ހުވަދޫ ކަނޑުން ދަތުރުކުރަމުންދިޔަ "އަލްމާ" ނަމަކަށް ކިޔާބޯޓެއް ދިޔަވާން ފެށުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެ ބޯޓަށް އެހީވުމަށް ހަރަކާތްތެރިވާން ފަށައިފި އެވެ.
އާންމުކޮށް މާލެއިން ފުރައިގެން އައްޑުއަށް ދަތުރު ކުރާ މުދާ އުފުލުމަށް ހާއްސަ އަލްމާ ބޯޓު ހުވަދޫ ކަނޑަށް ދިޔަވަމުންދާއިރު އޭގައި ތިބީ ކިތައް މީހުންކަން މިހާތަނަށް ސާފެއް ނުވެ އެވެ.
ސިފައިން ބުނެފައި ވަނީ އަލްމާ ބޯޓަށް އެހީވުމަށް ފޮނުވާލާފައި ވަނީ ކޯސްޓްގާޑުގެ ދެކުނު ސްކޮޑްރަނުގެ ބޯޓެއް ކަމަށެވެ. ކޯސްޓުގާޑުގެ އުޅަނދު އަލްމާ ބޯޓާ ހިސާބަށް ދިޔަކަން އަދި އެނގިފައެއް ނުވެ އެވެ.
އަލްމާ ބޯޓު މިވަގުތު އޮތީ ލ. އަތޮޅާއި ހުވަދު އަތޮޅާއި ދެމެދުގައި މާ ކަނޑުގަ އެވެ. މުދާ ބަރުކުރުމަށްފަހު އަލްމާ މާލެއިން ފުރާފައިވަނީ މީގެ ގާތްގަނޑަކަށް ދެ ދުވަސް ކުރިން ކަމަށް ލަފާ ކުރެވެ އެވެ.
އަލްމާ ބޯޓަކީ މީގެ ކުރިން ދެ ފަހަރަކަށް ފަރަށް އަރާފައިވާ ބޯޓެކެވެ. އެންމެ ފަހުން އެ ބޯޓު ފަރަށް އެރީ އަށް މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް އޭޕްރީލް، 2020 ގައި، ގދ. މާވަރުލާ ފަރަށެވެ. އޭގެ ފަހުން 11 މީހުންނާއެކު މާލެއިން ފުރައިގެން ސ. މީދޫ ފަޅަށް ވަންނަން އުޅުމުގެ އެ ރަށު ފަޅަށް މާޗް، 2020 ގައި ވެސް ބޯޓު ވަނީ އަރައިފަ އެވެ.

އެ ދެ ފަހަރު ވެސް އަލްމާ ބޯޓަށް ކޯސްޓްގާޑުގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.












