އިދިކޮޅު މެމްބަރުން ވޯޓު ދެއްވީ ބަޖެޓު ފާސްކުރުމާ ދެކޮޅަށް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޕީޖީ ގުރޫޕުން މިދިޔަ ހަފްތާގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ. -ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޕީޖީ ގުރޫޕުން މިދިޔަ ހަފްތާގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ. -ފޮޓޯ: ޕީޕީއެމް

ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި ބައެއް މުއައްސަސާތަކުން ބަޖެޓަށް ޖުމުލަ 73.8 މިލިއަން ރުފިޔާ އިތުރުކޮށް، އަންނަ އަހަރަށް 36.99 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް، ބަޖެޓު ދިރާސާކުރި ކޮމިޓީން ވަނީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ އިތުރުކުރަން ނިންމައިފަ އެވެ.

ކޮމިޓީން ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ކޮމިޓީން ނިންމި ގޮތަށް ބަޖެޓު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވާފައިވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ނުވަ މެމްބަރުންގެ ތެރެއިން އަށް މެމްބަރުންނެވެ.

އިދިކޮޅު ތަމްސީލް ކުރައްވައި މެމްބަރުންގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އިދިކޮޅުގެ ކަންބޮޑުވުމަކީ ކޮބާ؟

ސަރުކާރުން ހުށަހެޅި ބަޖެޓާ ގުޅޭ ބަހުސަށްފަހު މިދިޔަ ހަފްތާގައި އިދިކޮޅު ކޯލިޝަނުގެ ޕާލިމަންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގުރޫޕުގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ބަޖެޓާމެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ހިމަނައިގެން ބަޖެޓު ފައިނޭންސްކުރަން މިހާރު ވެސް 13 ބިލިއަނެއްހާ ރުފިޔާ ބޭނުންވާއިރު، ލަފާކުރާ އާމްދަނީ ނުލިބިއްޖެނަމަ، ބަޖެޓު ޑެފިސިޓް ލަފާކުރާ ވަރަށް ވުރެ ވެސް އިތުރުވެގެންދާނެ އެވެ.

އެގޮތަށް އެކަން މެދުވެރިވެއްޖެނަމަ، ޑޮލަރުގެ އަގާއެކު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ގޮސް ރައްޔިތުން އިތުރަށް ނިކަމެތިވުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ސަލީމް މިއަދު ވެސް ދެއްވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި، ދިވެހި ދައުލަތަށް ލިބޭ އާމްދަނީއިން ހަމައެކަނި ރިކަރަންޓް ހަރަދު ހަމަޖައްސަން ވިސްނައިގެން ބަޖެޓު ދެކޮޅު ނުޖެހޭނެ ކަމަށެވެ.

ރައްޔިތުންނާ ސީދާ ގުޅޭ ކަމަކަށްވާތީ ސަރުކާރުން ހުށަހަޅާ ބަޖެޓަށް މަޖިލީހުގައި ވޯޓު ދިނުމަކީ އިދިކޮޅުން އަބަދުވެސް ގަބޫލުކުރާ އުސޫލެއް ކަމަށާއި، ނަމަވެސް މިހާރު މި ބަޖެޓު އޮތް ގޮތަށް ވޯޓު ނުދޭނެ ކަމުގެ އިޝާރާތެއް ސަލީމް އެ ދުވަހު ވެސް ވަނީ ދެއްވައިފަ އެވެ.

ބަޖެޓު ފާސްކުރަން ދެން ވޯޓު ދެއްވީ ކޮން މެމްބަރުންނެއް؟

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓު ބަހުސްގެ ފުރަތަމަ މަރުހަލާގައި 73 މެމްބަރުންގެ އިތުރުން ކޮމިޓީ ރިޕޯޓަށް ޖުމްލަ 43 މެމްބަރުން 20 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކޮށްފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ބަޖެޓަށް ތާއީދުކުރައްވައި، ސަރުކާރުން ހުށަހަޅާފައިވަނީ "އުއްމީދީ" ބަޖަޓެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވައިފަ އެވެ.

ބަޖެޓުގައި ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުންތަކަށް ވެސް އެމްޑީޕީ މެމްބަރުން ވަނީ ސަރުކާރު ދިފާއު ކުރައްވައިފަ އެވެ.

މިގޮތުން، ކޮވިޑުގެ ހާލަތުން ފުރިހަމައަށް އަރައިގަނެ، ހުރިހާ އަތޮޅެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭއިރު، ހަރަދު ކުރަން ދަރަނި ނަގަންޖެހޭ ކަމަށް އެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

އެއާއެކު ބަޖެޓު ފާސްކުރަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވި އެވެ.

އިދިކޮޅު ކޯލިޝަނުގެ އިތުރުން ވަރަށް ފަހުން މަޖިލިސް ތަމްސީލުކުރާ ޕާޓީއެއްގެ ގޮތުގައި ދަފްތަރުގައި ހިމެނި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލު ކުރައްވާ ތިން މެމްބަރުން ވެސް ވަނީ ބަޖެޓާމެދު ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

މިގޮތުން، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރައްވައިފަ އެވެ.

ނަމަވެސް، ބަޖެޓު ފާސްކުރަން އެ ތިން މެމްބަރުން ވެސް ވޯޓު ދެއްވި އެވެ.

ދެން މަޖިލިސް ތަމްސީލު ކުރާ ޕާޓީތަކުގެ ތެރެއިން، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރުން ވޯޓު ދެއްވާފައިވަނީ ބަޖެޓު ފާސްކުރަން ފެންނަ ކަމަށެވެ.

އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދުގެ ޖަލްސާއަށް ވަޑައިގެންފައެއް ނުވެ އެވެ.

މަޖިލީހުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ހަތަރު މެމްބަރުންގެ ތެރެއިން ބަޖެޓު ފާސްކުރަން ވޯޓު ދެއްވާފައިވަނީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު އެކަންޏެވެ.

ބަޖެޓު ފާސްކުރަން ނެގި ވޯޓުގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވަ އެވެ.

ބަޖެޓު 2022 ގެ ހުލާސާ

ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ.

އެކަމަށް ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައި ވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox