އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ބުނެފި އެވެ.
ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް އެޗްޕީއޭއިން ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތަރަކުން ފެށިގެނެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.
ކޮވިޑުން ރައްކާތެރިވުމަށް ބޫސްޓާ ޑޯޒް މީގެ ކުރިން ޖަހަމުން ދިޔައީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށާއި 60 އަހަރުން މަތީގެ މީހުންނަށާއި އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.
އެޗްޕީއޭއިން ބުނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 50 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށެވެ.
އެގޮތުން އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ނުހައްދާ ވެސް ޖެހޭނެ ކަމަށް އެޗްޕީއޭން ބުނެ އެވެ.

ބޫސްޓާ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މީހާތަނަށް 395195 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ހަމަކޮށްފަ އެވެ. އަދި 361391 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. ބޫސްޓާ ޑޯޒް 5،390 މީހުން ވަނީ ޖަހާފަ އެވެ.












