ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓްގައިވާ ވަގުތަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ހާޒިރުނުވުމުން އެ އޮފީސް ޖޫރިމަނާކޮށްފި އެވެ.
މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ލިބޭ މުހައްމަދު ނަޖާހުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 އަށް ތާވަލުކޮށްފައި އޮތެވެ. ނަމަވެސް, އޮންލައިންކޮށް ހާޒިރުވެގެން ކުރިއަށް ގެންދާ އެ އަޑުއެހުން ފެށުނީ 9:20ގަ އެވެ.
އަޑުއެހުން ފެއްޓެވުމަށްފަހު, ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ "ވަގުތަކީ ރަނަށް ވުރެ ވެސް އަގުބޮޑު އެއްޗެއް" ކަމަށެވެ. އެހެންވެ, ވަގުތަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
އަދި ކޯޓަކުން ވަކި ގަޑިއަކަށް ހާޒިރުވާން އަންގާފައިވާނަމަ އެ ގަޑިއަކަށް ހާޒިރުވާން ޖެހޭނެ ކަމާއި ހާޒިރުވާން އަންގައި ޗިޓަކީ ވެސް ކޯޓުގެ އަމުރެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ކޯޓު އަމުރުތަކަށް ތަބާވުމަކީ ކޮންމެ މީހެއް އަދި ކޮންމެ މުއައްސަސާއެއްގެ މައްޗަށް ވެސް މަޖުބޫރު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް, އޮންލައިންކޮށް ކުރިއަށް ގެންދާ އަޑުއެހުމުގެ ވަގުތު ޖެހުނުއިރު ވެސް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ހާޒިރުނުވެ, ޗިޓާ ހިލާފުވެފައިވާކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. މައްސަލާގައި ވަކާލާތު ކުރައްވާ އެ އޮފީހުގެ ތިން ވަކީލުން އަޑުއެހުމަށް ހާޒިރުވީ 9:11 ހާއިރު އެވެ.

އެހެންވެ, އެކަމުގެ އަދަބެއްގެ ގޮތުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީސް 250ރ. ޖޫރިމަނާކޮށްފައިވާ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ. އަދި އެ ޖޫރިމަނާ ހަތް ދުވަސް ތެރޭ ދައްކަން ޖެހޭނެ ކަމާއި ނުދައްކައިފިނަމަ ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުންނަށް މައްސަލާގެ އަޑުއެހުންތަކުގައި ބައިވެރިނުވެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝީރީންގެ މަރުގެ މައްސަލާގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޖާހުގެ މައްސަލާގެ އެންމެ މަތީ މަރުހަލާގެ ޝަރީއަތުގައި މިއަދު އޮތީ ހުލާސާ ބަޔާން އިއްވުމެވެ. މިއަދުގެ އަޑުއެހުމަށްފަހު ދެން މި މައްސަލާގައި އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. ނަމަވެސް, އެ އަޑުއެހުން އަދި ތާވަލުކޮށްފައެއް ނުވެ އެވެ.












