ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރި ފުރަތަމަ މިސްކިތް މާދަމާ ހުޅުވަން ނިންމައިފި އެވެ.
ދެ ވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް "މަސްޖިދް އަމީލް ޖަލީލް" ހުޅުވަން ނިންމާފައި ވަނީ މާދަމާގެ ހުކުރު ނަމާދު ކުރުމަށެވެ.
އަމިއްލަ ފަރާތަކުން އިމާރާތްކުރި މި މިސްކިތް ހުޅުވުމަށް ހަމަޖެހިފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
މަސްޖިދް އަމީލް ޖަލީލު އިމާރާތް ކޮށްފައި ވަނީ ދެ ފަންގިފިލާ އަށެވެ. މިސްކިތުގެ އެތެރޭގައި 480 މީހުންނަށް ނަމާދު ކުރެވޭނޭ ޖާގަ އޮވެ އެވެ. އަދި މިސްކިތުގެ ހަރިންމަ އާއެކު 650 މީހުންގެ ޖާގަ އޮންނާނޭ ކަމަށް އެޗްޑީސީން ބުންޏެވެ.
މި މިސްކިތް އިމާރާތްކޮށްފައި ވަނީ ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭނޭ ގޮތަށް ޖާގަ ހާއްސަ ކޮށްގެންނެވެ.

މިސްކިތުގެ ދެ ވަނަ ފަންގިފިލާ ތަރައްގީކޮށްފައި ވަނީ މަލްޓި ފަންކްޝަނަލް އޭރިއާއެއްގެ ގޮތުގަ އެވެ. މި ފަންގިފިލާގައި ލައިބްރަރީ އަކާއި ކްލާސްރޫމެއް ހިމެނެ އެވެ.
މި މިސްކިތް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައި ވަނީ 16400 އަކަފޫޓުގެ ބިމެކެވެ. ބިން ހަވާލުކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ.











