މެޑްރިޑް (ނޮވެމްބަރު 4) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް އަތުން 2-1 އިން މޮޅުވި މެޗުގައި ރެއާލް މެޑްރިޑުން މުބާރާތުގައި އެ ޓީމުގެ 1000 ވަނަ ގޯލު ޖަހައިފި އެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލަކީ މުބާރާތުގެ ތާރީހުގައި 1000 ގޯލު ޖެހި ފުރަތަމަ ޓީމެވެ. ދެ ވަނައިގައި އޮތީ 768 ގޯލު ޖެހި ބަޔާން މިއުނިކް އެވެ. ތިން ވަނައިގައި އޮތީ 655 ގޯލު ޖަހާފައިވާ ބާސެލޯނާ އެވެ.
ރެއާލުގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން މެޗު ފަށައިގެން 14 ވަނަ މިނިޓްގައި ޝަހުތަރު ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ބްރެޒިލްގެ ވިންގް ވިނީީޝިއުސް ޖޫނިއާ ދިން ބޯޅައަކުން ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މިއީ ރެއާލުން ޗެމްޕިއަންސް ލީގުގައި ޖެހި ތާރީހީ 1000 ވަނަ ގޯލެވެ.
ޝަހުތަރަށް އެއްވަރުކޮށްދޭން އެލަން ޕެޓްރިކް ޖެހި ބޯޅަ ދަނޑީގައި ޖެހުނުއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝަހުތަރުން އެއްވަރުކުރި އެވެ. މެޗުގެ 39 ވަނަ މިނިޓްގައި ޝަހުތަރުގެ މި ގޯލު ޖެހީ ފެނާންޑޯ އެވެ. އޭނާ ގޯލު ޖަަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެލަން އެވެ.
ރެއާލް މޮޅުވި ގޯލު ދެ ވަނަ ހާފުގައި ޖެހީ ވެސް މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާ އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ބެންޒެމޭ މި ގޯލު ޖެހީ ވެސް ވިނީޝިއުސް ދިން ބޯޅައަކުންނެވެ. މި ސީޒަނުގައި ރެއާލްގެ އެޓޭކްގައި އެންމެ ކޮމްބިނޭޝަން ރަނގަޅު ދެ ކުޅުންތެރިންނަކީ ވިނީޝިއުސް އާއި ބެންޒެމާ އެވެ.
އުމުރުން 33 އަހަރުގެ ބެންޒެމާ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 14 މެޗުން 13 ގޯލު ޖަހައިފަ އެވެ. މި މެޗުގައި ބެންޒެމާ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ.
ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު ރެއާލް އެވެ. ދެ ވަނައިގައި އޮތީ މިރޭ ޝެރިފް ޓިރާސްޕޯލް އަތުން 3-1 އިން މޮޅުވި އިންޓަ މިލާން އެވެ. އެ ޓީމަށް ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ޝެރިފް އޮތީ ހަަތަރު މެޗުން ހަ ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ޝަހުތަރަށް ހަތަރު މެޗުން ލިބުނީ އެއް ޕޮއިންޓެވެ.
އިންޓަގެ ގޯލުތައް ޖެހީ މާސެލޯ ބްރޮޒޮވިޗާއި މިލާން ސްކްރީނާ އަދި އަލެކްސިސް ސަންޗޭޒް އެވެ. ޝެރިފްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ސެބަސްޓިއަން ތިލް ދިން ބޯޅައަކުން އަޑަމާ ޓްރައޯރޭ އެވެ.












