މަގުމަތީ ޕާކިންގ ޒޯނުގައި ޕާކުކޮށްފައި އޮތް ކާރުގެ މަތީގައި އެ ޖެހުނީ ޖެހިގެން ހުރި އިމާރާތުގެ ބެލްކަނީގައި ބަހައްޓާފައިހުރި ގަސްޖަހާ މުށިގަނޑެެވެ. މަގުމަތީ މަސައްކަތް ކުރާއިރު އެކަށީގެންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން އެކި މީހުންނަށް ކުދި އަނިޔާ ލިބުމަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމެވެ. މިފަދަ ހުރިހާ ކަންކަމަކީ ވެސް ޓޯޓް ލޯ ގެ ދަށުން ބެލެވޭނޭ ޓޯޓްގެ އަމަލުތަކެވެ.
މަދަނީ ގާނޫނުތަކުގައި ޓޯޓަކީ މީހަކު ކުރާ ފަރުވާކުޑަ ނުވަތަ އިހުމާލުގެ އަމަލެއްގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމަށް އެ އަމަލު ކުރި މީހާ ޒިންމާކުރުވުމާއި، އަނިޔާ ލިބުނު މީހާއަށް ބަދަލު ލިބިދިނުމުގެ ގަވާއިދުތައް ބަޔާންކުރާ ބަހާ އެވެ. މިއީ މަދަނީ ގޯސްތަކެވެ. މިފަދަ ކަންކަމާ ގުޅޭ އުސޫލުތައް ރާއްޖޭގެ ކޯޓުތަކުން މީގެ ކުރިން ނިންމާފައިވާ އެކި ގަޒިއްޔާތަކުގައި ވެސް ކަނޑައެޅިފައިވެ އެވެ. އެ ހުރިހާ ގަޒިއްޔާއަކަށް ރިއާޔަތްކުރުމާއެކު، އޮކްޓޯބަރު 27 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި މައްސަލައަކީ ޓޯޓް ލޯ ގައި ރާއްޖޭގެ ގާނޫނީ ނިޒާމަށް ލިބުނު ކުރިއެރުމެކެވެ.
މައްސަލައިގެ ހާދިސާ
މީގެ ހަ އަހަރު ކުރިން މާލޭގެ މާފަންނު، ފާމުދޭރި މަގުގައި ހުންނަ ފަރިވާ ކުއާޓްޒް ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެ ފިހާރައިގެ ވެރިފަރާތުން ދުށްގޮތުގައި އެ ހާދިސާ ހިނގީ ސްޓޭޓް އިލެކްޓްރިކް ކުންފުނި (ސްޓެލްކޯ) ގެ އިހުމާލެއްގެ ސަބަބުންނެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި 33 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި ހުށަހެޅި އެ މައްސަލައިގައި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތިން މަރުހަލާއިންވެސް ނިންމީ އެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލެއް އޮވެގެންކަން ސާބިތު ނުވާ ކަމަށެވެ.
ފަރުވާ ފިހާރައިގެ ވެރިފަރާތުން ހުށަހެޅި މައްސަލައަށް ސްޓެލްކޯއިން ދިން ރައްދަކީ، އެ މައްސަލައަކީ "ޓޯޓު" ގެ ތެރެއިން ހިމެނޭ މައްސަލައެއް ކަމަށާއި އަދި އެއީ، ގާނޫނީ އިލްތިޒާމަކާ ހިލާފް ވެގެން އެހެން މީހަކަށް ލިބޭ ގެއްލުމާއި ގުޅިފައިވާ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން، އެ މައްސަލަ ނިންމެވުމުގައި ޓޯޓު ލޯ ގެ އުސޫލުތަކަށް ރިއާޔަތްކޮށްދިނުމަށް ސްޓެލްކޯއިން އެދުނެވެ.
ސުޕްރީމް ކޯޓުގެ ނިންމުން
ސުޕްރީމް ކޯޓުން މައްސަލަ ނިންމެވުމުގައި ފާހަގަކުރެއްވި އެއް ކަމަކީ ރާއްޖޭގައި ޓޯޓުގެ ކުށްތަކާ ގުޅޭ ގާނޫނެއް ނެތްކަމެވެ. ޓޯޓްގެ އަމަލުތަކާގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ވަކި ޤާނޫނެއް ލިޔެވިފައެއް ނެތެވެ. އިހުމާލުވުމުގެ އަމަލެއްގެ (Negligent Act) ނުވަތަ މަ ދަނީ ގޯހެއް ހެދުމުގެ ސަބަބުން އުފުލަންޖެހޭ ޓޯޓްގެ މަސްއޫލިއްޔަތު (Tortious Responsibility) އަކީ ކޮބައިކަމާއި އެ ގޯހުގެ ރުކުންތަކަކީ ކޮބައިކަން ކަނޑައަޅާފައިވަނީ ޝަރުއީ ނިންމުންތަކުގައި ކަމަށް އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވެފައި ވެއެވެ. އުއްތަމަފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާންގެ ރައުޔު ބިނާކުރެއްވީ ވެސް އެ ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކާއި އިނގިރޭސި ކޮމަން ލޯގައި ނިންމާފައިވާ ނިންމުންތަކުގެ މައްޗަށެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ތިން މައްސަލައެއް މި މައްސަލައިގެ ހުކުމްގައި ފާހަގަކޮށްފައި ވެއެވެ. އަދި އިނގިރޭސި ކޮމަން ލޯގައި "ލޭންޑްމާކް" ކޭސްތަކުގެ ގޮތުގައި ބަލާ ދެ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކުރި އެވެ.
ސުޕްރީމް ކޯޓުން ހަވާލާ ދިން އެ ކޯޓުގެ ނިންމުންތަކަކީ، އިބްރާހީމް ލަތީފް ވ. އާމިނަތު ޝަހީދާ މައްސަލައާއި، ހައިފަލް ކޮންސްޓްރަކްޝަންސް ވ. އެމް.އެމް.އައި ބަމްބޫ ޕްރައިވެޓް ލިމިޓެޑް މައްސަލައާއި، އަހުމަދު އިހުސާން ވ. ދިވެހި ދައުލަތް، މި މައްސަލަތަކެވެ. މި ހުރިހާ މައްސަލަތަކެއްގައި ވެސް މަދަނީ ގޯސްތަކަށް ޒިންމާ ކުރުވުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވަނީ ދާދި އެއް އުސޫލުތަކެކެވެ.
އެ ނިންމުންތަކަށް ފަހު އުއްތަމަ ފަނޑިޔާރު ދެން ރިއާޔަތްކުރެއްވީ އިނގިރޭސިވިލާތުގެ ބައެއް ނިންމުން ތަކަށެވެ. އެ ނިންމުންތަކަށް ރިއާޔަތްކުރެއްވީ އެފަދަ ނިންމެވުންތަކަށް ރިއާޔަތްކުރެއްވޭނޭ ކަމުގެ ގާނޫނީ ހުއްޖަތު ދެއްކެވުމަށްފަހުގަ އެވެ. މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ގާނޫނެއް ނެތް ހާލަތްތަކުގައި މިނިވަން މުޖުތަމައުތަކުގައި އަމަލުކުރަމުންދާ އިސްލާމީ ޝަރީއަތް ހުއްދަކުރާ އުސޫލުތައް ބަލައިގަނެ ތަތުބީގުކުރުމަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ހުއްދަކުރާކަމެއްކަން އިސްތިގުރާރުވެފައިވާ ޝަރުއީ އުސޫލުތަކަށާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން އެނގޭކަމަށް އުއްތަމަ ފަނޑިޔާރުގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވެެ އެވެ.
އެ ނުކުތާގައި އުއްތަމަ ފަނޑިޔާރު ރިއާޔަތްކުރެއްވީ ޓޯޓް ލޯ ގެ އެންމެ އާންމު، އަދި އެންމެ މަޝްހޫރު ގަޒިއްޔާއަށެވެ. އެއީ ޑޮނަހިއު ވ. ސްޓީވަންސަން ގަޒިއްޔާ އެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ފަނޑިޔާރު ލޯޑް އެޓްކިންގސަން 1932 ގައި ނިންމެވި މި ނިންމެވުމަކީ 'އަވައްޓެރިޔާއާމެދު އޮންނަ ޒިންމާ' ތަފްސީލުކޮށްދިން ގަޒިއްޔާ އެވެ. އެ ގަޒިއްޔާއާ ހަވާލާ ދެއްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ 'އަވައްޓެރިޔާ' މި ލަފުޒުގެ މާނައިގެ ތެރޭގައި ހިމެނެނީ އެމީހަކު ކުރާ ކަމެއްގެ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ އަސަރު ފޯރަފާނެކަމަށް އެމީހެއްގެ އަމިއްލަ ސިކުނޑިއަށް ވިސްނޭ ކޮންމެ މީހެއް ކަމަށެވެ.
މީހަކާމެދު ވީ އިހުމާލުގެ އަމަލަކަށް އެ އަމަލު ހިންގި މީހަކު ޒިންމާވާންޖެހޭތޯ ބެލުމަށް ހަތަރު ކަމެެއް ފުރިހަމަވޭތޯ ބަލަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. މި ހަތަރު ޝަރުތު ކަނޑައެޅުއްވީ ސުޕްރީމް ކޯޓުން ކުރިން ނިންމަވާފައިވާ ނިންމެވުންތަކުގެ އަލީގަ އެވެ.
titledesc
އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ގޮތުން، އިހުމާލުވުމުގެ އަމަލު ކޮށްފައި އޮތީ ގެއްލުން ދިނުމުގެ ގަސްތުގައިކަން ސާބިތުކުރުމަކީ ބަދަލު ހޯދުމަށް ކުރާ ދައުވާއެއްގައި ސާބިތުކޮށްދޭންޖެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް، އިހުމާލުގެ އަމަލު ހިންގި މީހާ ކުރި އަމަލަކީ ސަބަބުވެރި (Reasonable) މީހެއްގެ ބެލުންތެރިކަމާއި ފަރުވާތެރިކަން ހުންނާނެ ކަމަށް ބެލެވޭ މިންވަރަށް ފަރުވާތެރި ނުވުމުގެ އަމަލެއްކަމާއި އެކަމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް ލިބިފައިވާކަން ސާބިތުވާންޖެހޭނޭ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ހުކުމުގައި ބުނެފައިވާ ގޮތުން އެއްވެސް ފަރާތަކުން ފޯރުކޮށްދޭ ހިދުމަތަކާގުޅިގެން ނުވަތަ ކުރާކަމަކާގުޅިގެން އަދާކުރަންޖެހޭ ގާނޫނީ ޒިންމާއަދާކުރުމުގައި އިހުމާލުވެފައިވާނަމަ އެކަމުގެ މަސްއޫލިއްޔަތު އެ ފަރާތަކުން އުފުލަން ޖެހޭނެ އެވެ. މިގޮތަށް ކަނޑައެޅުއްވީ އިނގިރޭސި ކޮމަން ލޯގައި އޮންނަ އަވަށްޓެރިޔާ ނުވަތަ (ނެއިބާ) ޕްރިންސިޕަލް އަދި ގާނޫނީ މަސްއޫލިއްޔަތު ނުވަތަ ޒިންމާ (ޑިއުޓީ އޮފް ކެއާ) ގެ ޑޮކްޓްރިން އަށް ރިއާޔަތްކުރައްވަ އެވެ.
މި މައްސަލާގައި އުއްތަމަފަނޑިޔާރުގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވެސް ވަނީ ތާއިދުކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ މި ފަހުން ނިންމާ މައްސަލަތަކުގައި، ގާނޫނީ މިފަދަ އުސޫލުތައް ކަނޑައަޅައި ތަފްސީލުކޮށްދެމުންދާއިރު، ރާއްޖޭގެ ގާނޫނު އަސާސީ ލާޒިމު ކުރާ ގޮތުން މި ނިންމުންތަކަށް ދަށު ކޯޓުން ވެސް އަމަލުކުރުން ލާޒިމުވެ އެވެ.












