2.5 ބިލިއަން ރުފިޔާއަށް އަދަަދު ކުޑަކޮށް އޯވާޑްރާފްޓް މުއްދަތު އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކުން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ދީފައިވާ ހުއްދަ އިތުރުކޮށްދޭން ފިނޭންސުގެ ހުށަހެޅުމުގެ ލިމިޓު 2.5 ބިލިއަން ރުފިޔާއަށް ކުޑަކޮށް، އަންނަ އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓުން އޯވާޑްރޯ ކުރެވޭ މުއްދަތު ދައްމާލަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އޯވާޑްރާފްޓް މުއްދަތު އިތުރުކުރުމުގެ މައްސަލައިގައި މަރުކަޒީ ބޭންކު އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލުގެ އިތުރުން ފިނޭންސް މިނިސްޓަރު ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމަށް ފަހު މާލިއްޔަތު ކޮމިޓީން ފާސްކުރީ، ފިނޭންސުގެ ހުށަހެޅުމަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ.

އޭގެ ތެރޭގައި ފިނޭންސުން ހުށަހެޅި 3.5 ބިލިއަން ރުފިޔާގެ އަދަދު ކުޑަކުރުމާއި އިސްތިސްނާ ދައްމާލާ މުއްދަތު އޭޕްރީލް 26، 2023 ގެ ބަދަލުގައި އެ އަހަރުގެ ޑިސެމްބަރު، 31 އަށް ބަދަލުކުރުން ހިމެނެ އެވެ.

ކޮމިޓީން ފާސްކުރި ގޮތް

  • ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ބައެއް މާއްދާތަކަށް އަމަލުކުރުން ފަސްކުރާ އިސްތިސްނާ މުއްދަތު ޑިސެމްބަރު 31، 2023 އާ ހަމައަށް އިތުރުކުރުން.
  • މި އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރެވިފައި ހުރި މިންވަރު ސެކިއުރިޓައިޒްކޮށް އެމްއެމްއޭ އިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުން. ބޮންޑުގެ ކޫޕަން ރޭޓަކީ 2.5 ޕަސެންޓް.
  • އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓުން އޯވާޑްރޯ ކޮށްފައި ހުންނަ އަދަދުން ކޮންމެ ދުވަހަކު އަހަރަކަށް 0.1 ޕަސެންޓު އިންޓްރެސްޓް ރޭޓު ނެގުން.

2.5 ބިލިއަން މައްސަލައެއް ނެތް ކަމަށް އަމީރު ވިދާޅުވި

ކޮމިޓީ ބައްދަލުވުމުގައި އަމީރު ވިދާޅުވީ އޯވާޑްރާފްޓް ހުއްދަ އިތުރުނުކޮށްފި ނަމަ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން ބައެއް ޕްރޮގްރާމްތައް އުނިކޮށް ބަޖެޓު ކުޑަކުރަން މަޖުބޫރު ވާނެ ކަމަށެވެ.

އެގޮތުން މި އަހަރުގެ ނިޔަލަށް އޯވާޑްރާފްޓްކޮށްފައިވާ އަދަދު ސެކިއުރިޓައިޒް ނުކޮށްފި ނަމަ ބަޖެޓު 29 ބިލިއަން ރުފިޔާއަށް ކުޑަކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޯޑީ މުއްދަތު ދަންމާނުލާނަމަ 26 ބިލިއަން ރުފިޔާއަށް ކުޑަކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ކޮމިޓީގައި އެމްއެމްއޭގެ ލަފަޔާއި ގުޅިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެމުން އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ރަނގަޅު ކަމަށް އަމީރު ވިދާޅުވި އެވެ. އަދި 3.5 ބިލިއަން ރުފިޔާއަށް އެދުނީ ކޮވިޑުގެ ބަދަލުވަމުންދާ ހާލަތުގައި އައިސްދާނެ ލޮޅުމަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

ފިނޭންސުން ހުށަހެޅި ގޮތް

  • މި އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކުން އޯވާޑްރޯވެފައި ހުރި މިންވަރު ސެކިޔުރިޓައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒިން ބޮންޑަކަށް ހެދުން.
  • އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެޕްރީލް 26، 2023 ހަމަޔަށް އޯވާ ޑްރޯ ކުރެވޭ އަދަދު 3.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުން.
  • އަންނަ އަހަރުގެ ޖެނުއަރީ 1 ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އޯވާޑްރޯވެފައިވާ ބެލެންސުން އަހަރަކު 0.1 ޕަސެންޓުގައި އިންޓްރެސްޓު ޗާޖުކުރުން.

މީގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ބައެއް އުމްރާނީ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ރާވާފައިވާ ޕްރޮގްރާމުތައް ހުއްޓާލަން ޖެހޭނެ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން މަދުކޮށް، މުސާރަތައް ކުޑަކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޖެޓުގައި ހިމެނޭ ބައެއް މަޝްރޫއުތައް ހުއްޓާލަން ޖެހިދާނެ ކަމަށް ވިދާޅުވުމުން ކޮމިޓީގައި ތިއްބެވި ބައެއް މެމްބަރުންގެ އެ ނޫން ގޮތެއް އޮއްތޯ ސުވާލު ކުރެއްވި އެވެ. ނަމަވެސް ކޭޝް ފްލޯ މެނޭޖް ކުރެވޭނެ ގޮތެއް ނެތުމާއެކު އެ ނޫން ގޮތެއް ނޯންނާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"އިގުތިސޯދު ކުރިޔާރާ ދާނީ މިހާރު މިއޮތް ގޮތަށް އޯޑީ އިސްތިސްނާ ފާސްކޮށްދީގެން،" އަމީރު ވިދާޅުވި އެވެ.

އަމީރު ވަނީ މިއީ ހިރާސް ބޮޑު ކަމެއް ނަމަވެސް، އިގުތިސޯދީ ދުވެލި ހިފަހައްޓަން މުއްދަތު އިތުރުކޮށްދޭން އެދިފަ އެވެ.

އޯޑީ އިތުރުކުރަން އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް އޮފީހުން ތާއީދު

އޯޑީ މުއްދަތު އިތުރުކުރުމާ ގުޅިގެން މަރުކަޒީ ބޭންކުގެ ހުރި މައިގަނޑު ކަންބޮޑުވުމަކީ އިގުތިސޯދުގެ ތެރެއަށް ފައިސާ ޕަމްޕު ކުރުމުން އެކްސްޗޭންޖް ނިޒާމަށާއި އިންފްލޭޝަނަށް އަސަރު ކުރުމެވެ. މިއީ މި މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރި އިރު ވެސް އެމްއެމްއޭ އިން ފާޅުކުރި ކަންބޮޑުވުންތަކެކެވެ.

އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް އަސަރު ކުރާނީ އެކްސްޗޭންޖް ރޭޓަށް ކަމަށާއި، ސަރުކާރުން އޯވާޑްރޯކޮށްގެން މަނިޓައިޒް ކުރާ ނަމަ އެ އަސަރުތައް އޮންނާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެކަމަކު ދައުލަތުގެ ކޭޝްފްލޯގެ ހާލަތަށް ރިއާޔަތްކޮށް އޯޑީ މުއްދަތު އިތުރުކުރަން އެމްއެމްއޭގެ އިއުތިރާޒެއް ނެތެވެ. އެމްއެމްއޭ އިން ލަފާދޭ ގޮތަކީ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ގޮތުގައި ހުރިހާ ގޮތަކަށް ބަލާފައި މަނިޓައިޒް ކުރުމުގެ އަސަރުތައް ކުޑަކޮށް، ސަރުކާރުގެ ހިންގުމަށް ދަތި ނުވާނެ ފަދަ ބަދަލުތަކެކެވެ.

އެމްއެމްއޭ އިން ހުށަހެޅި ގޮތް

  • 4.4 ބިލިއަން ރުފިޔާގެ އޯވާޑްރޯ މުއްދަތު އިތުރުކޮށްދިނުމަށްފަހު އަންނަ އަހަރުގެ ނިޔަލަށް އޯވާޑްރޯ ކުރި އަދަދުގެ ތެރެއިން 2.5 ބިލިއަން ރުފިޔާގެ ބާކީ ސެކިއުރިޓައިޒް ކުރުން.
  • މިހާރު 4.4 ބިލިއަން ރުފިޔާގެ އޯވާޑްރޯ މުއްދަތު އިތުރުކޮށްދިނުމަށްފަހު އަންނަ އަހަރުގެ މެއިގައި އެ އަދަދު 2.5 ބިލިއަން ކުޑަކުރުން އަދި އަހަރު ނިމޭއިރު ބާކީ ހުރި ބައި ސެކިއުރިޓައިޒް ކުރުން.
  • ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރާ އަދަދު އަނބުރާ ދައްކާއިރު ފިނޭންސުން މިހާރު ހުށަހަޅާފައިވާ އިންޓްރެސްޓް 0.1 ޕަސެންޓަށް ވުރެ ބޮޑުކުރުން.

އެމްއެމްއޭ ފަދައިން އޮޑިޓާ ޖެނެރަލް އޮފީހުން ވެސް ލަފާ ދިނީ ސަރުކާރަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް އޯޑީ އިތުރުކުރުމާއި ސެކިއުރިޓައިޒް ކުރާށެވެ. އަދި މިހާރު އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު ބަޔެއް ވެސް ދަރަނިން ހަމަޖައްސަން ހުށަހަޅާފައިވާއިރު، އޯޑީ ރީފައިނޭންސްކުރަން އިތުރު ދަރަނި ނަގަން ޖެހިދާނެ ކަމަށް ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox