ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ މުސާރަ އާއި މަގާމުގެ ކުރިއެރުން ދިނުމުގައި ހުރި މައްސަލަތަކާ ގުޅިގެން ޕެޓިޝަނެއް ހުށަހެޅުމުން މުވައްޒަފުންގެ ބަޔާނެއް ނަގަމުންދާތީ ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ޕެޓިޝަންގައި ސޮއި ކުރުމަކީ މައްސަލައެއްގެ ގޮތުގައި ބަލައި، މުވައްޒަފުންގެ ބަޔާން ނަގަމުންދާތީ އެކަމާ ނުރުހުން ފާޅުކޮށް މުވައްޒަފުން ވަނޫ މިއަދު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖްމަންޓާއެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތެއް "އަދަދު" އަށް ބުނީ، މިމަހުގެ 17 ވަނަ ދުވަހު އެއާ ޓްރެފިކް ކޮންޓްރޯލަރުން ހުށަހެޅި ޕެޓިޝަނާ ގުޅިގެން މިއަދު ކުއްލިއަކަށް ބައެއް ކޮންޓްރޯލަރުންގެ ބަޔާން ނަގައި އެ ބަޔާނުގައި ސޮއިކުރުވަން މެނޭޖްމެންޓުން މަސައްކަތްކުރި ކަމަށެވެ.
"ކުއްލިއަކަށް ހަމަ މައްސަަލަތައް ނަގައިގެން ބަޔާނުގައި ސޮއިކުރުވަނީ (މެނޭޖްމެންޓުން)،" އެފަރާތުން ބުންޏެވެ.
އެހެންކަމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތުގެ މުވައްޒަފުން މެނޭޖްމެންޓާ ބައްދަލުކުރުމަށް އެދުނު ކަމަށް އެ ފަރާތުން ބުންޏެވެ.

"އަޅުގަނޑުމެން މިއަދު މި ބައްދަލުކުރަނީ އެ ޕެޓިޝަނާ ގުޅިގެން ވަކި ވަކި ކޮންޓްރޯލަރުންނާ ދެކޮޅަށް ފިޔަވަޅު ނޭޅުމަށް އަޅުގަނޑުމެން މެނޭޖްމެންޓްގެ ފަރާތުން އެދުނު އެދުން އަލުން ހަދާންކޮށްދިނުމަށްޓަކައި،" އެ ފަރާތުން މި ނޫހަށް ބުންޏެވެ.
އެ ބައްދަލުވުން މިހާރު ކުރިޔަށްދާއިރު، މިއަދު ބަޔާންތަކުގައި ސޮއިކުރުވަން އުޅުނު މައްސަލައިގައި ހުރި ހިތްހަމަނުޖެހުމުގެ އިތުރުން ޕެޓިޝަނުގައި ފާހަގަކުރި ކަންކަމާ ވެސް ވާހަކަދައްކާނެ ކަމަށް އޭނާ ބުންޏެވެ.
"ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޑީސެންޓްކޮށް ބައްދަލުކުރަނީ މެނޭޖްމެންޓާ. ޕްރޮފެޝަނަލްކޮށް މިކަން މި ނަގަނީ. ޕްރޮފެޝަނަލީ އިހުތިޖާޖުކުރަނީ (ކޮންޓްރޯލަރުން)،" އޭނާ ބުންޏެވެ.
އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުން ހުށަހެޅި ޕެޓިޝަނުގައި ވަނީ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން، މަގާމުގެ ކުރިއެރުމާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން ވެސް އެ މުވައްޒަފުންގެ ހުރި ހިތްހަމަނުޖެހުންތަކާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.












