ލިވަޕޫލް މެޗަކީ މާޒީ، ސޯލްޝެއާ ބޭނުމީ މެންޗެސްޓާ ސިޓީ ބަލިކުރަން

Nov 6, 2021, 2:50 AM
އެޓަލަންޓާ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ އެ ޓީމުގެ ކުޅުންތެރިންނާ އެކު.-- ފޮޓޯ: އޭއެފްޕީ

އެޓަލަންޓާ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ އެ ޓީމުގެ ކުޅުންތެރިންނާ އެކު.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވާދަވެރި ލިވަޕޫލް އަތުން ބަލިވި ހިތްދަތި މެޗަކީ މާޒީ ކަމަށާއި މިހާރު އަމާޒަކީ މިއަދު ހަވީރު އަމިއްލަ ދަނޑުގައި އަވައްޓެރި ކްލަބް، މެންޗެސްޓާ ސިޓީ ބަލިކުރަން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުން ވަނީ ޒަމާންވީ ވާދަވެރިޔާ ލިވަޕޫލް އަތުން 5-0 އިން ބަލިވެފަ އެވެ. އޭގެ ފަހުން ޔުނައިޓެޑް ކުޅުނު ދެ މެޗު ވެސް ކުޅުނީ ރަށުންބޭރުގަ އެވެ. އެއީ ލީގުގައި ޓޮޓެންހަމް އަތުން 3-0 އިން މޮޅުވި މެޗާއި ޗެމްޕިއަންސް ލީގުގައި އެޓަލަންޓާއާ 2-2 އިން އެއްވަރުވި މެޗެވެ. ލިވަޕޫލް އަތުން ބަލިވި މެޗަށް ފަހު އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް މިއަދު ޔުނައިޓެޑް ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ.

"ތެދެއް ލިވަޕޫލްގެ އެ މެޗަކީ އަހަރަމެންގެ ތާރީހުން ފޮހެވޭނެ މެޗެއް ނޫން. އެކަމަކު، ބުނެވޭނީ އޭގެ ފަހުން މިވީ ދެ ހަފްތާއެއްހާ ދުވަސްތެރޭ އަހަރެމެންނަށް އެކަމުން އަރައިގަނެވިއްޖެއޭ. އެކަން ސާބިތުކޮށްދޭން ބަލާއިރު ސިޓީ މެޗުން މޮޅެއް ހޯދުން ވަރަށް މުހިއްމު،" މިއަދުގެ މެޗުގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ސޯލްޝެއާ ބުންޏެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ޔުނައިޓެޑް މޮޅުވީ އެންމެ ފަހަރަކު އެވެ. އެގޮތަށް ރެކޯޑް އޮތް ކަމުގައި ވިޔަސް މިއަދު ސިޓީ އަތުން މޮޅުވެގެން އެ ޓީމާ ޕޮއިންޓުގެ ގޮތުން ހަމަކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތީ ހުޅުވިފަ އެވެ. ސޯލްޝެއާ ހުރީ މިއީ ހާލަތު ބަދަލުކޮށްލަން ބަލާއިރު، ލިބިފައި އޮތް ރަނުގެ ފުރުސަތެއްގެ ގޮތުގައި ދެކި ބޭނުންހިފަން އަޒުމުކަނޑައަޅައިގެންނެވެ.

"މިއީ ލޯކަލް ޑާބީއެއް. އަހަރެމެންނަށް އެނގޭ ކިހާ ކަމެއް މި މެޗުން ހާސިލް ކުރެވޭނެކަން. އެހެންވީމަ ކޮންމެ ގޮތެއް ހަދާފައިވިޔަސް މޮޅުވާން ބޭނުން،" ސޯލްޝެއާ ބުންޏެވެ.

މި މެޗާ ކުރިމަތިލާއިރު، ޔުނައިޓެޑަށް އޮތް ހިތްނުތަނަވަސް ކަމަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމެވެ. އެކަމަކު، ސޯލްޝެއާ އަށް ހިތްހަމަޖެހުމެއް ވެސް އެބައޮތެވެ. އެއީ އެ ޓީމުން އެންމެ ބޮޑަށް ބަރޯސާވާން ޖެހޭ ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށްވާތީ އެވެ.

"އަހަންނަކަށް ނޭނގޭ އޭނަ (ރޮނާލްޑޯ)އާ ބެހޭގޮތުން މީހުން ދައްކާނެ ގޯސް ވާހަކައެއް އޮންނާނެ ކަމެއް. ޔަގީނުން ވެސް ރޮނާލްޑޯ އަކީ މި ޕްލެނެޓްގައި ފުޓްބޯޅަ ކުޅޭ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ،" ރޮނާލްޑޯ އަށް ތައުރީފުކުރަމުން ސޯލްޝެއާ ބުންޏެވެ.

އެންމެ ފަހުގެ މެޗުތަކަށް ބަލާއިރު، ސިޓީއާ ދެކޮޅަށް ލީގުގައި ޔުނައިޓެޑްގެ ރެކޯޑް ރަނގަޅެވެ. އެންމެ ފަހުން ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑް ބަލިވެފައިނުވެ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ދެކޮޅަށް މިހާތަނަށް ސޯލްޝެއާ ނުކުތް އަށް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. އެކަމަކު، ސޯލްޝެއާ ވަނީ މިއީ އޭނާ އާއި ގާޑިއޯލާއާ ދެމެދު އޮތް ވާދަވެރިކަމެއްގެ ގޮތުުގައި ނުހަދަން އެދިފަ އެވެ.

ގާޑިއޯލާ ބުނީ މި ވަގުތުގެ ހާލަތަށް ބަލާއިރު، އެކި ގޮތްގޮތުން މި މެޗުގެ މުހިއްމުކަން ދެ ޓީމަށް ވެސް ބޮޑު ކަމަށެވެ. އެކަމަކު، މިއީ ލީގުގެ މަގާމެއް ކަނޑައެޅޭނެ މެޗަކަށް ނުވާއިރު، މާ ބޮޑަށް ފޯރި އަރުވައިގެން ދެ ޓީމަށް ޕްރެޝަރު ދީގެން މި މެޗުން ހާސިލްކުރެވޭނެ ކަމެއް ނެތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"އަހަރެން ބޭނުމީ ބޯ ހަމަޖައްސާލައިގެން މި މެޗާ ކުރިމަތިލާން. މާ ބޮޑަށް ފޯރިގަދަ ކޮށްލައިގެން އަންނަން ނުޖެހޭ ޕްރެޝަރެއް ގެންނަން ޖެހޭ ވަރުގެ މެޗެއް ނޫން މިއީ. އެއީ މިއީ ލީގެއް. އަހަރެމެން ގަބޫލުކުރަން ޖެހޭ މި މެޗުން މޮޅުވެގެން ޓްރޮފީއެއް ހޯދޭކަށް ނެތް. އެހެންވީމަ ރަނގަޅު ފުޓްބޯޅައެއް ކުޅެން ހަމަޖެހިލަން މާ ރަނގަޅުވާނެ،" ގާޑިއޯލާ ބުންޏެވެ.

ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، ސިޓީ އަށް ވަނީ ސަސްޕެންޝަނުގެ މައްސަލަ ކުރިމަތިވެފަ އެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ސިޓީގެ ސްޕެއިން ޑިފެންޑަރު އައިމެރިކް ލަޕޯޓް ހުރީ ސަސްޕެންޝަނުގަ އެވެ.

ސިޓީއާ ދެކޮޅަށް ޔުނައިޓެޑުން އެ ޓީމުގެ ހޯމް ސްޓޭޑިއަމް، އޯލްޑް ޓްރެފޯޑްގައި މިއަދު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:30ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox