ރާއްޖެއާއި އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައި، ސުވިޒަލެންޑުގައި ހުރެ، "ޖެހިލުން ކުޑަ" ދިވެހި ޑައިވަރު ޝަފްރާޒު ނައީމް މިވަގުތު ތައްޔާރުވަމުން އެ ދަނީ 2022 ވަނަ އަހަރު ރާއްޖެ ދެކޭނެ އެންމެ އާދަޔާ ހިލާފު އިވެންޓު ކާމިޔާބުކުރަން ބޭނުންވާ ހުރިހާ ތަމްރީނެއް ފުރިހަމަކުރަމުންނެވެ. ފަންސާސް ގަޑިއިރު މޫދު އަޑީގައި އޮތުމަށްޓަކައި ހަށިގަނޑު އިމާރާތް ކޮށް، ނަފްސާނީ ގޮތުން ވާންޖެހޭ ތައްޔާރީތައްވެ، ޓެކްނިކަލް ތަމްރީންތައް ވެސް އޭނާ ދަނީ ފުރިހަމަކުރަމުންނެވެ.
"އޯޝަން 650" ގެ ނަމުގައި ޝަފްރާޒު އިސްވެ ރާވާ މި އިވެންޓު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހު އެވެ. މިއީ ދިވެހި ފަތުރުވެރިކަމާއި ޑައިވިން އިންޑަސްޓްރީ އަށް ފަންސާސް ފުރޭ ރަން ޔޫބިލްގެ އެންމެ ހާއްސަ އެއް އިވެންޓެވެ. އިވެންޓާއި ގުޅިފައިވާ އޯޑިއަންސާއި އޭގެ ތެރޭން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކަށް ބަލާއިރު 2022 ވަނަ އަހަރުގެ އެންމެ ޝައުގުވެރި ދިވެހި އިވެންޓަށް ވުން ވެސް އެކަށީގެންވެ އެވެ.
ތާރީހީ އިވެންޓެއް، ދުނިޔޭގެ ސަމާލުކަން ލިބޭނެ!
ކަނޑުގެ ދިރުންތަކަށް ދިމާވެފައިވާ ޕްލާސްޓިކް ޕޮލިއުޝަންގެ ސީރިއަސް މައްސަލަ އަށް މުޅި ދުނިޔޭގެ ސަމާލުކަން ހޯދުމަށް ބާއްވާ މި ޑައިވް އިވެންޓުގައި ބޭރުގެ ޑައިވިން ކޮމިއުނިޓީތަކުންނާއި ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވާނެ އެވެ. އަދި އިވެންޓުގައި އަމަލީ ގޮތުން ބައިވެރިވުމަށް ވެސް ބޭރުގެ ހުނަރުވެރި ޓެކްނިކަލް ޑައިވަރުންނާއި ފިޓްނަސް ޓްރެއިނަރުން ހިމެނޭ ޓީމެއް ޝަފްރާޒު އާއި އެކު ރާއްޖެއަށް އަންނާނެ އެވެ.
އިވެންޓު ކުރިއަށްދާ ވަގުތު، ޓެކްނިކަލް ޑައިވަރުންނާއި މެރިން ސައިންސް ދާއިރާގެ އިލްމީ މީހުން ތަޖުރިބާ އާއި ހޯދުންތަކާއި ކަނޑު އަޑީގެ ދިރުންތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ގެންދާނެ އެވެ. އަދި ގިނަ އަދަދެއްގެ ދިވެހި ޑައިވަރުން ވެސް އިވެންޓު ހިނގަމުންދާ ވަގުތު ދޭތެރެ ދޭތެރެއިން އެ ސަރަހައްދަށް ފީނާނެ އެވެ.
އިވެންޓުގެ ބައެއް މުހިއްމު ހައިލައިޓް ތަކާއި ހިނގާނެ އެންމެ ހާއްސަ ކަންތައްތައް
- 50 ގަޑި އިރު (ދެ ދުވަހާއި ބައި) ޝަފްރާޒު ހޭދަކުރާނީ މޫދުގެ ހަ މީޓަރު އަޑީގައި
- ފީނަން ހަމަޖެހިފައިވަނީ މާލެ އަތޮޅުގެ ފަރަކަށް، މިވަގުތަށް ހަމަޖެހިފައިވަނީ އަންނަންތަރާ ދިގު ކައިރީގައި އޮންނަ 'ކުޑަގިރި' ފަރު (އޮއެވަރާއި ވަޔަށް ބެލުމަށްފަހު ލޮކޭޝަން ބަދަލުވެދާނެ)
- ޝަފްރާޒްގެ ޓީމުގައި މަޝްހޫރު 'ތައި ކޭވް' ރެސްކިއު ޓީމްގެ ޓެކްނިކަލް ޑައިވަރަކު ބައިވެރިވޭ
- މޫދު އަޑީގައި އޮންނަ އިރު ޝަފްރާޒް ކެއުމަށް ބޭނުންކުރާނީ ދިޔާތަކެތި
- އިވެންޓަށް ތައްޔާރުވުމުގެ ގޮތުން ޝަފްރާޒް އަންނަނީ ޖުލައި މަހުން ފެށިގެން ފިޒިކަލް އަދި މެންޓަލް ތަމްރީން ނަގަމުން
- ޓްރެއިނިން ޓީމުގައި ދުނިޔޭގެ ފެންވަރުގެ ކްރޮސްފިޓް ޗެމްޕިއަނެއް ވެސް ހިމެނޭ
- އިވެންޓު ކުރިއަށްދާއިރު ކްރޮސްފިޓް ޗެމްޕިއަނުން މޫދުއަޑީގައި ވޯކްއައުޓް ހުނަރުތައް ދައްކާލާނެ
- ފްރީ ޑައިވް، ޓެކްނިކަލް ޑައިވް ތަޖުރިބާކާރުންނާއި މޫދުގެ ދިރުންތައް ދިރާސާކުރާ މީހުންގެ މަޝްވަރާތައް ކުރިއަށްދާނެ
- އިވެންޓުގައި ޕްލާސްޓިކް ޕޮލިއުޝަން މަދުކުރުމާ ގުޅޭ ޕްލެޖެއް ގައި ޑައިވަރުންނާއި ގިނަ އަދަދެއްގެ ބަޔަކު ސޮއި ކުރާނެ
ޝަފްރާޒުގެ 27 އަހަރުގެ ޑައިވް ތަޖުރިބާއާއެކު ދޭ މެސެޖުގެ އަޑު ގަދަވާނެ!
ފަންސާސް ގަޑި އިރަށް މޫދު އަޑީގައި އޮތުމަކީ އާދައިގެ ކަމެއް ނޫނެވެ. ބާވީހުގެ ޑައިވް ފުރިހަމަވުމުން ޝަފްރާޒާއި އޭނާގެ ޑައިވް ވެގެންދާނީ ސަރަހައްދީ ރިކޯޑަކަށެވެ.

"މިއީ ވަރަށް ރިސްކީ ކަމެއް. ވަރަށް ގިނަ ޓެކްނިކަލް އެކްސްޕަޓީޒް މިކަމަށް ބޭނުންވާ ކަމެއް. އޯޝަން 650 އަކީ މީގެ ދެ އަހަރު ކުރިން 24 ގަޑި އިރަށް ޑައިވް ކުރާ އިވެންޓެއްގެ ގޮތުގައި ރޭވި އިވެންޓެއް. އެކަމަކު ޓެކްނިކަލް އެހީއާއި ފަންޑު އެންމެ ފުރިހަމަ އަށް ނުލިބިގެން އިވެންޓު ފަސް ވީ. އެހެންވީމަ، ފަންސާސް ވަނަ މުނާސަބާ އަންނާތީ އަޅުގަނޑު ހިތަށް އެރީ 50 ގަޑިއިރުގެ ޑައިވް އަކަށް ކިހިނެއް ވާނެ ހޭ އިވެންޓް ބަދަލުކޮށްލަން،" ދިވެހި ޑައިވަރުންގެ މެދުގައި ޖެހިލުންކުޑަ ޑައިވަރެއްގެ ގޮތުގައި މަޝްހޫރު ޝަފްރާޒު ބުންޏެވެ.
އޭނާ އަކީ މިލިޓަރީ ތަމްރީން ހޯދައި، މިދިޔަ 27 އަހަރު ޑައިވްކުރުމުގައި ހޭދަކުރި ރާއްޖޭގެ އެންމެ ކުޅަދާނަ ޑައިވަރުންގެ ތެރެއިން އެކެކެވެ. ދިވެހި ކޯސްޓުގާޑާއި ސްޕެޝަލް ފޯސް އާއި ކަނޑުމަތީގެ ގިނަ އަދަދެއްގެ ދިވެހި ސިފައިން ވެސް ތަމްރީނުކޮށްފައިވެ އެވެ. ފީނުމުގެ އެންމެ ހާއްސަ ތަޖުރިބާތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ އަޑީގެ ކޭވްތައް ވެސް އެކްސްޕްލޯ ކޮށްފައިވެ އެވެ.
"އޯޝަން 650 ވެގެންދާނީ ވަސީލަތް ނެތިގެން ނުވަތަ ފައިސާ ނެތިގެން ޑައިވިންގެ ދާއިރާއިން ކުރިއަށް ނުދެވި ތިބި ދިވެހި ޒުވާނުންނާއި މެރިން ސައިންސުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ފަންޑު ހޯދަން އަޅާ ފައުންޑޭޝަނަކަށް،" އޭނާ ތަފްސީލުކޮށްދިނެވެ.
ޝަފުރާޒު ބުނީ މިފަދަ ތަފާތު މަގްސަދުތަކަކާއެކު، ތަފާތު އަދި ދުނިޔޭގެ ސަމާލުކަން ލިބޭ ފަދަ އިވެންޓެއްގެ ގޮތުގައި އިވެންޓު މެދުވެރިކޮށް ދޭ މެސެޖުގެ އަޑު ގަދަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
'އެކްސްޓްރީމް' އިވެންޓް މެނޭޖުކުރަން ޔުނިކްސް ސްޕޯޓްސް
މި ބޮޑު އިވެންޓު ރާވައި މެނޭޖުކުރާ ޔުނިކްސް ސްޕޯޓްސް އަކީ 2017 ވަނަ އަހަރުން ފެށިގެން ރާޢްޖޭގައި ތަފާތު ކުޅިވަރު އިވެންޓް ތައާރަފުކުރަން މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ ހޮޓް-އެއާ ބެލޫން ފެސްޓިވަލާއި މިދިޔަ އަހަރު ބޭއްވި ސްޓްރީޓް ސޮކާ ޓުއާ އާއި ޕެންޑެމިކްގެ ތެރޭގައި ވާޗުއަލް ކޮށް ކުރިއަށް ގެންދިޔަ ދުވުމުގެ ހަރަކާތަކީ ވެސް ޔުނިކްސްގެ އިވެންޓު ތަކެކެވެ.
"އެކަމަކު އޯޝަން 650 ވާނީ ވަރަށް ތަފާތު ތަޖުރިބާ އަކަށް. މާސް އެކްސްޓްރީމް އިވެންޓަކަށް ވާތީ ވަރަށް ބޮޑަށް ތައްޔާރުވަމުން މިދަނީ." ޔުނިކްސް އިން ބުންޏެވެ.
އިންސާނުންގެ މުސްތަގުބަލާ ގުޅިފައިވާ ބޮޑެތި މައްސަލަތަކުގެ އަޑު އިއްވައި ގިނަ ބައެއްގެ ސަމާލުކަން ހޯދަން އާދަޔާ ހިލާފު އިވެންޓުތައް ހިންގުމަކީ މަގުބޫލު ކަމެކެވެ. ރާއްޖޭގައި މީގެ ކުރިން ވެސް ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ކުރީގެ ރައީސް, މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން މޫދު އަޑީގައި ކެބިނެޓު މީޓިން އެއް ބޭއްވި އެވެ. އެ މީޓިން އާ އެކު ދުނިޔޭގެ އެތައް ބަޔަކަށް ރާއްޖޭގެ ކަންބޮޑުވުންތައް ވާސިލުވި އެވެ. ސަމާލުކަން ލިބުނެވެ.












