ދިވެހިރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކަށް ކުރާ ގޯނާތައް ހުއްޓުވުމާއި ހިމާޔަތް ދިނުމުގައި ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ހާއްސަކޮށް ލޯކަލް ކައުންސިލްތަކުން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށް އެކަން ހުއްޓުވައި އަމަލު ހިންގާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބާރު އަޅައި ގޮވާލައިފި އެވެ.
އެ ކޮމިޓީން އެކަމަށް ގޮވާލީ މި ދުވަސްވަރަކީ ހިޖުރަކުރާ ދޫނި ގިނަ އަދަދަކަށް ރާއްޖެ އަންނަމުންދާ ދުވަސްވަރަކަށްވާތީ އެ ތަކެއްޗަށް ގޯނާކޮށް، ގެއްލުންދީ އެތަކެތި ހިފައި ވިއްކާކަން ސަމާލުކަމަށް އައިސްފައިވާތީ ނެރުނު ބަޔާނެއްގަ އެވެ. އެގޮތުން ރާއްޖެ ހިޖުރަކުރި ފްލެމިންގޯތަކެއް ދާޖަހައި ހިފައި ވިއްކަން އުޅުނު މައްސަލައެއް އިއްޔެ ފެންމަތިވެ، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދީފަ އެވެ.
ކޮމިޓީގެ ބަޔާނުގައި ބުނީ އެކި މޫސުންތަކުގައި ރާއްޖެ އަށް ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލުގައި ވަރަށް މުހިއްމު ތަކެތިކަމަށްވުމާ އެކު އެތަކެތީގެ އާބާދީއަށް ގެއްލުން ލިބިދާނެ ފަދަ އެންމެހައި ކަންކަމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކުން މަނާކޮށް އެފަދަ ކަންކަންކުރާ ފަރާތްތަކަށް އަދަބު ކަނޑައެޅިފައިވާ ކަމެއް ކަމަށެވެ.
އެކަން އެހެން އޮތް ނަމަވެސް ދޫނިތަކަށް ގޯނާކޮށް އެ ތަކެތީގެ ހިޖުރައިގެ ރާސްތާއަށް ހުރަސް އެޅޭ ބާވަތުގެ ކަންކަން ހުއްޓުމެއް ނެތި ކުރަމުންދާ ދިއުމަކީ ކޮމިޓީން ކަންބޮޑުވާކަމެއް ކަމަށް ބަޔާނުގައިވެ އެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން މިހާރުން މިހާރަށް އެކަންކަން ހުއްޓާލުމަށާއި، ހިޖުރަކުރާ ދޫނިތަކުގެ ގުދުރަތީ ދިރިއުޅުން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް ކޮމިޓީން ގޮވާލި އެވެ.












