ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ކުޅުނު މެޗުތަކުން ފެނަަކަ، އެމްޕީއެލް، މޯލްޑިވްގޭސް އަދި މީޑިއާނެޓް މޮޅުވެއްޖެ އެވެ.
ފަނަކަ އިން ރާއްޖެ އޮންލައިން (އާރްއޯއެލް) ބަލިކުރީ 9-0 އިންނެވެ. އެމްޕީއެލް އިން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް 3-1 އިން ކުރިހޯދިއިރު، މޯލްޑިވްގޭސް އިން އެމްއެމްއޭ ސޯޝަލް ކްލަބް ބަލިކުރީ 6-4 އިންނެވެ. އަދި މީޑިއާނެޓުން ވަނީ 3-2 އެމްއޭސީއެލް ބަލިކޮށްފަ އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެނަކައިގެ އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. މެޗު ފަށައިގެން އޭނާ އަށް ލިބޭ ކޮންމެ ފުރުސަތެއްގައި އާރްއޯއެލްގެ ފަހަތަށް ބާރުބޮޑުވަމުން ދިޔައިރު، ގޯލު ޖެހުމުގައި އޭނާ ވަނީ ތަފާތު ދައްކައިފަ އެވެ. ފުޓްސަލްގެ ތަރިއެއް ކަމަށްވާ އަޔާޒު އަހުމަދު (އަޔާ)ގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނުއިރު، އޭނާ ވެސް ވަނީ މި މެޗުގައި ލަނޑެއް ޖަހައިފަ އެވެ.
ބަދަލެއްގެ ގޮތުގައި އަރައި ފެނަކަ ޓީމަށް ކުޅޭ ގައުމީ ޓީމުގެ މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އިބްރާހިމް އަރީޝް ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. އަދި ފެނަކައިގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ވެސް ވަނީ ގޯލެއް ކާމިޔާބުކުރި އެވެ.

ލަނޑު ޖެހުމަށް ފަހު މުލަކޭ އާއި އޮންލީ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ފުޓްސަލްގައި ވަރުގަދަ ނަމެއް ކަމަށްވާ އެމްޕީއެލް އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ކޮޅަށް ގޯލުތައް ޖެހީ އަހުމަދު ހުސެއިން އާއި ޓީމުގެ ކެޕްޓަން މުހައްމަދު ޔަފާއު (ޔާ) އަދި އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. ސިފައިންގެ ހަމައެކަނި ގޯލު ޖެހީ އިބްރާހިމް ތޯއިފް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޔާ އެވެ.
މޯލްޑިވްގޭސް އިން އެމްއެމްއޭ ކައިރިން ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖެހި އެވެ. މޯލްޑިވްގޭސްގެ ކެޕްޓަން، ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅުނު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ގޯލު ޖެހީ ގައުމީ ޓީމުގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އެވެ. ފުރަތަމަ ހާފުގައި އެމްއެމްއޭގެ ފޯވާޑް، ޒުވާން ގައުމީ ޓީމަށް ކުރިން ކުޅުނު އަހުމަދު ހުސާމް އެއް ގޯލު ޖެހިއިރު، ދުރުދުރުން އެމްއެމްއޭގެ ކެޕްޓަން މުހައްމަދު ވަހީދު ޖެހި ދެ ޝޮޓުން ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާގިނައިރެއް ނުވެ އެމްއެމްއޭގެ އިބްރާހިމް ސައިފް ގޯލެއް ޖަހައި 4-4 އިން އެއްވަރުކުރި އެވެ. މޯލްޑިވްގޭސް އަށް އަލުން ލީޑުނަގައިދިނީ ޓީސީ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ މުހައްމަދު އަޖުފާން އެވެ. އެ ޓީމުގެ ފަހު ގޯލު ޖެހީ ޗޯޓަށް ވަނީ މެޗުގެ ފަހު ކޮޅުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މީޑިއާނެޓުން މިރޭގެ މެޗުގައި ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މޫސާ އަޒީމް ހަސަން އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ޖަޒްލާން އެވެ. އެމްއޭސީއެލްގެ ގޯލުތައް ޖެހީ އަހުމަދު ސިނާހާއި ހަސަން ސަމްހާން އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަޒީމް އަކީ ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިއެކެވެ.
މުބާރާތުގައި މާދަމާރޭ ފުރަތަމަ ކުޅޭނީ ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ފެނަކަ ކުޅޭނީ ކްލަބް ވެމްކޯއާ އެވެ. ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނީ ޓްރޭޑް ކްލަބާ އެވެ. ފިރިހެން ޑިވިޝަނުގައި އޮންނާނީ ޕޮލިހާއި އެލައިޑް ކުޅޭ މެޗާއި ވެމްކޯ އާއި ސްޓެލްކޯ ބައްދަލުކުރާ މެޗެވެ.












