މެޑްރިޑް (ނޮވެމްބަރު 23) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު 2-0 އިން މިރޭ ވިޔަރެއާލް އަތުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.
މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި، ޔުނައިޓެޑަށް މި ފަހަރު އަނެއް ބުރުން ފުރުސަތު ލިބުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ރޮނާލްޑޯ އަށެވެ. ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ މި ފަހަރު ވަނީ ކުޅުނު ފަސް މެޗުން ހަ ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ ގިނައިން ޖަހާފައި ހުރީ ޔުނައިޓެޑަށް ނަތީޖާ ނެރެދޭން މުހިއްމު ގޯލުތަކެވެ. ގިނަ މެޗުތަކުގައި ނަތީޖާ އަނބުރާލީ ރޮނާލްޑޯ ދެއްކި ތަފާތުންނެވެ.
ބާކީ މެޗެއް އޮއްވައި ޔުނައިޓެޑުން އަނެއް ބުރުގެ ޖާގަ ޔަގީންކުރީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ވިޔަރެއާލް އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ޔަންގް ބޯއީޒް އަށް ވަނީ ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެޓަލަންޓާ އާއި ޔަންގް ބޯއީޒް މިރޭ ބައްދަލުކުރާނެ އެވެ.
ވިޔަރެއާލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑަށް އިރުޝާދުދިނީ ވަގުތީ ކޯޗު މައިިކަލް ކެރިކް އެވެ. މިދިޔަ ހޮނިހިރު ދުވަހުގެރޭ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑް އަތުން ބަލިވި މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަނީ ވަކިކޮށްފަ އެވެ. ކެރިކް ކުރިން ހުރީ ސޯލްޝެއާގެ އެސިސްޓަންޓް ކޯޗަކަށެވެ.
ކެރިކް މިރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިން ވަނީ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކަށް ފުރުސަތު ދީފަ އެވެ. މެޗުގައި ވިޔަރެއާލް ލީޑުނެގިޔަ ނުދިނީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާގެ ހުށިޔާރު ކަމުންނެވެ. ވިޔަރެއާލްގެ މަނޫ ޓްރިގޭރޯސް ފޮނުވާލި ދެ ހަމަލާ ވެސް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އަދި ޔެރެމީ ޕީނޯ ޖެހި ބޯޅައެއް އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.
ދެ ވަނަ ހާފްގައި ޔުނައިޓެޑުން ބަދަލެއްގެ ގޮތުގައި ބްރޫނޯ ފެނާންޑޭސް އާއި މާކަސް ރެޝްފޯޑް ކުޅެން އެރުވި ހިސާބުން އެ ޓީމުގެ ކުޅުން ރަނގަޅުވި އެވެ. އޭގެ ނަތީޖާ އަކަށްވީ ޔުނައިޓެޑުން ކުރަމުންދިޔަ މަސައްކަތުގެ ތަފާުތު ފެނި، މެޗުގެ 78 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގުމެވެ.
ވިޔަރެއާލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ޔުނައިޓެޑަށް ގޯލު ޖަހައިދިނީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ޖެހި ބޯޅަ ގޯލަށް ވަނީ ވިޔަރެއާލްގެ ކީޕަރު ޖެރޮއީމޯ ރޫލީ ބޯމަތިން ގޮހެވެ. ކައުންޓަ އެޓޭކެއްގައި ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖެހީ ޖޭޑަން ސަންޗޯ އެވެ. މިއީ ޔުނައިޓެޑަށް ބޮޑު އަގުގައި ބަދަލުވުމަށް ފަހު ސަންޗޯ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ގްރޫޕް އީގެ އެއް ވަނައިގެ ގޮތުގައި އަނެއް ބުރުން ޖާގަ ކަށަވަރުކޮށްފައިވާ ބަޔާން މިއުނިކުން މިރޭ ވަނީ 2-1 އިން ޑިނަމޯ ކިއޭވް ބަލިކޮށް ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. ބަޔާން ވަނީ މިހާތަނަށް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ.
ރޮބަޓް ލެވަންޑޯސްކީގެ އޯވަހެޑް ކިކުން ބަޔާން ލީޑުނެގި މި މެޗުގައި އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ކިންގްސްލީ ކޯމަން އެވެ. ޑިނަމޯ ކިއޭވްގެ ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޑެނީޒް ހަމާޝް އެވެ.












