އަންނަ އަހަރުން ފެށިގެން މުޅި ސިވިލް ސާވިސްގެ އޮޑިޓެއް ހަދަން ފަށަންޖެހޭ ގޮތަށް ހިމަނައި، އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރު 90 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޑިޓު އޮފީހުން މަޖިލީހުގައި އެދުނީީ 118.7 މިލިއަން ރުފިޔާގެ ބަޖެޓަކަށެވެ.
އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި ދާނެކަމަށް ލަފާކުރީ 58.9 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ހަރަދުގެ ގޮތުގައި 59.7 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފަ އެވެ.
ނަމަވެސް، އެ ބަޖެޓު ދިރާސާކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އޮޑިޓު އޮފީހުން ހުށަހެޅި ބަޖެޓުން 28.3 މިލިއަން ރުފިޔާ އުނިކޮށްފަ އެވެ.
މައިގަނޑު ގޮތެއްގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމަށްފަހު، ކޮމިޓީން ފާސްކުރީ 90.3 މިލިއަން ރުފިޔާގެ ބަޖެޓަށް އޮޑިޓު އޮފީހަށް ދިނުމަށެވެ.

ޕަފޯމަންސް އޮޑިޓު ނަހަދާތީ ކަންބޮޑުވުން
މާލިއްޔަތު ކޮމިޓީން އޮޑިޓު އޮފީހުގެ ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ތަޅުމުގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ އޮޑިޓް އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ކަންބޮޑުވުންތައް ފާހަގަކުރައްވައިފަ އެވެ.
އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ، ދައުލަތުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕަފޯމަންސް އޮޑިޓުތައް ގަވައިދުން ނުހެދޭ މައްސަލައިގަ އެވެ. އަދި މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކޮށްގެން އޮޑިޓު ރިޕޯޓުތަކުގައި ދައުލަތަށް ގެއްލުނުކަމަށް ބަޔާންކުރާ ފައިސާ އަނބުރާ ނުހޯދޭ މައްސަލަ ވެސް ބައެއް މެމްބަރުން ފާހަގަކުރެއްވި އެވެ.
އެއާއެކު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވަނީ އޮޑިޓުގެ އޮފީހުގެ އަންނަ އަހަރުގެ ޕްލޭންގައި މުޅި ސިވިލް ސާވިސްގެ އޮޑިޓެއް ހަދަން އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
އެ އިސްލާހާއެކު އަންނަ އަހަރަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑިޓު އޮފީހަށް ދިނުމަށް މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.












