އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު (ހަނަފީ) ގެ ސައިކަލަށް ބޮޑެތި ގެއްލުންތަކެއްދިން މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
ހަނަފީ "އަދަދު" އަށް ވިދާޅުވީ ސައިކަލުގެ އިންޖީނަށް ގުޅާފައިި ހުރި ހުރިހާ ވަޔަރުތަކެއް ހުރީ ނައްޓާލާފައި ކަމަށާއި ތަޅުދަނޑި ޖަހާ ތަންވެސް އެއްކޮށް ހަލާކު ކޮށްލާފައިވާ ކަމަށެވެ.
"ހެނދުނު އޮފީހަށްދާން ގޮސް ބަލާލިއިރު ސައިކަލަކަށް އެއްވެސް ގޮތަކަށް ތަޅުދަނޑިއެއްވެސް ނުވަދޭ. ދެން އެތާ ކައިރީ އިން ޖަރާޖެއްގެ މެކޭނިކަކު ގެނެސް ބަލާލިއިރު ސައިކަލުގެ އިންޖީނަށް ގުޅާފަ ހުރި ހުރިހާ ވަޔަރުތަކާ އެއްޗެހި ނައްޓާލާފަ ހުރީ،" ހަނަފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ވައްކަން ކުރުމަށް ދީފައިވާ ގެއްލުންތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ.
"އޭނާ ބަލާފައި ބުނީ އެއީ ވައްކަން ކުރަން އުޅެފައެއް ނޫނޭ. ހަމަ ގެއްލުން ދީފައޭ އެ ހުރީ. ހުންގާނު ލޮކް ކުރާ ދިމާލަކަށް ނެތް އެއްވެސް ގެއްލުމެއް ދީފައެއް. ހަމައެކަނި ތަޅުދަނޑި ޖަހާތަނަށް ހުރީ ދީފަ. ވައްކަން ކުރަން ވެއްޖާ ހުންގާނުތާ އެންމެ ފުރަތަމަވެސް އަންލޮކް ކުރަން މަސައްކަތް ކުރާނީ،"

އެ މައްސަލަ ފުލުހަށް ހުށަހަޅައިގެން ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަނަފީ ވިދާޅުވީ އެއީ ކޮންމެ މީހަކު ކުރި އަމަލަކަށްވިޔަސް އެއީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ. އަދި މިފަދަ ކަންކަން އަމާޒުވި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސާބިތުކަންމަތީ ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުންނާނެ ހިތްވަރު. މުދަލަށް ގެއްލުންދީގެން ކަންކަން ކޮށްގެން އަޅުގަނޑުގެ ހިތްވަރަށް ހަމަ އެއްވެސް ބަދަލެއް ނާންނާނެ. ފަހަތަކަށް ނުޖެހޭނެ،" ހަނަފީ ވިދާޅުވި އެވެ.













