ރާއްޖެއަށް މިހާރު ކުރަމުންދަ ވިއްސާރައިގައި މ. އަތޮޅުގެ ތިން ރަށެއްގެ ގެތަކުގައި ފެންބޮޑުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.
ފެންބޮޑުވެފައި ވަނީ މ. އަތޮޅު މުލަކާއި މުލި އަދި ވޭވަށުގަ އެވެ.
އެންޑީއެމްއޭ އިން ބުނީ އެ ތިން ރަށަށް މިއަދު ކުރި ވިއްސާރައިގައި 16 ގެއަކަށް ފެންވަދެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެއީ މުލިން ހަތް ގެއަކާއި މުލަކުން ފަސް ގެއެއްގެ އިތުރުން ވޭވަށުން ހަތަރު ގެއެކެވެ.
ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހޭފަދަ ހާލަތަކަށް ގޮސްފައި ނުވާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މުލަކު ކައުންސިގެ ރައީސް، އަހުމަދު ޖަމާލް "އަދަދު"އަށް ވިދާޅުވީ ވިއްސާރާގައި އެ ރަށުން ފެނުގެ ގެއްލުން ލިބުނު ގޭގޭގައި ހިފާ ގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އަދިވެސް ގޭގެއަށް ވަތް ފެންގަނޑު ހިއްކުމަށް ކޯރު ކަނޑާފައިވާ ކަމަށާއި ނަމަވެސް އަދިވެސް ފެންގަނޑު ގެ ތަކުން ބޭރު ކުރެވިފައި ނުވާ ކަމަށެވެ.
ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު ވިދާޅުވީ އެ ރަށުން ފެންބޮޑުވި ގޭގެއިން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"ޕަމްޕު ޖަހައިގެން ހިއްކަނީމި. މިހާރު ދެން ނިމުމަކާ ގާތަށް ދަނީ. ފަހުން ވިއްސާރަ ނުވެހޭތީ އިތުރަށް ފެންބޮޑެއް ނުވޭ،" މަމްދޫހު ވިދާޅުވި އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ހއ. އިން ގއ. އަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލު ވުމަށް އިލްތިމާސް ކޮށްފަ އެވެ.












