ކޮވިޑް ކޮންޓަރޯލް ކުރުމުގައި ރާއްޖެއިން ކުރި ހޯދާފައި ވަނީ ސިއްހީ ދާއިރާއިން މީހުން ބިނާކުރެވިފައި ތިބުމުގެ ސަބަބުން ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި މި ވަގުތު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެ، އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑު ތަނުން ދަށް ވެއެވެ.
މިނިސްޓަރު އިބްރާހިމް ހަސަން "އަދަދު" އަށް ވިދާޅުވީ މީހުން ބިނާ ކުރުމުގެ މުހިންމުކަން ފެންނާތީވެ، އެކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، މަތީ ތައުލީމާއި ތަމްރީނަށް ކުރީގެ އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މި ސަރުކާރުން ހޭދަ ކުރަމުން އަންނަ ކަމަށެވެ.
"ޒުވާނުންނަށް ތައުލީމާއި ތަމްރީން ހޯދުމަށްޓަކައި މި ސަރުކާރުން ފޯރުކޮށްދޭ ވަރުގެ ފުރުސަތުތަކެއް އެހެން ސަރުކާރަކުން ފޯރެއް ނުކޮށްދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މީހުން ބިނާ ކުރުމަށް މި ސަރުކާރުން ބޮޑު ހޭދައެެއް ކުރާ އެންމެ މުހިންމު އެއް ސަބަބަކީ ކޮންމެ ޒުވާނަކީ ވެސް ތައުލީމާއި ތަމްރީން ލިބިފައި ހުރި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިވެފައި ހުރި ޒުވާނަކަށް ހެދުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީހުން ބިނާކުރަން މި ކުރާ މަސައްކަތުގެ ނަތީޖާ މާދަމާ ނުފެނިދާނެ. އަޅުގަނޑުމެން މިއަދު މަސައްކަތް ކޮށްފައި މާދަމާ އޭގެ ފޮނި މީރުކަން ނުލިބިދާނެ. އެ ލިބެން ދުވަސް ނަގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ކުރަނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށެވެ. ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ އަދި ސިއްހީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.











