ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން އުރީދޫއިން އިންތިޒާމުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން މިއަދު ތައްޔާރުވެއްޖެ އެވެ.
ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި ކުރިޔަށްދާ "ހިޔާ އުފާ ޗިލްޑްރެންސް ފެސްޓިވަލް" އޮންނާނީ ހަވީރު 4:00 އިން 6:00 އަށެވެ.
މި ކުޑަކުދިންގެ ހަވީރުގައި ކުދިންނަށް މަޖާ ނަގަން ގިނަ ހަރަކާތްތަކާއި ގޭމުތައް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ހަރަކާތްތަކުގެ ތެރޭގައި ފޭސް ޕެއިންޓިން، ސްނޭކްސް އެންޑް ލެޑާސް، ކަލަރިން ސްޓޭޝަންގެ އިތުރުން ހޫޕްސް ތްރޯ ހިމެނެ އެވެ. އަދި ބޮޑުބެރާއި ޖާދޫގަރެއްގެ ހަރަކާތްތައް ވެސް އޮންނާނެ އެވެ.
އުރީދޫން ވަނީ މީގެ ކުރިން ވެސް މިފަދަ ހަރަކާތްތައް އިންތިޒާމުކޮށްފަ އެވެ. ކުރީ އަހަރުތަކުގައި ވެސް ކުޑަކުދިންގެ ދުވަހާ ގުޅުވާ ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
އުރީދޫން އުއްމީދުކުރަނީ މި އަހަރު ވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު މިތަނަށް އައިސް ހަރަކާތްތަކުގައި ބައިވެރިވާން ދައުވަތު ދެ އެވެ.











