ކަނޑުދަތުރުފަތުރުކުރުމުގެ ރައްކާތެރިކަމާ ގުޅޭ ސަލާމަތީ ގަވާއިދު ހަރުކަށި ކުރި ފަހުން ފުރަތަމަ ފަހަރަށް ރީނދޫ އެލާޓެއް މިއަދު ނެރެފި އެވެ.
ގަވާއިދަށް ގެނައި އާ އިސްލާހުތަކާއެކު، މިއަދު ނެރެފައިވާ ރީނދޫ އެ އެލާޓް ނެރެފައިވާ ވަގުތުގައި ވަކި ސަރަހައްދެއްގައި ބައެއް ބާވަތްތަކުގެ އުޅަނދުފަހަރު ދުއްވުން މަނާވާނެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން މިއަދު ރީނދޫ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމަޔައަވެ. އަދި މިއަދުގެ 8:45 އިން ފެށިގެން 12:00 އާ ހަމައަށް އެލާޓު އޮތީ ދަމަހައްޓައިފަ އެވެ. މެޓުން ބުނީ އެ ސަރަހަައްދުތަކަށް އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެލާޓާއެކު މެދުރާއްޖެތެރޭ ސަރަހައްދުތަކުގައި، ނުވަ މީޓަރުން ފެށިގެން ކުދި އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ، ގަވާއިދަށް މިދިޔަ އާދިއްތަ ދުވަހު ގެޒެޓް ކުރި އިސްލާހުތަކުގެ ދަށުން، މަނާކަމެކެވެ. ނަމަވެސް, ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަޖެންސީ ދަތުރުތައް ކުރުމަށް ހުރަހެއް ނޯވެ އެވެ.
އެލާޓް ނެތް ނަމަވެސް، ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި ނުވަ މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގައިކަމަށް ގަވާއިދުގައި ބުނެ އެވެ.

އޭގެ އިތުރުން ވެސް، ގަވައިދުގައި ބުނާ ހާލަތެއްގައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމާއި ލައިފްޖެކެޓް އަޅާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ އެ އުޅަނދެއްގެ ކެޕްޓަނެއްގެ ޒިންމާއެކެވެ. އެ ހާލަތަކީ:
- ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ދަތުރެއް ފެށުމުގެ ކުރިން
- މޫސުމީ ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި ދަތުރުކުރާނަމަ އެ ސަރަހައްދެއްގައި އެ ދަތުރެއް ފެށުމުގެ ކުރިން
- މޫދު ކުޅިވަރަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރާއި މުނިފޫހިފިލުވުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ނުވަ މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުއްވާނަމަ އެ ދަތުރެއް ފެށުމުގެ ކުރިން
މެޓު އޮފީހުން ވަނީ ލަންކާ ކައިރިން ހެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ހޯމަ ދުވަހުގެ ރޭ ލަފާކޮށްފަ އެވެ.
ގަވާއިދުގައިވާ ގޮތުން އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ހިދުމަތް ދިނުމަށާއި މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ބަހައްޓަން ވާނެ އެވެ. އަދި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭންވާނެ އެވެ.
އޭގެ އިތުރުން، ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
ގަވާއިދުގައިވާ ކަންކަމާ ހިލާފުވެއްޖެނަމަ ޖޫރިމަނާ ކުރެވޭނެ ގޮތާއި އަދަދުތައް ވެސް ވަނީ ހިމަނާފަ އެވެ. އޭގެއިތުރުން ގަވާއިދުގައި ބުނާ ކަމަކަށް އިހުމާލުވުމާއި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން ފަސިންޖަރަކަށް ނުވަތަ ފަޅުވެރިއަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވުމުގެ އިހުތިޔާރު ވެސް ގަވައިދުގައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށް ދީފަ އެވެ.
މިއަދު އާންމުކުރި ގަވައިދުގައިވާ ގޮތުން ކޮންމެ އުޅަނދެއްގައިވެސް، އެ އުޅަނދު ދަތުރުކުރާ ސަރަހައްދަކަށް ކަނޑައަޅާފައިވާ ކެޓަގަރީއަކަށް ފެތޭގޮތަށް، ކެޕްޓަނުންނާއި ފަޅުވެރިންނާއި، މެރިން މެކޭނިކުން ތިބެންވާނެ އެވެ. އަދި މެރިން މެކޭނިކުންނަކީ ދިވެހި ރައްޔިތުން ކަމުގައި ވާންވާނެ ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.













