ލީކުވިކަމަށް ބުނާ އޯޑިއޯގެ މައްސަލައާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަނުން ގާޒީ ހުސެއިން ފާއިޒު ރަޝާދު ސަސްޕެންޑްކޮށްފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އެ އޯޑިއޯތަކުގެ ފޮރެންސިކް އެނަލިސިސްއިން، އެ އޯޑިއޯތަކާއި ގާޒީ ފާއިޒްގެ އަޑާ ދިމާވާކަމަށް ދައްކާތީވެ، ގާޒީ ފާއިޒުގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގެ ބާވަތަށާއި ތަހުގީގުގެ ހޯދުންތަކަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ގާޒީ ފާއިޒް މާދަމާއިން ފެށިގެން 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެ އެވެ.
ޖޭއެސްސީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، އެ އޯޑިއޯތަކުގައި ހިމެނޭކަމަށް ބުނާ ތިން ގާޒީންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ، އެ އޯޑިއޯތަކުގައި ވާހަކަ ދައްކާފައިވާ މީހާގެ އަޑު ދިމާ ނުވާކަން ފުލުހުންގެ ތަހުލީލުން ކަށަވަރު ވެފައިވާ ކަމަށެވެ. އެހެންނަމަވެސް ގާޒީ ފާއިޒްގެ އަޑާ އޯޑިއޯއާ ދިމާވާކަމަށެވެ.
އޯޑިއޯތަކުގެ މައްސަލަ ރައްދުވި ތިން ގާޒީންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނެވި ގާޒީންނެވެ. އޯޑިއޯތަކުގެ މައްސަލައިގައި ތިން ގާޒީން ޖޭއެސްސީއަށް ހާޒިރުކޮށް ސުވާލުކުރުމުން، ލީކްކޮށްލާފައި ވަނީ ފޭކު އޯޑިއޯތަކެއް ކަމަށް ވިދާޅުވި ކަމަށް އޯގަސްޓް މަހު އެ ކޮމިޝަނުން ބުންޏެވެ.














