ރިޕޯޓުޝަރީފުގެ ކޯޗުކަމުގައި ކުޅުދުއްފުށީގެ އާ ޖީލަށް ހުނަރާއި އަހުލާގު!

ޝަރީފުގެ ކޯޗުކަމުގައި ކުޅުދުއްފުށީގެ އާ ޖީލަށް ހުނަރާއި އަހުލާގު!

ބޮޑު ހުވަފެންތަކަށް ވާސިލުވެވޭނީ ފުރަތަމަ ކުދި ފިޔަވަޅު އަޅައިގެންނެވެ. ޝަރީފު އަޅަން ފެށި ކުދި ފިޔަވަޅުތަކުގެ ފަހަތުން މިހާރު މުޅި ކުޅުދުއްފުށި ހިނގަން ފަށައިފި އެވެ. ކުޅުދުއްފުށީ އާ ޖީލުގެ ތަސްވީރު ބަދަލުވާން ފައްޓައިފި އެވެ.

ކުޅުދުއްފުށީގައި ޒުވާނުންގެ ދުވަހު ބޭއްވި ޓްރައިލްތޯންގައި އެއްވަނަ އަށް ދިޔަ އޭނާގެ ޓީމާއެކު ޝަރީފް
ކުޅުދުއްފުށީގައި ޒުވާނުންގެ ދުވަހު ބޭއްވި ޓްރައިލްތޯންގައި އެއްވަނަ އަށް ދިޔަ އޭނާގެ ޓީމާއެކު ޝަރީފް

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ޕްރައިމަރީ މުދައްރިސް، އަލީ ޝަރީފު އޭނާގެ ހަޔާތުގައި ކޮންމެހެން ކުރަން ބޭނުންވާ ދެ ކަމެއް އެބަ އޮތެވެ; އެއް ކަމަކީ އޭނާ ކިޔަވައިދޭ ދަރިވަރުންނަކީ ތައުލީމަށް ލޯބިކުރާ ކުދިން ތަކަކަށް ހެދުމެވެ. ދެވަނަ، އަދި އެންމެ ބޮޑު ލަނޑުދަނޑި އަކީ އޭނާގެ މަސައްކަތުން ރަށުގައި ކުޅިވަރުގެ ތެރެއިން އަހުލާގު ދަސް، ދުޅަހެޔޮ ޖީލެއް ބިނާކުރުމެވެ. އެންމެ އުންމީދުކުރަނީ، އެ ޖީލުން ހެދި ބޮޑެތިވާ ކުދިންގެ ސަބަބުން ކުޅިވަރާއި ހުނަރުގައި ދިވެހި ގައުމުގެ މުސްތަގުބަލު ބަދަލުވެގެން ދިއުމެވެ. އެއީ އޭނާ ދެކޭ ބޮޑު ހުވަފެނެކެވެ.

އެކަމަކު ބޮޑު ހުވަފެންތަކަށް ވާސިލުވެވޭނީ ފުރަތަމަ ކުދި ފިޔަވަޅު އަޅައިގެންނެވެ. ޝަރީފު އަޅަން ފެށި ކުދި ފިޔަވަޅުތަކުގެ ފަހަތުން މިހާރު މުޅި ކުޅުދުއްފުށި ހިނގަން ފަށައިފި އެވެ. ކުޅުދުއްފުށީ އާ ޖީލުގެ ތަސްވީރު ބަދަލުވާން ފައްޓައިފި އެވެ.

"ކުދިން އެތުލެޓިކްސް އަށް ޓްރެއިން ކުރާ ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ކަމެއް އޮވޭ. ސްކިލްފުލް ނުވަތަ ހުނަރު ހުރި އެތުލީޓުން ފައްކާ ކުރެވޭނީ އެންމެ ޅަ އިރުއްސުރެ އެކުދިންގެ ހުނަރު ފައްކާކުރެވިގެން. އޭރުން އަހަރެމެންގެ ރާއްޖެއިން ވެސް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ވަރުގެ އެތުލީޓުން އުފެދުމުގެ ޗާންސު ބޮޑުވާނެ، އެނގޭ މިންވަރުން އަޅުގަނޑު ބޭނުންވަނީ އެ ސަޕޯޓު ކުޅުދުއްފުށީ ކުދިންނަށް ދޭން،"

ކުޅުދުއްފުށީގައި ބޭއްވި ޓްރައިލްތޯން ގައި ޝަރީފު އެކަޑެމީގެ ކުއްޖަކު ބައިސްކަލު ދުއްވަނީ
ކުޅުދުއްފުށީގައި ބޭއްވި ޓްރައިލްތޯން ގައި ޝަރީފު އެކަޑެމީގެ ކުއްޖަކު ބައިސްކަލު ދުއްވަނީ

ކުޅުދުއްފުށީގައި ބޭއްވި ޓްރައިލްތޯން ގައި ޝަރީފު އެކަޑެމީގެ ކުއްޖަކު ބައިސްކަލު ދުއްވަނީ

ޝަރީފަކީ މީގެ އަހަރުތަކެއް ކުރިން، މޯލްޑިވްސް އެތުލެޓިކް އެސޯސިއޭޝަންގެ ފަރާތުން ހިންގި ސެޓްފިކްޓް ލެވެލްގެ ކޯޗިން ޕްރޮގްރާމެއްގައި ބައިވެރިވެ ކޯޗު ކަމުގެ ތަމްރީނު ހޯދި ސްޕޯޓްސްމަނެކެވެ. އޭގެ ފަހުން އިތުރު ކޯސްތަކާއި ތަމްރީނުތައް ފުރިހަމަކޮށްގެން އޭނާ ކިޔަވައިދޭ ސްކޫލުގެ ކުދިން ތަމްރީނުކުރަން ފެއްޓި އެވެ.

"އެހާ ހިސާބުން އެހެން ސްކޫލުތަކުގެ ބެލެނިވެރިން ވެސް ބޭނުންވި އެމީހުންގެ ދަރިންނަށް ވެސް ދަސްކޮށްދެވޭނެ ގޮތެއް ހަދައިދެން. އެހެންވެގެން އަމިއްލަ އެކަޑެމީ އެއް ހުޅުވީ. އެކަޑެމީގައި އަޅުގަނޑު ކުރާ ކަމަކީ އެތުލެޓިކްސް ސްޕޯޓްސްގެ ތެރޭގައި ހިމެނޭ ހުނަރުތައް ކުދިންގެ ކިބައިގައި ވަރުގަދަ ކުރުން. ނުވަތަ ކުދިންގެ މޮޓޯ ސްކިލްސް ފައްކާކުރުން،" ޝަރީފު ބުންޏެވެ.

އުމުރުން ހަތަރު އަހަރުން ފެށިގެން 12 އަހަރާ ދެމެދުގެ 80 އަށްވުރެ ގިނަ ކުދިން މިހާރު ވެސް އޭނާގެ އެކަޑެމީގައި އެތުލެޓިކްސްގެ ހުނަރުތަކަށް ގަވާއިދުން ތަމްރީނުވެ އެވެ. އެ އުމުރުގެ ކުދިންނަށް އޭނާ ދަސްކޮށްދެނީ ނިއުޓްރިޝަން އާއި އަހުލާގު ރަނގަޅުގޮތުގައި ބައްޓަން ކުރުމަށާއި، ދުވުމާއި، ބަރު އެއްލުމާއި ފުންމުމާއި ފެތުން ފަދަ ހުނަރުތަކުން ކުދިންގެ ހަށިގަނޑު، އެކުދިން ފުރާވަރަށް އަޅަންވާ އިރަށް ތައްޔާރުކޮށްދީ ފައްކާ ކުރުމުގެ ފުރުސަތެވެ. އެއަށް ވުރެ ބޮޑެތި ކުދިން، އެކުދިން އިތުރަށް އޭނާގެ އިރުޝާދުގެ ދަށުން ތަމްރީނުވާން ބޭނުންވާނަމަ، އެކުއްޖެއްގެ އެންމެ "ސްޓްރޯންގް ސްކިލް" އިތުރަށް ފައްކާކުރުމަށް ބޭނުންވާ އިރުޝާދު ދެ އެވެ. އޭނާ އަށް ދެވޭނެ އެންމެ ފުރިހަމަ ކޯޗިން ދީ ނިމުމުން އެކުދިންނަށް ކުރިއަށްދާނެ އިތުރު ފުރުސަތު ހޯދައިދޭން މަސައްކަތްކުރެ އެވެ.

ޝަރީފް އެކަޑެމީގެ ކުދިންތަކެއް ކުޅިވަރު ސެޗަނެއްގައި
ޝަރީފް އެކަޑެމީގެ ކުދިންތަކެއް ކުޅިވަރު ސެޗަނެއްގައި

ޝަރީފް އެކަޑެމީގެ ކުދިންތަކެއް ކުޅިވަރު ސެޗަނެއްގައި

"އޭރުން ވާނެ ގޮތަކީ މި ކުދިން ފުރާވަރަށް އަޅާއިރު، ދެން އެކުދިން ޝައުގުވެރިކަން ހުންނަ ކުޅިވަރެއް ހިޔާރުކޮށްގެން އެއަށް މަސައްކަތް ކުރަން ފައްޓާއިރު އެކުދިންގެ ހަށިގަނޑު އެއަށް ވަރަށް ބޮޑަށް ތައްޔާރު އެބަ ވޭ. ހުނަރު ހުރޭ. ބޮޑުވެގެން ކުޅިވަރަށް ދާ ކުދިންނާއި، އެންމެ ހަގު އުމުރުގައި ކުޅިވަރުގެ ތެރޭގައި ތަމްރީނުވާ ކުދިންނާ ވެސް ވަރަށް ބޮޑު ތަފާތެއް އެބަ ހުރޭ،"

ޝަރީފު ކިޔައިދިނީ ހެލިފެލިވެ އުޅޭ ދިރިއުޅެއްގެ ތެރެއިން، ހާއްސަ ތަމްރީނު ދެވިގެން ކުދިން ބޮޑެތިވުމުން ސިއްހީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާވުމާ އެކު ކުދިންގެ މުސްތަގުބަލު ބައްޓަންކުރުމަށް އިތުރަށް ލިބޭ ފައިދާ ތަކެވެ.

"މާލޭގައި މި ގޮތަށް ކުދިން ޓްރެއިން ކުރޭ. އެކަމަކު ރަށްރަށުގެ ކުދިންނަށް ވެސް މިކަހަލަ ފުރުސަތު ބޭނުންވޭ. މަސައްކަތް މި ކުރަނީ ކުޅުދުއްފުށީގެ ކުދިންނަށް އެ ފުރުސަތު ހޯދައިދޭން. އެކަމަކު ވަސީލަތެއް ނެތް." ޝަރީފު ބުންޏެވެ.

ކުދިންގެ ހެލިފެލިވުމާއި އަހުލާގާއި ދުޅަހެޔޮ ކަމަށް ކުޅިވަރުން ފައިދާވޭ.

ކުދިންގެ ސިކުނޑި ހެދިބޮޑުވަމުން އަންނަ އިރު ކުޅިވަރާއި ހެލިފެލިވެ އުޅުމުގެ ތެރޭގައި ކުއްޖާ ގެންގުޅުމުން އެ ހަރަކާތްތައް ސިކުނޑިން ނަގައިގަންނާނެ އެވެ. މި ސްކިލްތައް ކުއްޖާ ބޮޑުވަމުން އަންނަ އިރު ކުއްޖާ އާއި އެކު އިތުރަށް ފުރިހަމަ ވެ އެވެ. ތަކުރާރުކޮށް ދޭ އިތުރު ތަމްރީނާ އެކު މި ހުނަރުތައް ދެން ބަދަލުވަނީ އާދަޔާ ހިލާފަށް މޮޅު ހުނަރުތަކަކަށެވެ.

ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި، ކިރިޔާ ހިނގައިގަންނަން ފަށާ އުމުރުން ފެށިގެން މި ފަދަ މޮޓޯ ސްކިލްތަކަށް ކުދިން އެކްސްޕޯޒްކުރުމުން ސިކުނޑި ހެދެމުން ބޮޑުވަމުން އަންނަ އިރު ނުވަތަ "ނިއުރޮލޮޖިކަލް ޕެޓާން" ފުރިހަމަ ވަމުން އަންނަ އިރު، ސިކުނޑިން މި ހުނަރުތައް ނަގައިގަތުމާ އެކު ހަށިގަނޑުގައި ހުންނަ މަސްތަކުގެ ޕެޓާން ވެސް މި ހެލިފެލިވުންތަކާ އެއްގޮތަށް އުފެދި ފުރިހަމަވުމަށް ފުރުސަތު ދެ އެވެ.

ޝަރީފު ފާހަގަކުރީ ވެސް މިކަމެވެ. އޭނާ ގަބޫލުކުރަނީ ކުޅުދުއްފުށިން ބޮޑެތިވަމުން އަންނަ ޖީލުން ތަފާތުތަކެއް ފެންނާނެ ކަމަށެވެ.

"ކުޅުދުއްފުއްޓަކީ ކުޅިވަރަށް ހާއްސަ ލޯތްބެއް އޮތް ރަށެއް. ރަށުގެ ދިއރިއުޅުން ވެސް ދުޅަހެޔޮ ލައިފްސްޓައިލަކަށް ޝިފްޓުވަމުން ދަނީ. ގިނަ ބަޔަކު ގަވާއިދުން ކަސްރަތު ކުރޭ. ޓްރެކެއް ނެތަސް ގަވާއިދުން ހިނގާ މީހުން ގިނަވެއްޖެ. އެހެންވީމާ، މި ފަދަ ބަދަލުތަކަކާއެކު ކުދިންނަށް މި ދެވޭ ތަމްރީނާ އެކު އުފާވެރި ބަދަލެއް ފެންނާނެ ކަމަށް އުންމީދުކުރަން،" ޝަރީފު ބުންޏެވެ.

އާމިނަތު އިބްރާހިމް

ސީނިއާ ޖާނަލިސްޓް

އައިމިނަތު އިބްރާހީމަކީ ލައިފްސްޓައިލް އާއި މުނިފޫހިފިލުމުގެ ހަބަރުތައް ގެނެސްދިނުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު އޭނާ ވަނީ އާއްމު ހަބަރުތައް ވެސް ކަވަރުކުރެވޭނެކަން މީގެ ކުރިން ސާބިތުކޮށްދީފަ އެވެ. "ވީޓީވީ" އިން ކެރިއަރު ފެށި އައިމިނަތު ވަނީ "އަވަސް" އަދި "ދޯ މެގަޒިން" ގައި ކުރިން މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox