އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އާމެދު ސުވާލު އުފައްދަވައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދެކޮޅު ޖެއްސުމަށް އޮތް ހިރާސް ބޮޑު ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީއަށް ބަޖެޓާމެދު އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އެރުވި ލަފާގައި މައިގަނޑު ކަންބޮޑުވުމަކީ ބަޖެޓު ފައިނޭންސް ކުރަން އޮތް ހިރާސްތައް ބޮޑުކަމެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ. އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ. އެކަމަށް ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައި ވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ބިނާކޮށް ކޮމިޓީއަށް މިއަދު ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނެފައިވަނީ އަންނަ އަހަރު ވެސް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އަދަދުގެ ބޮޑުބައެއް ޓޫރިޒަމަށް ބަރޯސާވެފައިވާއިރު، ކޮވިޑުގެ ހާލަތުގެ ސަބަބުން އެ އަދަދު ނުލިބުމުގެ ހިރާސް ބޮޑު ކަމަށެވެ.
އޭގެ އިތުރުން، އާމްދަނީ އިތުރުކުރަން އަލަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގައިގެން 47.7 މިލިއަން ރުފިޔާ އާއި ބިން ވިއްކައިގެން ލިބޭނެ ކަމަށް އަންދާޒާކުރާ 300 މިލިއަން ރުފިޔާއަކީ ގާނޫނުތަކަށް ބަދަލު ގެނެސްގެން ލިބޭނެ އާމްދަނީ ކަމަށްވާއިރު، އެކަމަށް ވަގުތު ނަގާނެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
އެ ލަފާގައި ބުނީ އިތުރު ރަށްތައް ކުއްޔަށްދީގެން ރިސޯޓު ތަރައްގީ ކޮށްގެން 148 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވީ ނަމަވެސް، މިއަހަރު ދޫކުރަން ކަނޑައެޅި ރަށްތަކަށް ވެސް އިންވެސްޓަރުންގެ އެދެވޭ ތަރުހީބެއް ނުލިބޭކަމަށް ވެސް އެ ލަފާގައި ފާހަގަކޮށްފައި ވެއެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިޔާޒީ ވިދާޅުވީ ބިން ހިއްކައިގެން ބިން ވިއްްކުން ފަދަ ކަންކަމަކީ ވަގުތު ނަގާނެ މަޝްރޫއުތައް ކަމަށާއި، އަންނަ އަހަރު ނިމޭއިރު ވެސް އެ އާމްދަނީ ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އޭގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ފާއިތުވި ދެ އަހަރު ވެސް އަންދާޒާ ކުރި މިންވަރުގެ 50 ޕަސަންޓަށް ވުރެ ބޮޑު އަދަދެއް ނުލިބޭއިރު، އަންނަ އަހަރު ވެސް ހިލޭ އެހީގެ ގޮތުގައި ލަފާކުރާ އަދަދު ނުލިބިދާނެކަމުގެ ކަންބޮޑުވުން ވެސް އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ.
އަންނަ އަހަރު ދައުލަތުގެ ހަރަދު ކުޑަކުރަން ހިމަނާފައިވާ ބައެއް ކަންކަން ހާސިލުވެދާނެ ކަމާމެދު ވެސް ނިޔާޒީ ސުވާލު އުފެއްދެވި އެވެ.
އެގޮތުން، އާސަންދައަށް މިދިޔަ ދެ އަހަރު ވެސް 700 މިލިއަން ރުފިޔާ ހިމެނި ނަމަވެސް، އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހުނުކަން ފާހަގަކުރައްވަމުން، ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައިގެން އަންނަ އަހަރު އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގައި ނުހިފެހިއްޓެއްޖެނަމަ ހަރަދަށް އެ ބައި އިތުރުވެގެންދާނެ ކަމަށް ނިޔާޒީ ވިދާޅުވި އެވެ.
އެގޮތަށް ޖަހާފައިވާ ހިސާބުތައް ހާސިލުނުވެއްޖެނަމަ އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު އެއް ބިލިއަން ރުފިޔާއިން ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ މިކަންތައްތައް ނުވެއްޖެނަމަ މިހާރު ވެސް ނުވަ ބިލިއަން ރުފިޔާގައި ހުރި ޑެފިސިޓަށް އެއް ބިލިއަން ރުފިޔާ އިތުރުވެގެންދާނެ،" ނިޔާޒީ ވިދާޅުވި އެވެ.
އެގޮތަށް އެކަން މެދުވެރިއްޖެނަމަ، މިހާރު އަޕްގްރޭޑް ކޮށްފައިވާ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ގޮސް، ބަޖެޓު ފައިނޭންސް ކުރަން ވިސްނާފައިވާ ސުކޫކާއި ބޮންޑު ވިއްކުން ފަދަ ކަންކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމުގެ އިންޒާރު އޮޑިޓާ ޖެނެރަލް ދެއްވި އެވެ.
އެހެންކަމުން، އަންނަ އަހަރު ބަޖެޓުން ކުރާ ކެޕިޓަލް ހަރަދުތަކަށް އިތުރަށް ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"ބަޖެޓު ހިފެހެއްޓުމަށްޓަކައި އާމްދަނީ ލިބޭ މިންވަރަކުން ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް،" ނިޔާޒީ ވިދާޅުވި އެވެ.













