މި ސަރުކާރުން ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދާއިރު ކުދި ރަށްތަކާއި ބޮޑު ރަށްތަކުގެ މެދުގައި ތަފާތު ނުކުރާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ހއ. އަދި ހދ. އަތޮޅުގެ ގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ މަގުހެދުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާ ކަމަށެވެ.
އަދި ކޮވިޑުގެ ތެރޭގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބެލީ ކަންކަން މެނޭޖްކޮށްގެން ވައުދު ފުއްދަންކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ނަތީޖާއަކަށްވީ، މިދިޔަ ތިން އަހަރު މީގެ ކުރިން ދުވަހަކުވެސް ނުހިންގާ މިންވަރަށް ތަރައްގީގެ މަޝްރޫއުތައް ހިންގުންކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އެގޮތުން އެމްޓީސީސީއާއި ފެނަކައިން އިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކާއި ތައުލީމީ ދާއިރާއި ސިއްހީ ދާއިރާއަށް ބެލިނަމަވެސް ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށްދާތަން ފެނިގެންދާނެކަމަށް ފައިސަލް ވިދާޅުވި އެވެ.
އިތުރަށް ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށްގެން ކޮންމެ ރަށެއްގައިހެން އެކި މަޝްރޫއުތައް ހިންގަމުންދާކަމަށެވެ.
އަދި މީގެ ތިން އަހަރު ކުރިޔާ ހިލާފަށް މި ސަރުކާރުން ބަސްބުނެ އުޅުމާއި ހިޔާލުފާޅުކޮށް އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީފައިވާކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
މިއަދު އިފްތިތާހުކުރި ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫއަކީ އެރަށުގެ ޖުމްލަ 11 މަގެއްގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެެވެ.
ނައިބު ރައީސްގެ ދަތުރުފުޅުގައި ހޯރަފުށި ހިމެނޭހެން ޖުމްލަ ހަތަރު ރަށަކަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.
ނައިބު ރައީސް ދެން ވަޑައިގަންނަވާނީ ހދ. ނެއްލައިދުއަށެވެ. އޭގެ ފަހުން ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީއަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ ވަފްދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.














