ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަަމަޖައްސައިފި އެވެ.
އިޓަލީގެ ލެޗޭ އަށް އުފަން އުމުރުން 52 އަހަރުގެ މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވެފައިވާކަން ރަސްމީކޮށް އިއުލާނުކުރީ މިރޭ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ގައުމީ ޓީމުން އަންނަ ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުށީ ޓީމާ ދެކޮޅަށް އެ ރަށުގައި ސަރުކާރުން ހެދި ޓާފް ދަނޑެއް ހުޅުވުމަށް ހާއްސަ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ މެޗަށް ގައުމީ ޓީމާ އެކު ކުޅުދުއްފުށްޓައް ގައުމީ ކޯޗު މޮރިއޭރޯ ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެ މެޗުގައި އޭނާ ޓީމަށް އިރުޝާދު ނުދޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
މޮރިއޭރޯ ރަސްމީކޮށް ގައުމީ ޓީމާ އެކު މަސައްކަތް ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު ކުޅުންތެރިންނަށް ދީފައިވާ ބްރޭކް ނިންމާލުމަށް ފަހު އަންނަ ހޯމަ ދުވަހު ގައުމީ ޓީމުން ޕްރެކްޓިސް ފަށާނެ އެވެ. އެއީ އަންނަ މަހު 8-17 އަށް ސްރީ ލަންކާގައި ބާއްވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ފޯ ނޭޝަންސް ކަޕްގައި ރާއްޖޭ އާއި ލަންކާގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.
ކޯޗިން ކެރިއަރުގައި މޮރިއޭރޯ މިހާތަނަށް ހަވާލުވެ ހުރީ މުޅިން ކްލަބްތަކާ އެވެ. ރާއްޖެ އަކީ އޭނާ ކޯޗުކޮށްދޭނެ ފުރަތަމަ ގައުމީ ޓީމެވެ.
މޮރިއޭރޯ ކޯޗިން ކެރިއަރު ރަސްމީކޮށް ފެށީ 2006 ވަނަ އަހަރު އައިވަރީ ކޯސްޓްގެ ކްލަބް އެފްރިކާ ސްޕޯޓްސް އިންނެވެ. އިޓަލީގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި މޮރިއޭރޯ ވަނީ އެ ޑިވިޝަންތަކުގެ މަޝްހޫރު ޓީމުތައް ކަމަށްވާ ފްރޮސިނޯނޭ އާއި ކްރޮޓޯނޭ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ އެންމެ ފަހުން ހުރީ އަލްބޭނިއާގެ ކްލަބް ޑިނަމޯ ޓިރާނާގެ ކޯޗަކަށެެވެ.
ކުޅުމުގެ ކެރިއަރަށް ބަލާނަމަ 1986 އިން 1992 އަށް މޮރިއޭރޯ ކުޅުނީ ލެޗޭ އަށެވެ. އޭގެ ފަހުން ދެ ސީޒަނުގައި ކަލިއަރީ އަށް ކުޅުމަށް ފަހު ދެން 1994 އިން 1997 އަށް މޮރިއޭރޯ ފެނުނީ ރޯމާ އިންނެވެ. މޮރިއޭރޯ، އިޓަލީގެ އޭރުގެ ގަދަބާރު އިންޓަ އަށް ބަދަލުވީ 1997 ވަނަ އަހަރު އެވެ. ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯއާ އެކު އިންޓަ އަށް ކުޅުނު މޮރިއޭރޯ އެ ޓީމުގައި ތިން އަހަރު ހުރުމަށް ފަހު ކެރިއަރު ނިންމާލުމުގެ ކުރިން ދެ ސީޒަނުގައި ނަޕޯލީ އަށް ވެސް ކުޅުނެވެ.
ސެޒާ މަލްޑިނީގެ ކޯޗުކަމުގައި އިޓަލީ ގައުމީ ޓީމުން ފުރުސަތު ހޯދި މޮރިއޭރޯ އަށް ގައުމީ ޓީމުން ކުޅުމުގެ ފުރުސަތު ލިބުނީ އަށް މެޗުގަ އެެވެ. އޭނާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނިޔާގެ ސަބަބުން މޮރިއޭރޯ އަށް އިޓަލީގެ ގިނަ މެޗުތަކުން ފުރުސަތު ނުލިބެ އެވެ.
މޮރިއޭރޯ އަކީ މި އަހަރު ތެރޭގައި ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ފެންނާނެ ތިން ވަނަ ކޯޗަަށެވެ. އަދި މިދިޔަ ފަސް އަހަރަށް ބަލާނަމަ ގައުމީ ޓީމުން ފެންނާނެ ފަސް ހަ ވަނަ ކޯޗަށެވެ. މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމަށް ކޯޗުކޮށްދިނީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. މި މަހު ރާއްޖޭގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ ތަޖުރިބާކާރު ދިވެހި ކޯޗު އަލީ ސުޒޭން އެވެ.
ގައުމީ ޓީމާ އެކު މޮރިއޭރޯ އަށް އޮތް އެންމެ ބޮޑު ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. އެ ޓާގެޓަށް އަމާޒުކޮށް ކޮލިފައިން މެޗުތަކަށް ރާއްޖެ ނުކުންނަން ޖެހޭނީ އަންނަ އަހަރު ޖޫން މަހު އެވެ. ހޯމް އެންޑް އަވޭގެ ބަދަލުގައި އެ މެޗުތައް ކުޅޭނީ ސެންޓްރަލައިޒްކޮށް ކަމަށް އޭއެފްސީން ވަނީ ނިންމައިފަ އެވެ.












