އަސާސީ ހުރިހާ ބޭހެއް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބެހެއްޓުމަށް ބޭސްފިހާރަތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައި އަދި އެކަން ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.
މިނިސްޓްރީ ހެލްތުގެ ދަށުން ހިންގާ އެ އެތޯރިޓީން އިއްޔެ ގެޒެޓްކުރި އިއުލާނެއްގައި ބުނީ ބޭސްފިހާރައިގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަކަމާ އެކު ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ.
ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާންމުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާވެސް ދަނީ ލިބެމުންނެވެ. ވީމާ އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާމަސީތަކަށް އިލްތިމާސް ކުރަމެވެ،"
ރަޖިސްޓާޑް ހުރިހާ ބޭސްފިހާރަތަކަކުން ވެސް އެ އިންތިޒާމު ހަމަޖައްސަން ޖެހޭކަން އާއްމުކޮށްފައި އަންގައި ކުރި އިއުލާނުގައި އިތުރަށް ބުނީ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އާއި އޯވާ ދި ކައުންޓާ މެޑިސިން (އޯޓީސީ) ވެސް ބޭސްފިހާރަތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމަށެވެ.
އަދި އަސާސީ ބޭސް ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ ތިން މަހަކުން އެއް މަހު، އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް، ބާކީ ހުރިވަރު އެނގޭ ގޮތަށް އެ އޮތޯރިޓީއަށް ލިޔުމުން ހުށަހަޅަން ވެސް އަންގާފައިވެ އެވެ.

އަދި އެ އިއުލާނާ އެކު ހީރަސް ކުރެވިފައިވާ ލިސްޓްގައިވާ ބޭސްތައް ފާމަސީތަކުގައި ބަހައްޓާފައި ނުވާނަމަ، ބޭހާއި ބެހޭ ގަވާއިދާއި ސިއްހީ ހިދުމަތް ދިނުމުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.











