ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތި ވާތީ، އިތުރު ފިޔަވަޅުތަކާއެކު މިހާރު ހުރި ފިޔަވަޅުތައް ވެސް ހަރުކަށި ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ތަސްލީމާ އުސްމާން ވިދާޅުވެއްޖެ އެވެ.
އެޅުމަށް ވިސްނާ ފިޔަވަޅުތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އަތޮޅުތެރޭގެ ހާލަތު ގޯސް
އެޗްއީއޯސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިގެން ދިޔަ ދެ ހަފުތާތެރޭގައި ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުއިސްތައާ ގާތްކުރެ އެވެ. އޭގެ ތެރެއިން އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ސަތޭކައިން މަތީގަ އެވެ.
ރަށްތަކުގައި ކޮވިޑް އިތުރުވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކަށް އަމަލު ކުރުމުގައި ސަމާލުކަން ކުޑަވުމުގެ ސަބަބުން ކަމަށް ތަސްލީމާ ވިދާޅުވި އެވެ. އެހެންވެ، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށްތަކުގެ ޓާސްކްފޯސްތަކާއެކު ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޮނިޓަކޮށް ބެލެހެއްޓުމުގައި ރަށްރަށުގައި ހުރި ތަންފީޒީ އިދާރާތަކަށް އެކަން ކުރެވޭނެ. އެޗްޕީއޭ އިން އަމަލު ކުރާނެ އުސޫލުތައް ވާނީ ޕޯސްޓް ކުރެވިފައި،" ތަސްލީމާ ވިދާޅުވި އެވެ.

ރަށްރަށުގެ ހާލަތު ގޯސްވެފައި ވާއިރު، އިއްޔެ އެކަނި ހަތް ރަށެއް ވަނީ މޮނިޓަރިން އަށް ލާފަ އެވެ. އެއާއެކު ޖުމްލަ އަދަދު ވަނީ 31 އަށް އަރާފަ އެވެ.
މޮނިޓަރިންއަށްލާފައިވާ ރަށްތައް:
- ރ. އަލިފުށި
- ދ. މާއެނބޫދޫ
- ފ. ބިލެއްދޫ
- ގއ. މާމެންދޫ
- ގދ. ފަރެސްމާތޮޑާ
- ނ. ކުޑަފަރި
- ނ. ވެލިދޫ
- ސ. ހިތަދޫ
- ސ. މަރަދޫ
- ސ. މަރަދޫ ފޭދޫ
- ސ. ފޭދޫ
- ސ. ހުޅުމީދޫ
- ލ. ގަން
- ބ. ގޮއިދޫ
- ނ. ހޮޅުދޫ
- މ. މުލަށް
- ނ. ކެނދިކުޅުދޫ
- ކ. ގުރައިދޫ
- ށ. ފުނަދޫ
- މ. ދިއްގަރު
- ނ. މިލަދޫ
- ކ. ހުރާ
- މ. މުލި
- ށ. ގޮއިދޫ
- ބ. ހިތާދޫ
- ތ. ތިމަރަފުށި
- ރ. މަޑުއްވަރީ
- ރ. މީދޫ
- ރ. އިންނަމާދޫ
- ގދ. ކަނޑުހުޅުދޫ
- ފ. ނިލަންދޫ
ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 89،999 އަށް އަރައިފަ އެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން ފަސޭހަ ވެފައިވާ މީހުންގެ އަދަދަކީ 87،538 އެވެ.
ކޮވިޑް ޖެހިގެން 247 މީހުން މަރުވެފައިވާއިރު، އެކްޓިވް ކޭސްގެ އަދަދު މިހާރު ވެސް ހުރީ 2،201 ގަ އެވެ.













