ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ސްޓެލްކޯ ކްލަބްގެ މައްޗަށް 4-0 އިން ވެމްކޯ ކުރިހޯދިއިރު، ޕޮލިސް ކްލަބުން 4-1 އިން އެލައިޑް ބަލިކޮށްފި އެވެ.
މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި ވެމްކޯ އިން ރެހެންދި ފުޓްސަލް ދެ ވަނަ ދަނޑުގައި ކުޅުނު މެޗުގައި މިރޭ ވަނީ މޮޅަށް ކުޅެ ސްޓެލްކޯ ބަލިކޮށްފަ އެވެ.
ފުރަަތަމަ ހާފުގައި ވެމްކޯ އިން ތިން ގޯލު ޖެހި އެވެ. ތިން ގޯލުގައި ވެސް ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ)ގެ ދައުރު ބޮޑެވެ. ފުރަތަމަ ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ތިން ވަނަ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހާއްޕެ އެވެ.
މެޗު ފަށައިގެން 10 ވަރަކަށް މިނިޓް ފަހުން ސްޓެލްކޯ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ގޮސް ހާއްޕެ ގޯލު ކުރި މައްޗަށް ޖެހި ބޯޅަ ހޯދުމަށް ފަހު މުހައްމަދު އިމްރާން (އިންމި) ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ކުރިން އެސްޓީއޯ ޓީމުން ފެނުނު އިންމި މި ފަހަރު ކުޅެނީ ވެމްކޯ އަށެވެ. ހާއްޕެ ހުރަސްކޮށްލި ބޯޅައަކުން ވެމްކޯގެ ދެ ވަަނަ ގޯލު ޖެހީ ޜީމުގެ ކެޕްޓަން، އަބްދުﷲ މުބީން (މުއްކި) އެވެ. އޭގެ ފަހުން ސްޓެލްކޯ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ގޮސް ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި ހާއްޕެ ވަނީ ވެމްކޯ އަށް ތިން ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.
އަނިޔާގެ ސަބަބުން ވެމްކޯގެ އަބްދުﷲ ޝައްފާން (ޝާކާ) މި މެޗުގައި ނުކުޅެ އެވެ. މި މެޗުގައި އަނިޔާވެގެން ހާއްޕެ އަށް ވެސް ފަރުވާ ދިނެވެ. ދެ ވަނަ ހާފުގައި ވެމްކޯ އިން ޖެހި ފަހު ގޯލަކީ ސްޓެލްކޯގެ އިސްމާއިލް ނަސީމް (ބޯވަ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި ސްޓެލްކޯގެ ތަރި އަލީ މާއިސް (މައްޓު) އާއި ކެޕްޓަން ހާރޫން އިބްރާހިމް (ހާންޑޯ) އަދި ޔޫސުފް އުމެއިރު ޖެހި ބޯޅަތައް ވެމްކޯގެ ކީޕަރު ޒައިދާން އަހުމަދު ވަނީ މަތަކޮށްފަ އެވެ.
ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޕޮލިސް ޓީމުގެ އަހުމަދު ރިޝްފާން ދެ ލަނޑު ކާމިޔާބުކުރި އެެވެ އަނެއް ދެ ގޯލު ޖެހީ ޒާޔިދު މުސްތަފާ އާއި އަލީ ފަހުމީ އެވެ. އެލައިޑްގެ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ފެނުނު އަންސަރު އިބްރާހިމް (އަންކޮ) އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ފުޓްސަލް ފިއެސްޓާގައި މިރޭ ދިވެހި ސިފައިންގެ ކްލަބުން ވަނީ 22-2 އިން ޓްރޭޑް ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގައި ސިފައިންގެ ޓީމަށް ކުޅޭ ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ވަނީ 15 ގޯލު ޖަހައިފަ އެވެ. ސަބީނާ ހާތުން 10 ގޯލު ޖެހިއިރު، ސުމައްޔާ ވަނީ ފަސް ގޯލު ކާމިޔާބުކޮށްފަ އެވެ. ސިފައިން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ.
އަންހެން ޑިވިޝަނުގެ އަނެއް މެޗުގައި ފެނަކަ އާއި ވެމްކޯ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.












