެ.

"އަހަރެން ފުރަމަ ނިދީ ޑީޕީއާރްއެސް [ކުރީގެ ކަރެކްޝަންސް] އޮފީހުގެ ކުރިމަތީ. އިންސާނިއްޔަތުގެ ހަމަތަކާ ހިލާފަށް 15 އަހަރު އަހަރެން ހަނދާން ނައްތާލަންވީތޯ؟ ނޫން. އަހަރެންގެ ވިޔަފާރިއަށްވީ ގޮތުގެ ބަދަލު އަހަރެން ބޭނުން. އަހަރެން ޖަލުގައި ގެންގުޅުމުގެ ބަދަލު ބޭނުން. އަހަންނަށް ކަންތައް ކުރީ އިންސާފުން ނޫންކަން ރަސްމީކޮށް ކަނޑައަޅަން އަހަރެން ބޭނުން. އިންސާފު ބޭނުން،" ޔޫސުފް އޭނާގެ އިހްސާސްތައް ބުނެދިނެވެ.

ޔޫސުފްގެ ޕޮލިސް ރިކޯޑެއް ނެތި ހައްޔަރުކޮށްގެން ގެންގުޅުނު ކަމަށް ބުނެ އޭނާއަށް ސަރުކާރުން ލިޔުމެއް ދިނީ ދޫކޮށްލިތާ 11 އަހަރު ފަހުން ނޮވެމްބަރު، 2020 ގަ އެވެ. އެކަމަކު އަދިވެސް އޭނާއަކަށް އިންސާފެއް ނުލިބެ އެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ޔޫސުފްގެ ހިތަށް ވަރަށް އަސަރު ކުރި އެއް ކަމަކީ އޭނާގެ އުފަން ގައުމު ޗައިނާއިން ނުވި އެހީ އެވެ. އޭނާގެ ގޮޅިއަށް ވެއްދި ކިތަންމެ ބިދޭސީއެއްގެ އަތުގައި ހިފައިގެން އެމީހެއްގެ ގައުމުގެ އެމްބަސީން އޭނާ ޖަލުން މިނިވަން ކުރާ މަންޒަރު ޔޫސުފްއަށް ފެނުނެވެ. އެކަމަކު ޗައިނާ އެމްބަސީން އޭނާގެ ހައްގުތައް ކަށަވަރުކުރަން މަސައްކަތްކޮށްފައިނުވާ ކަމަށް ޔޫސުފް ދެކެ އެވެ.

"ޗައިނާ މީހުންނަށް އިންސާނީ ހައްގަކީ ކޮބައިކަން އެނގޭނެ. އަހަރުމެންގެ މި ވަނީ އެތަކެއް ޒަމާނެއް، އެތަކެއް ގޮތަކަށް ދެކިފަ. ޔޫރަޕުން އަހަރުމެންގެ ގައުމު ފޮތި ކޮށްގެން، އަޅުންގެ ދަރަޖައިގަ އަހަރުމެން ގެންގުޅުނު. އެކަމަކު، އެއީ އެ ޒަމާން. ޗައިނާގެ ރައްޔިތަކު އެހެން ގައުމެއްގައި ހައްޔަރުކޮށްގެން އުޅޭއިރު އެއީ އެމްބަސީން ބަލަންޖެހޭނެ ކަމެއް،" ޔޫސުފް ބުންޏެވެ.

މިހާރު ޔޫސުފް ދިރިއުޅެމުންދަނީ މާލޭގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އެއް ކޮޓަރި މަހު ކުއްޔަށް ނަގައިގެންނެވެ. ކުލި ދައްކައި، ކައި ބޮއި ހަދަނީ، ދޭތެރެއަކުން ލިބޭ ތަރުޖަމާ ކުރުން ފަދަ ކުދި މަސައްކަތުންނާއި ރަހުމަތްތެރިންގެ ފަރާތުން ލިބުނު ލޯނުތަކާއި ފައިސާގެ އެހީންނެވެ. ކޯޓް ކޭސް ވިސާއެއްގައި ހުރުމުން އޭނާއަށް ވަޒީފާ އަދާ ކުރުން ގާނޫނީ ގޮތުން މަނަލެވެ. އެކަމަކު މިހާރު ޗައިނާ އެމްބަސީން ވެސް ފައިސާގެ އެހީއެއް ލިބޭނެކަމުގެ އިޝާރާތެއްވެފައިވާ ކަމަށް ޔޫސުފް ބުނެ އެވެ.

ޔޫސުފް އަށް އިންސާފު ހޯދުމަށް މިހާރު އޭނާ ވަނީ އޮމްބަޑްސްޕާސަން އޮފީސް ފޯ ޓްރާންޒިޝަނަލް ޖަސްޓިސްއަށް ހުށަހަޅައިފަ އެވެ. އޭނާގެ އުއްމީދަކީ އެތަނުން އިންސާފު ލިބުމެވެ.

"ކެތްތެރިވާނަން އަބަދުވެސް. އުއްމީދު ވެސް ކުރާނަން. އިރާދަކުރެއްވިއްޔާ އިންސާފު ލިބޭނެ،" ޔޫސުފް ބުންޏެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox