އިޖުރާއީ ތަރުތީބު ގޯސްވެ، އައިސްކްރީމް ބައިސިކަލް ސުޕްރީމް ކޯޓުން ނުކުންނަން ޖެހުނީ ހުސްކޮށް!

ސުޕްރީމް ކޯޓު: އައިސްކްރީމް ބައިސިކަލް މައްސަލާގައި ބަދަލެއް ނަގައިނުދިން

ސުޕްރީމް ކޯޓު: އައިސްކްރީމް ބައިސިކަލް މައްސަލާގައި ބަދަލެއް ނަގައިނުދިން

"އެންމެން ހިތްހަމަޖައްސައިގެން އުޅޭން ބޭނުންނަމަ އައިސްކްރީމް ވިއްކާ މީހަކަށް ވާށެވެ." މިއީ ހުރިހާ އެންމެން ހިތްހަމަޖެހޭ ގޮތަށް ނޫޅެވޭނޭކަން ބުނެދިނުމަށް ބުނެ އުޅޭ ވާހަކަ އެކެވެ. އައިސްކްރީމް ވިއްކާ މީހާއާމެދު ހިތްހަމަނުޖެހޭނީ ކާކު ހެއްޔެވެ؟ އެހެންނަމަވެސް ހަބީބު ޒާހިރު ކުރި އެ ވިޔަފާރީގައި ކަން ވެގެން ދިޔައީ އެހެނެއް ނޫނެވެ.

މާލޭގެ ސަރަހައްދުތަކުގައި އައިސްކްރީމް ވިއްކަން އެކަމަށް ހާއްސަކޮށް ފަރުމާކުރެވިފައި ހުރި ތިން ބައިސިކަލް އެތެރެކޮށް އޭގެ ވިޔަފާރި ކުރަން ހަބީބު ޒާހިރު ފެއްޓީ 2010 ވަނަ އަހަރު އެވެ. ވިޔަފާރި ކުރިއަރައި، ވައިގައި ހިފަމުން ދަނިކޮށް މާލޭ ސިޓީ ކައުންސިލުން އެކަން ހުއްޓުވި އެވެ. ކައުންސިލުން މިކަން ހުއްޓުވީ ވަކި ގާނޫނެއް ނުވަތަ ގަވާއިދަކަށް ހަވާލާދީއެއް ނޫނެވެ. ބައިސިކަލްގައި އައިސްކްރީމް ވިއްކުން މަނާކުރާ އެފަދަ ގާނޫނެއް ނުވެސް ނެތްމެ އެވެ. ކައުންސިލުން އެކަން ހުއްޓުވި ސަބަބަކީ އެ ވިޔަފާރި ކުރުމުގެ ހުއްދަ ކައުންސިލުން ހޯދާފައި ނެތުމުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ އަމަލަކީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ހައްގަށް އަރައިގަތުގެ އަމަލެއްކަމަށް ބުނެ ހަބީބު ޒާހިރު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ސިޓީ ކައުންސިލުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް އެ މައްސަލައިގައި އެދިފައި އޮތެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ނިންމީ އައިސްކްރީމް ބައިސިކަލުގެ ވިޔަފާރި ސިޓީ ކައުންސިލުން ހުއްޓުވީ ގޯސްކޮށް ކަމަށެވެ. ނަމަވެސް, ބަދަލުގެ ގޮތުގައި ހަބީބު ހޯދުމަށް އެދުނު އަދަދު ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތީތީ ބަދަލު ނަގައި ދީފައެއް ނުވެ އެވެ.

އެ މައްސަލަ އެ އޮތް ގޮތަށް ހަބީބު ބޭއްވީ އެވެ. ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް އާ މައްސަލައެއް ވެއްދީ އެވެ. އެ މައްސަލާގައި އެދިފައި އޮތީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އޭނާއަށް ސިޓީ ކައުންސިލުން އެއް މިލިއަން ރުފިޔާ ދޭންޖެހޭނެ ކަމަށް އަމުރުކޮށް ދިނުމަށެވެ.

ނަމަވެސް ގެއްލުމުގެ ބަދަލާމެދު ސިވިލް ކޯޓުން ކުރިން ނިންމި މައްސަލާގައި ގޮތެއް ނިންމާފައިވާތީ ހަބީބު ޒާހިރު ފަހުން ހުށަހެޅި މައްސަލަ ނުބެލުމަށް ސިވިލް ކޯޓުން ނިންމި އެވެ. ސިވިލް ކޯޓުގެ އެ ނިންމުން ބިނާ ކުރީ ގާނޫނީ އުސޫލެއްކަމަށްވާ 'ރެސް ޖުޑިކާޓާ' ގެ އުސޫލުގެ މައްޗަށެވެ. އެ އުސޫލުގައި ބުނަނީ ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމެއް ދެވަނަ ފަހަރަށް ހަމަ އެ ކޯޓުން ނުބެލޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދެން ހަބީބު ދިޔައީ ހައިކޯޓަށެވެ. އެ ކޯޓުގެ ނިންމުން އައީ ހަބީބު ބޭނުންވި ގޮތަށެވެ.

