ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ހެކި ބަލައިގަނެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ސުޕްރީމް ކޯޓު ހިންގާ ތީމުގޭ ކައިރިން މީހަކު ހިނގާފައި ދަނީ: އެ ކޯޓުން މިއަދު ނިންމީ ރާއްޖޭގެ ޝަރުއީ ތާރީހުގެ މުހިއްމު ނިންމުމެއް. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސުޕްރީމް ކޯޓު ހިންގާ ތީމުގޭ ކައިރިން މީހަކު ހިނގާފައި ދަނީ: އެ ކޯޓުން މިއަދު ނިންމީ ރާއްޖޭގެ ޝަރުއީ ތާރީހުގެ މުހިއްމު ނިންމުމެއް. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޒިނޭގެ މައްސަލަތަކުގައި ޑީއެންއޭ ހަދައިގެން ލިބޭ ހެކި ކުށް ސާބިތު ކުރުމުގައި ބޭނުން ކުރެވިދާނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ މުހައްމަދު ތައުފީގު ކިޔާ މީހެއްގެ މައްޗަށް ދައުލަތުން ކުރި ޒިނޭ ކުރުމުގެ ދައުވާގެ މައްސަލައިގައި ހުކުމް ކުރަމުންނެވެ. ހަމަ އެ މައްސަލައިގައި ދައުވާ ކުރި ފާތިމަތު ޝަމީމާ ކިޔާ މީހަކު ވަނީ އޭނާ ވިހެއި ތައުފީގުގެ ދަރިއެއް ކަމަށް ބުނެފަ އެވެ. އަދި ކުއްޖާގެ ޑީއެންއޭ ތައުފީގުގެ ޑީއެންއޭއާ ވެސް ދިމާވެ އެވެ. ނަމަވެސް ޝަމީމާއާއެކު ޒިނޭ ކުރި ކަމަށް ތައުފީގު އިންކާރު ކުރެ އެވެ.

އިސްލާމް ދީނުގައި ޒިނޭގެ ކުށް ސާބިތުވާން ހަތަރު ފިރިހެނުންގެ ހެކިބަސް ބޭނުންވާ ކަމަށް ބުނެ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓާއި ހައި ކޯޓުން ތައުފީގުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައި އޮއްވާ ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތުގައި އިންނަވައި މިއަދު ނިންނެމީ އިތުރު ގަރީނާއާއެކު ޑީއެންއޭއަކީ ކުށް ސާބިތު ކުރުމަށް ބޭނުން ކުރެވިދާނެ ހެއްކެއް ކަމަށެވެ.

"އަހުރެންގެ ރައުޔަކީ ޑީއެންއޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ އެ ގަރީނާ އަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެ ނަމަ ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތުކުރުމަށް ފުދޭނޭ ވަސީލަތްތަކެއް ކަމަށް،" ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވެ އެވެ.

އެގޮތަށް ހުކުމް ކުރެއްވުމުގެ ފަނޑިޔާރު ސުއޫދު ވަނީ އެމަނިކުފާނުގެ ނިންމެވުން ބިނާކުރެއްވި ނުކުތާތައް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ހައްދުގެ ހުކުމް ކަނޑައަޅާފައިވާ މައްސަލަތަކުގައި ގަރީނާ ބޭނުންކޮށްގެން ކުށް ސާބިތު ކުރުމާމެދު އިލްމުވެރިންގެ މެދުގައި ސުވާލު އުފެދެނީ ޝައްކުތަކުން ދުރުވުމަށް ރަސޫލާ އަންގަވާފައިވާތީ ކަމަށް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އެކަށީގެންވާ ގަރީނާ ހުރި ހާލަތްތަކުގައި ﷲގެ ރަސޫލާ ވެސް އަދި އިސްލާމީ ހިލާފަތުގެ ހަލީފާއިން ކަމުގައިވާ އުމަރުގެފާނާއި އުސްމާނުގެފާނު ވެސް ކުށް ސާބިތު ކުރައްވާފައި އެބަ ހުރި ކަމަށް ސުއޫދު ވިދާޅުވި އެވެ.

އެއަށް ބާރު ލިބޭ ހެއްގެއްގެ ގޮތުގައި ފަނޑިޔާރު ސުއޫދު ފާހަގަ ކުރެއްވީ އިބްނު އައްބާސް ރިވާ ކުރައްވާފައިވާ "ހެއްކެއް ނެތީސް ރަޖަމް ކުރުމަށް ހުކުމް ކުރެވޭނަމަ އޭނާގެ އުޅުމާއި ވާހަކަދެއްކުމާއި ވަށައިގެންވާ ކަންކަމަށް ބެލުމުން އޭނާގެ އިއްފަތްތެރިކަމުގެ މައްޗަށް ޝައްކު އުފެދޭ ހިނދު، އެކަނބުލޭގެ ރަޖަމްކުރަން ތިމަންކަލޭގެފާނު އެންގެވީމުހެވެ" ރަސޫލާގެ މި ހަދީސެވެ.

އަދި ހުކުމުގައި ބުނެފައި ވަނީ "ވިހެއުމުން ނުވަތަ އިއުތިރާފުން ކުށް ސާބިތުވެއްޖެ ނަމަ ޒިނޭކުރި މުހުސަން މީހާގެ އުގޫބާތަކީ ރަޖަމްކުރުން" ކަމަށް އުމަރުގެފާނު ހުތުބާއެއް ދެއްވަމުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އަލްވަލީދު ބިން އުތުބާ ކިޔާ މީހަކު ރާ ބޮއެގެން ހޮޑުލުމުން، ހޮޑުގެ ގޮތުގައި ރާ ބޭރު ކުރެވޭނީ އެ ބޮއެގެން ކަމަށް ބަލައި އުސްމާންގެފާނު އެމީހާއަށް ހައްދުގެ އަދަބު ދެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.

"އިބްނު ގައްޔިމްގެ ރައުޔަކީ އިސްލާމީ ޝަރިއަތުގެ މަގްސަދަކީ މީހުންގެ މެދުގައި އަދުލުއިންސާފު ގާއިމުކުރުން ކަމަށް ވުމާއެކު، އެކަމަށް މަގުފަހިކުރާ އެންމެހައި ވަސީލަތްތައް ބޭނުންކުރުން ހުއްދަވާނެ ކަމަށް. ޔަގީނާ އެންމެ ގާތްކުރާ ހެކީގެ ވަސީލަތެއް ނެތްނަމަ ދެން ލިބެން އޮތް އެންމެ ރަނގަޅު ހެކީގައި ހިފުމަކީ އަދުލު އިންސާފަށްޓަކައި ކުރަންޖެހޭ ކަމެއް،" ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވެ އެވެ.

ހައްދާއި ގިސާސްގެ މައްސަލަތަކުގައި ހުކުމް ކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް، އިއުތިރާފުންނާއި ހެކިންގެ ހެކިބަހުން ސާބިތުވެގެން ކަމަށް ޖުމްހޫރީ އިލްމުވެރިން އެއްބަސްވާ ކަމަށް ސުއޫދުގެ ހުކުމުގައި ފާހަގަ ކުރައްވާފައިވެ އެވެ. ނަމަވެސް މުޅިން ޔަގީންވާ މިންވަރަށް އެފަދަ މައްސަލަ ސާބިތު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް ބައެއް އިލްމުވެރިން ގަބޫލު ކުރާ ކަމަށާއި އެހެންވެ ކުށް ކުރި ކަމަށް ގާޒީއަށް ގަބޫލު ކުރެވޭ ނަމަ އެފަދަ މައްސަލަތަކުގައި ހުކުމް ކުރެވިދާނެ ކަމަށް އެ އިލްމުވެރިން ގަބޫލު ކުރައްވާ ކަމަށް ފަނޑިޔާރު ސުއޫދުގެ ހުކުމުގައި ލިޔުއްވާފައިވެ އެވެ.

އުސޫލެއްގެ ގޮތުން ބަލާ ނަމަ، ކައިވެނީގެ ބޭރުން އަންހެނަކު ވިހެއުމަކީ ޒިނޭ ކުރިކަމުގެ "އޭގެ ޒާތުގައި އެންމެ ވަރުގަދަ ގަރީނާއެއް ނޫން" ކަމަށެވެ. ރޭޕްކޮށްގެން ބަނޑުބޮޑުވުމަކީ ވެސް ވުން އެކަށީގެންވާ ކަމަކަށްވާއިރު ވިހެއުން ފަދަ ގަރީނާތައް ވަރުގަދަ ވަނީ "މައްސަލައިގެ ވަށައިގެންވާ އެހެނިހެން ވާގިއާތަކުގެ ނުވަތަ ހެކިތަކުގެ އަލީގަ" ކަމަށް ވެސް ހުކުމުގައި ލިޔުއްވާފައިވެ އެވެ.

"ރޭޕްގެ ސަބަބުން އަންހެނަކު ބަލިވެ އިނުމަކީ އެކަށީގެންވާ ކަމަކަށްވާއިރު ހުކުމްކުރުމުގެ ކުރިން އެ ގޮތުން އުފެދޭ ޝައްކުތައް ކީރިތި ރަސޫލާގެ ހަދީސްގައިވާ ގޮތުގެ މަތިން ފިލުވުމަކީ ގާޒީގެ މައްޗަށް ލާޒިމުކަމެއް،" ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

ނަމަވެސް "ޑީއެންއޭ އާއި އިނގިލީގެ ނިޝާން ފަދަ ގަރީނާ ތަކަކީ އެ ގަރީނާތައް ކަށަވަރުކޮށްދޭ ބާރުދެނިވި ހެއްކާ ނުލައި ޒިނޭގެ ކުށް ސާބިތުކޮށް ދިނުމަށް ފުދޭނޭ ވަސީލަތްތަކެއް ނޫން ކަމަށް އިލްމުވެރިން ވިދާޅުވެފައިވާ" ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ސުއޫދުގެ ހުކުމުގައި ކަނޑައެޅުއްވީ ހައްދުގެ ކުށެއް ސާބިތު ކުރުމަށް ބޭނުންވާ ޝަރުތެއް އުނިވި ނަމަވެސް ކުށް ސާބިތުކޮށް ތައުޒީރީ އަދަބެއް ދެވިދާނެ ކަމަށެވެ.

"ސުވާލަކީ، ހައްދުގެ ކުށެއް ސާބިތުވެ އު ގޫބާތް ކަނޑައެޅުމަށް ޝަރީއަތުން ބަލާއިރު، ހައްދުގެ ކުށެއް ސާބިތުވުމުގައި ފުރިހަމަވުން ލާޒިމުކުރާ ޝަރުތެއް (އެއީ ހެކީގެ ނިސާބެއް، ކުށުގެ ރުކުނެއް، ކުށަށް ތުހުމަތު ކުރެވޭ މީހާގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތެއް ނަމަވެސް) އުނިވާ ހާލަތުގައި ތައުޒީރީ އަދަބެއް ދެވިދާނެ ހެއްޔެވެ؟ މި ސުވާލަށް ޝަރުއީ ނައްސުތައް ޖަވާބުދެނީ އީޖާބީކޮށް. އެހެން ގޮތަކަށް ބުނާނަމަ، އެ ހާލަތުގައި ތައުޒީރީ އަދަބު ދިނުން ޝަރުއީ ނައްސުތަކުން ހުއްދަ ކޮށްފައިވޭ،" މިއަދު އިއްވި އިންގިލާބީ ހުކުމުގައި ފަނޑިޔާރު ސުއޫދު ލިޔުއްވާފައިވެ އެވެ.

އެކަމަކު، އެގޮތަށް އަދަބު ކަނޑައަޅާއިރު "އެއްވެސް ހާލެއްގައި ހައްދުގެ އަދަބު ދީގެންނުވާނެ" ކަމަށް ވެސް ހުކުމުގައި ކަނޑައަޅުއްވާފައިވެ އެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަނީ ފަނޑިޔާރު ހުސްނުއްސުއޫދުގެ ހުކުމަށް ތާއީދު ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox