ރާއްޖޭން ތަޖިިކިސްތާނަށް ދަތުރުކުރާ ދިވެހިންނަށް އަންނަ އަހަރުން ފެށިގެން އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިފި އެވެ.
ތަޖިކިސްތާނުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ތަޖިކިސްތާނުގެ ފޮރިން މިނިސްޓަރު ސިރޯޖިއްދީން މުހްރިއްދީންއާ ދެބޭފުޅުންގެ ދެމެދުގައި ކުރި މަޝްވަރާތަކެއްގެ ތެރެއިންނެވެ.
އެ ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އޮން އެރައިވަލް ވިސާގެ އިންތިޒާމު ހަމަޖައްސައިދިނީތީ އެކަމަށްޓަކައި ތަޖިކިސްތާނުގެ ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.
އަދި އެކަމުގެ ސަބަބުން ރާއްޖެއާ ތަޖިކިސްތާނާއި ދެމެދުގައިވާ ސަގާފީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
ތަޖިކިސްތާނަކީ ސެންޓްރަލް އޭޝިއާ ސަރަހައްދުގައި ބިމުގެ ގޮތުން އެންމެ ކުޑަ އަދި އެންމެ ފަގީރު ގައުމެވެ. އެގޮތުން އެގައުމަކީ ކުރީގެ ސޯވިއެޓް ޔޫނިއަންއިން ވަކިވެގަތް ގައުމުތަކުގެ ތެރެއިން މިހާރު ދުނިޔޭގައި އޮތް އެންމެ ފަގީރު ގައުމެވެ. އަދި އެގައުމަކީ ލޭންޑްލޮކްވެފައިވާ ނުވަތަ ކަނޑަށް ވާސިލުވެވޭނެ ގޮތެއް ނޯންނަ މަދު ގައުމުތަކުގެ ތެރެއިން ވެސް އެއް ގައުމެވެ.

އެ ގައުމުގެ މައިގަނޑު ސިނާއަތްތަކުގެ ތެރޭގައި ކަފަ އާއި އެލުމިނިއަމް އެކްސްޕޯޓް ހިމެނެ އެވެ. އެހެންނަމަވެސް އެ ގައުމުގެ ޖީޑީޕީގެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ، އެގައުމުގައި ވަޒީފާގެ ފުރުސަތު ނެތުމުން، އެ ގައުމުގެ ރައްޔިތުން ރަޝިޔާ ފަދަ އެހެން ގައުމުތަކަށް މަސައްކަތްކުރަން ހިޖުރަކުރުމަށްފަހު އަބުރާ ގައުމަށް ފޮނުވާ ރެމިޓެންސް ފައިސާގެ މައްޗަށެވެ.
ތަޖިކިސްތާނާއެކު ރާއްޖެއަށް އޮން އެރައިވަލް ވިސާ ދެން ލިބޭ އެހެން ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، ތައިލޭންޑް، މޮރޮކޯ އަދި ރަޝިޔާ ހިމެނެ އެވެ. އެ ގައުމުތަކަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އޮން އެރައިވަލް ވިސާ ހަމަޖެއްސި ގައުމުތައް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ. އޭގެ އިތުރުން ވެސް އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާ އިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބެ އެވެ.












