ރާއްޖޭގައި ވިއްކާ މެލޭޝިޔާގެ ހަޕް ސެންގް ބްރޭންޑުގެ ކްރީމް ކްރޭކަރު ބިސްކޯދުން ސިއްހަތަށް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެ ބިސްކޯދުތަކުގައި ކެންސަރު ޖެހޭ މާއްދާއެއް ކަމަށްވާ ކާސިނޯޖެންސް އެކުލެވޭ ކަމަށް ހޮންކޮންގް ކޮންސިއުމާ ކައުންސިލް (އެޗްކޭސީސީ) އިން ވަނީ ހާމަ ކޮށްފަ އެވެ.
އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސާއިން ބުނާ ގޮތުގައި، ކާސިނޮޖެންސްގެ މާއްދާތައް ކަމަށްވާ އެކްރިލަމައިޑް އަދި ގްލެސިޑޮލްއަކީ ކެންސަރު ޖެހުމުގެ ރިސްކް އޮންނަ ކާސިނޮޖެނިކް މާއްދާތަކެކެވެ.
އެކްރިލަމައިޑަކީ ކާބޯތަކެތި އުފައްދާއިރު ނުވަތަ ޕްރޮސެސްކުރާ މަރްހަލާގައި ބޭނުންކުރާ މާއްދާއެކެވެ.
ހަފް ސެންގް ބިސްކޯދުގައި ކާސިނޮޖެނިކް މާއްދާތައް އެކުލެވުނު ނަމަވެސް، އޭގެން ސިއްހަތަށް އޮތް ނުރައްކާ ކުޑަ ކަމަށް، މެލޭޝިޔާ ސަރުކާރުގެ ހެލްތު ޑިރެކްޓަ ޖެނެރަލް ޑރ. ނޫރު ހިޝާމް ވިދާޅުވެފައިވާ ކަމަށް، ރާއްޖޭގެ އެމްއެފްޑީއޭއިން ބުނެ އެވެ.

އެ އިދާރާއިން ބުނީ އެކްރިލަމައިޑް ބޭނުންކުރަމުން ދަނީ ޔޫރަޕިއަން ކޮމިޝަން ރެގިއުލޭޝަންގައި ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑަށް ކަމަށެވެ. ސިއްހަތަށް ނުރައްކާވާ ފަދަ މާއްދާއެއް އެކުލެވޭ ބާވަތެއް ނަމަ އާންމުންނަށް އެކަން އަންގާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.












