މާލޭ މަގުމަތިން ހިނގާފައި ދިޔަ މީހަކު ވަގަށް ނެގުމަށްފަހު، އޭނާގެ އަތުން ފައިސާ ހޯދުމަށް އަނިޔާ ކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
މާފަންނަ އުނިގަސް މަގުން ރޭ 11:30 ހާއިރު ހިނގާފައި ދަނިކޮށް ގްރޫޕަކުން ކުރިމަތިލުމަށްފަހު، ވަގަށް ނަގައި އަނިޔާކޮށްފައި ވަނީ ސިފައިންގެ ކޯސްޓު ގާޑުގައި މަސައްކަތް ކުރާ ހަސަން ފަހީމަށެވެ.
މި ނޫހާ ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އުމުރުން 37 އަހަރުގެ ފަހީމް ވަގަށް ނެގި މައްސަލަ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ފަހީމުގެ ފަރާތުން ވެސް މައުލޫމާތު ބޭނުންވާ ކަމަށެވެ.
އޭގެ އިތުރުން ހަމީދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ފަހީމު ވަގަށް ނެގީ އޭނާ ސިފައިންގެ މީހަކަށްވާތީ ނޫންކަން އެނގިފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

"އަހަރުމެން ވަށައިގެން ހުރި ފެކްޓްސްއަށް ބަލާއިރު އެއީ [އެއީ ސިފައިންގެ މީހަކަށްވެގެން] ކުރި ކަމެއް ނޫން،" ހަމީދު ވިދާޅުވި އެވެ.
ފަހީމުގެ ރަހުމަތްތެރިޔަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ އޭނާއަކީ ސިފައިންގެ ހުރިހާ ތަމްރީނެއް ހަދައިގެން ހުރި މީހެއް ކަމަށާއި ވަގަށް ނެގި މީހުންގެ އަތްދަށަށް ފަހީމު ދިޔައީ ގްރޫޕު ބޮޑުވެފައި ފަހަތުން ވެސް ހަމަލާދިނުމުން ކަމަށެވެ.
"ހަމަ އެ ގޯޅިއަށް [އުނިގަސް މަގަށް] ވަން ތަނާ އެ ގްރޫޕު ދިމާކޮށްލައިފި. ދެން ޑިމާންޑު ކުރީ ފައިސާ ދޭން. ދެން އެކަން ނުކުރުމުން ފަހަތުން ބޮލުގަ އެކަކު ޖަހަނީ، ލަކުޑިބުރިއެއް ނުވަތަ ދަގަނޑު ބުރިއަކުން. އެ ހިސާބަކުން ފަހީމަކަށް ނޭނގޭ [މަގުމަތީގައި] ވީނުވީ. ތަނަކަށް ގެންދިޔަކަން އެނގޭ. އެއީ ކޮޓަރިއެއްކަން އެނގޭ،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ކިޔައިދިނެވެ.
ފަހީމުގެ ރަހުމަތްތެރިޔާ ބުނީ އޭނާ ވަގަށް ނަގައިގެން ގެންދިޔަ ކޮޓަރީގައި ހަތް ވަރަކަށް މީހުން ފަހީމަށް ހަމަލާދިން ކަމަށެވެ. ގާތްގަނޑަކަށް ހައެއްކަ ގަޑިއިރު ވަންދެން އަނިޔާ ކުރުމަށްފަހު، ފަހީމު ދޫކޮށްލީ، ފައިސާ ނުލިބޭނެކަން ޔަގީންވެފަ، އޭނާ މަރުވެދާނެތީ ކަމަށް އެ ރަހުމަތްތެރިޔާ ބުންޏެވެ.
"މަރުގެ ތުންފަތް މަތިން ފަހީމު ސަލާމަތްވީ. ހުރިހާ ހެދުމެއް ބާލުވާފައި، އަތްފައި އެއްކޮށް ބަނދެފަ، އަނިޔާ ކުރީ. ގޮސް ދޫކޮށްލީ ވިޔަފާރިވެރިންގެ މިސްކިތް ބިތްދޮށުގައި އޮންނަ ޕާކިން ޒޯނު ކައިރިއަށް. ގެންދިޔައީ ވެސް ބޮލުގަ އެއްޗަކުން ޖަހާ ބުރާންތި ކޮށްލާފަ. ސައިކަލަކަށް ލައިގެން ގެންދިޔައީ. ފަހީމަކަށް މުޅިއަކުން ސާފެއް ނޫން ގެންދިޔަ ގޮތެއް،" އޭނާ ބުންޏެވެ.
ފަހީމުގެ ބުރަކައްޓަށާއި މޫނާއޮ ބޮލަށް އޭނާ ވަގަށް ނެގި މީހުން ހުރީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އޭނާއަށް ހަމަލާދިނުމަށް ލަކުޑި ބުރި އާއި ދަގަނޑާއި ތޫނު އެއްޗެހި ވެސް ބޭނުން ކުރި ކަމަށްވެ އެވެ. އަދި ކަރުގައި ހިފައި ވަރަށް ބޮޑަށް ނޭވާ ވެސް ހާސްކޮށްލި ކަމަށްވެ އެވެ.
ހޮސްޕިޓަލުގައި ފަރުވާ ކުރުމަށްފަހު ފަހީމު ގެއަށް ދޫކޮށްލާފައިވާއިރު އޭނާ ވަގަށް ނެގި މައްސަލަ އެމްއެންޑީއެފުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ފަހީމުގެ ހާލު ބައްލަވައިފަ އެވެ.