ހައިކޯޓުން ނިންމީ ސިވިލް ކޯޓަށް ހަބީބު ފުރަތަމަ ހުށަހެޅި މައްސަލާގައި ބަދަލާ ގުޅޭ ގޮތުން އެކަށީގެންވާ ގޮތެއްގައި ބަހުސް ކުރެވި, އެ މައުލޫގައި ގޮތެއް ނިންމިފައިނުވާ ކަމަށެވެ. އެހެންވެ, ބަދަލު ހޯދުމުގެ މައްސަލަ އަލުން ސިވިލް ކޯޓުގައި ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށް ބުންޏެވެ.

އެގޮތަށް ހައިކޯޓުން ކަނޑައެޅުމުން ތިންވަނަ ފަހަރަށް ހަބީބު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް, ކޯޓުގެ ނިންމުން އައީ ހަބީބާ ދެކޮޅަށެވެ. ސިވިލް ކޯޓުން ކަނޑައެޅީ ބަދަލު ގޮތުގައި ހަބީބު އެދިފައިވާ އެއް މިލިއަން ރުފިޔާ އެއީ ހަގީގަތުގައިވެސް ލިބިފައިވާ ގެއްލުމެއްކަން އޭނާއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އަނެއްކާވެސް ހަބީބު ޓަކި ޖެހީ ހައިކޯޓުގެ ދޮރުގަ އެވެ. ސިވިލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ހަބީބުގެ މަސައްކަތް ސިޓީ ކައުންސިލުން ހުއްޓުވީ ގޯސްކޮށް ކަމަށްވާތީ, ބަދަލު ދޭން ޖެހޭނެ ކަމެވެ.

އެކަމުގެ ބަދަލެއްގެ ގޮތުން ހަތަރު ލައްކަ ރުފިޔާ ދޭންޖެހޭކަމަށް ހައިކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް, މުވައްޒަފުންގެ މުސާރަ އާއި ކުއްޔަށް ދައްކަންޖެހުނު ފައިސާ ފަދަ ގެއްލުންތައް ހަބީބަށް ސާބިތުކޮށް ދެވިފައިނުވާތީ އެ ބަދަލު ނަގައިނުދޭން ހައިކޯޓުން ވެސް ނިންމި އެވެ.

ހައިކޯޓުން ހަބީބަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް ލިބުނު ނަމަވެސް, އެ ހުކުމާމެދު އޭނާ ހިތްހަމަ ނުޖެހުނެވެ. އެހެންވެ, މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ބާކީ ހުރި ބަދަލުތައް ވެސް އޭނާއަށް ހައްގު ކަމަށް ބުނެ އެވެ. ހައިކޯޓުގެ ހުކުމް ސިޓީ ކައުންސިލުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ދެ މައްސަލަ އެއްކޮށް ކުރިއަށް ގެންގޮސް ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ފާހަގަކުރީ ރެސް ޖުޑިކާޓާގެ މަބްދައުގެ އުސޫލެވެ. ސުޕްރީމް ކޯޓުން ހުސް އަތާ ނުކުންނަން ހަބީބަށް ޖެހުނީ އެ އުސޫލުގެ ސަބަބުންނެވެ.

titledesc

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ނެރުއްވި ރައުޔުގައި ވިދާޅުވި ގޮތުގައި, ހަބީބު ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލާގެ ހުކުމާމެދު ހިތްހަމަ ނުޖެހޭނަމަ, އޮންނާނޭ ގާނޫނީ މަގަކީ އެ ހުކުމް އިސްތިއުނާފް ކުރުމެވެ. ކޯޓުން ކޮށްފައިވާ ހުކުމެއް އިސްތިއުނާފު ނުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ ހުކުމް ނިހާއީ ހުކުމަކަށްވެ, އެ ހުކުމްގެ މައްޗަށް އަމަލު ކުރުން ލާޒިމްވުން ކަމަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ރައުޔުގައި ވިދާޅުވެފައި އޮވެ އެވެ.

"ހުކުމެއްގައި ފާހަގަވާ އުނިކަންކަން ފޫބެއްދުމަށްޓަކައި އަލުން ހަމަ އެ މައުލޫގެ މައްޗަށް އާ ދައުވާއެއް ހުށަހަޅައި ކޯޓުތަކުން އެކަންކަމުގެ މައްޗަށް ދެވަނަ ފަހަރަށް ހުކުމް ކުރަން ވެއްޖެނަމަ ނަތީޖާއަކަށް ވެގެންދާނީ އެއް ހަސްމުންތަކެއް ހިމެނޭ މައްސަލަތަކުގައި އެއް މައުލޫއެއްގެ މައްޗަށް ކޯޓުތަކުން އެކި ހުކުމް ކުރަމުންދިޔުމުގެ ސަބަބުން އެތަނުން އަމަލު ކުރަން ޖެހޭ ހުކުމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ހުޅުވުން," ހުކުމްގައި ވެ އެވެ.

"... އަދި ނިޒާމުގެ ނާޖައިޒު ބޭނުން ހިފުމުގެ މަގުފަހިވެ، ކޯޓުން ކުރާ ހުކުމްތަކުގެ ބާރު ކެނޑިގެން ދިޔުމެވެ."

ހުކުމްގައި ބުނި ގޮތުގައި ކޯޓަކުން ހުކުމެއް ކުރުމަށްފަހު އެ ހުކުމްގައިވާ އެއްޗެއް ދެން ބަދަލު ކުރެވޭނީ އިސްތިއުނާފުކުރުމަށް ހަމަޖެހިފައިވާ އިޖުރާއަތުތަކުގެ ތެރެއިންނެވެ.

އެހެންވެ, އައިސްކްރީމް ބައިސިކަލްގެ ބަދަލުގެ މައްސަލާގައި ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައިވަނިކޮށް ހަމަ އެ މައުލޫގައި އަލުން ދައުވާކުރުން ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން މަނާވެގެންދާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި, ހަބީބު ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލާގެ ހުކުމް ދެމި އޮއްވައި އެ ހުކުމް ބާތިލް ކުރުމެއް ނެތި އެ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިންމާފައިވާ ކަމަކާމެދު ފުށުއަރާ މޭރުމުން ހައިކޯޓަށް ވެސް އިތުރު ގޮތެއް ކަނޑަނޭޅޭނެ އެވެ.

"އެހެންކަމުން, ޝަރީއަތުގެ އާންމު އުސޫލުތައް ނަގަހައްޓައި، މި މައްސަލާގައި ބާތިލް ނުކުރާ އެންމެ ފުރަތަމަ ހުކުމަށް ރުޖޫއަވާން ޖެހޭ ކަމުގައި ދެކެން," ހުކުމްގައި ވެ އެވެ.

އެ ނޫން ގޮތަކަށް އަމަލުކޮށްފިނަމަ, ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި ގޮތުގައި ދެން ނުކުންނާނެ ނަތީޖާއަކީ ނިހާއީ ވެފައިވާ ހުކުމެއްގެ ތަންތަންކޮޅާ ހަވާލާދީ އެއީ މިހާރު ގޮތެއް ކަނޑައެޅިފައިވާ ކަންކަންކަމަށް ބަޔާންކޮށް ހަމަ އެ ހުކުމުގެ އެހެނިހެން ބައިބަޔަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ބުނުމެވެ.

"...އޭގެ ސަބަބުން ޝަރީއަތުގައި މައްސަލަ ދިގުލައިގެން ގޮސް ވަގުތު ބޭކާރުވެ ޝަރީއަތުގެ މުޅި އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުން ހިފުމަށް ހުޅުވާލެވޭ ދޮރަކަށް ވެގެންދޭ," ހުކުމްގައިވެ އެވެ.

އެހެންވެ, ސުޕްރީމް ކޯޓުން ވަނީ ހަބީބު ތިންވަނަ ފަހަރަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ބާތިލް މައްސަލައެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެއާއެކު, ހަބީބަށް ހަތަރު ލައްކަ ރުފިޔާގެ ބަދަލެއް ނަގައިދިން ހައިކޯޓުގެ ހުކުމް ވެސް ބާތިލްވީ އެވެ.

އައިސްކްރީމް ބައިސިކަލް ސިޓީ ކައުންސިލުން ހުއްޓުވީ ގާނޫނީ ބާރެއް ނެތީސް ކަމަށް ފެންނަން އޮތް ނަމަވެސް, ހަބީބު, ކޯޓު މަރުހަލާއިން ހުސް އަތާ ނުކުންނަން ޖެހިފައިމިވަނީ މައްސަލަ ހުށަހެޅުމުގެ ތަރުތީބުގައި ހެދި ބޮޑު ގޯހަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox