ގައުމީ ޓީމުގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ އިތުރުން، ތަފާތު ދައްކާނެ މޮޅެތި ކުޅުންތެރިންތަކެއް ރާއްޖޭގެ ގައުމީ ޓީމުގައި އެބަތިބި ކަމަށް ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރަންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
ސްރީ ލަންކާގައި މާދަމާ ފަށާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި މާދަމާ ރޭ ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނާނެ އެވެ. މިއީ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖެ ނުކުންނަ ފުރަތަމަ ރަސްމީ މެެޗެވެ.
މި މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލަންކާގެ މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން މޮރިއޭރޯ ބުނީ ރާއްޖޭގައި ޓީމުގައި މެޗުގެ ނަތީޖާ ބަދަލުކޮށްލަން ހުރީ ހަމައެކަނި ދަގަނޑޭއެއް ނޫން ކަމަށެވެ. އަދި ޓީމުގައި ތިބި އެހެން ބައެއް ކުޅުންތެރިންނަކީ ވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ. އަދި ރާއްޖޭގެ ޓީމު މަސައްކަތްކުރާނީ ވަކި ކުޅުންތެރިއަކަށް ބަރޯސާނުވެ، ޓީމެއްގެ ގޮތުގައި ކަމަށެވެ.
"އަޝްފާގް އަހަރެން ކައިރީގައި ބުނަމުންދަނީ ކޯޗު ހާސްނުވާށޭ، ތިމަންނަ ލަނޑު ޖަހާނަމޭ. އަޝްފާގަކީ ވަރަށް މޮޅު ކުޅުންތެރިއެއް،" މޮރިއޭރޯ ބުންޏެވެ.
"މެޗެއްގައި ތަފާތު ދައްކާނެ ގިނަ ކުޅުންތެރިންތަކެއް (ރާއްޖޭގެ) ޓީމުގައި އެބަތިބި. އަހަރެމެން މެޗުން މޮޅުވާން މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި."

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ކޯޗު މޮރިއޭރޯ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ދިވެހިރާއްޖެ އާއި ސްރީލަންކާ އެންމެ ފަހުން ބައްދަލުކުރީ މިދިޔަ މަހު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގަ އެވެ. އެ މެޗު 1-0 އިން ރާއްޖެ ކާމިޔާބުކުރީ ދަގަނޑޭ ޖެހި ލަނޑަކުންނެވެ. އެ މެޗުގައި ލަންކާ އިން ވަނީ ފަހުކޮޅުގައި ރާއްޖެ އަށް ވަރަށް ބޮޑަށް ނުރައްކާ ކޮށްފަ އެވެ.
މަހިންދަ ރާޖަޕަކްސަ ކަޕްގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ވާދަކުރަނީ ބަންގަލަދޭޝާއި ސީޝެލްސް އެވެ.
ޕްރެޝަރުގެ ވާހަކަ އަށް މޮރިއޭރޯގެ ސަމާލުކަމެއް ނެތް
މި މުބާރާތުގައި ވާދަކުރާ ހަތަރު ގައުމުގެ ތެރެއިން، ރޭންކިންގެ ގޮތުގައި އެންމެ ކުރީގައި އޮތީ ރާއްޖެ އެވެ. ރޭންކިންނަށް ބަލާއިރު، މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ކުރިމަތިވާ ޕްރެޝަރެއްތޯ ނޫސްވެރިން ސުވާލުކުރުމުން މޮރިއޭރޯ ބުނީ އޭނާ އަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ. އަދި ރޭންކިން އިން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި މޮޅު ޓީމެއް އެނގޭނީ ދަނޑުމަތިން ކަމަށެވެ.
"އަހަންނަށް އެއްވެސް ޕްރެޝަރެއް ނެތް. އަހަރެން މިހުރީ ވަރަށް ހަމަޖެހިގެން،" މޮރިއޭރޯ ބުންޏެވެ.
"ރޭންކިން އަކުން ކުރާނެ ފައިދާއެއް ނޯންނާނެ. ދަނޑުމަތީގައި ނެރޭ ނަތީޖާ އިން މޮޅު ޓީމެއް އެނގޭނީ. ކޮންމެ މެޗަކުން ވެސް ތާރީހުގައި އާ ކަމެއް ލިޔެވޭނެ. އެހެންވީމަ، އަހަރަމެން ބަލަނީ ދަނޑުމަތީގައި އިދިކޮޅު ޓީމުތަކާ ކުރިމަތިލައި، ކުރި ހޯދަން."
މޮރިއޭރޯ ބުނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗުތައް ވެސް އޭނާ ބަލާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ރަނގަޅު ޓީމެއް އެބައޮތް ކަމަށާއި ކުޅުންތެރިން ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމަކީ އޭނާ އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"އަހަންނަށް ފާހަގަކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ހުރިހާ ކުޅުންތެރިން ވެސް ފަރިތަކުރުންތަކަށް ނުކުންނައިރު ހިނިތުންވެފައި ތިބޭކަން. މިއީ ޔޫރަޕްގައި ނުވާނެ ކަމެއް. ކުޅުންތެރިން އެބަ ބޭނުންވޭ ކުރިއެރުން ހޯދަން. އެއީ ވަރަށް މުހިންމު ކަމެއް،" މޮރިއޭރޯ ބުންޏެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހު އެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.
ފައިނަލް މެޗު އޮންނަ ދުވަހަށް ބަދަލު ގެނައީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ޝެޑިއުލަށް ބެލުމަށް ފަހު އެވެ. ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ އިންފަންޓީނޯ އެވެ.
ރާއްޖޭން ވަނީ 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ 23 އަހަރުން ދަށަށް ހާއްސަކޮށްގެންނެވެ.
ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 20:30 ގަ އެވެ. އެކަމަކު، 19:30 މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ފަށާނެ އެވެ. މާދަމާ ހަވީރު ކުޅޭނީ ސީޝެލްސް އާއި ބަންގްލަދޭޝްގެ މެޗެވެ.












