ރާއްޖެއަށް ބައެއް ދުވަސްވަރު ހިޖުރަކުރާ ދޫންޏެއް ކަމުގައިވާ ގުޑުގުޑާ ދޫނި (ފްލެމިންގޯ) ހިފައިގެން ވިއްކަން އުޅޭ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނެފި އެވެ.
ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި އާންމުކޮށް ދިރިނޫޅޭ ދޫންޏެއް ނަމަވެސް، ކޮންމެ އަހަރެއްގެ ހިޖުރާކުރާ ދުވަސްވަރު ރާއްޖޭގެ ޗަސްބިމާއި ކުޅިތައް ހުންނަ ސަރަހައްދުތަކުން މި ދޫނިތައް އާންމުކޮށް ފެނެ އެވެ.
މި ދޫނިތަކަކީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫނިތަކެކެވެ.
މި ދުވަސްވަރަކީ އާންމުކޮށް ރާއްޖެއަށް ދޫނި ހިޖުރަކުރާ ދުވަސްވަރަކަށް ވާތީ، މީގެ ދެ ހަފުތާ ކުރިން އީޕީއޭއިން ވަނީ ރާއްޖެއަށް ހިޖުރަކުރާ ދޫނި ނުހިފަން އިލްތިމާސްކޮށް، ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީ ބަޔާނެއް ނެރެފަ އެވެ.

އެކަމަކު އިއްޔެ ހއ. ބާރަށުން ބަޔަކު މީގެ ދޫނިތަކެއް ހިފައިގެން 30،000ރ. އަށް ވިއްކަން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
މިކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "އަދަދު"އަށް ވިދާޅުވީ ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ވިއްކަން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އަދި މި މައްސަލައިގައި، ދޫނި ހިފައި އަދި ވިއްކާ މީހާގެ އިތުރުން، ދޫނި ގަންނަ މީހާ ވެސް ޒިންމާވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޮލިސްއާ ގުޅިގެން މައްސަލަ ބަލަމުން ދަނީ. ވިއްކާ މީހުންނާ ގަންނަ މީހުންނައި ގޯނާ ކުރާ މީހުންނަށް ފިޔަވަޅު އަޅާނަން" ނައީމް ވިދާޅުވި އެވެ.
ދިރޭތަކެތި ހިމާޔަތްކުރުމުގެ ގަވާއިދުގެ ދަށުން ދިރޭއެއްޗަކަށް ގޯނާކޮށްފިނަމަ ދޭނެ އަދަބާއި، އުޅޭ ތަންތަނަށް ނޫނީ ހާއްޔަށް ނުވަތަ ބިހަށް ގެއްލުން ދީފިނަމަ، އަދި ގަވާއިދުގައި ބުނާ އެއްވެސް އުސޫލަކާ ހިލާފުވެއްޖެނަމަ ޖޫރިމަނާ ކުރެވޭނެ އެވެ. އެގޮތުން:
- ގަވާއިދުން ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭއެއްޗަކަށް ގޯނާކޮށްފިނަމަ 30،000ރ. އާއި 50،000ރ. އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރުން.
- ގަވާއިދުން ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެތީގެ ހާއްޔާއި، ނިދާ ތަންތަނާއި، ބިސްއަޅާ ތަންތަނާއި، ވިހާ ތަންތަނަށް ގެއްލުންދީފިނަމަ، 30،000ރ. އާއި 50،000ރ. އާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރުން.
- ގަވާއިދުގެ ދަށުން އެކުލަވާފައިވާ އެއްވެސް އުސޫލަކާ ހިލާފުވެއްޖެ ނަމަ، 30،000ރ. އާއި 50،000ރ. އާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރުން.

ވިއްކާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ގުޑުގުޑާ ދޫނި. -- ފޮޓޯ: ސޯޝަލް މީޑިއާ
މި ބުނާ ގަވާއިދުގެ ދަށުން ރާއްޖެއަށް ހިޖުރަކުރާ ހުރިހާ ދޫންޏެއް ވަނީ ހިމާޔަތްކޮށްފަ އެވެ.
ހިޖުރަކުރާ ދޫނިތައް ގާނޫނެއްގެ ދަށުން ހިމާޔަތްކުރެވިފައި އޮތަސް، މިގޮތަށް ރާއްޖެއަށް ހިޖުރާ ދޫނި ހިފާ ގެންގުޅުމަކީ ރާއްޖޭގައި އާންމު ކަމެކެވެ.
އަދި އާންމުކޮށް މިފަދަ މައްސަލަތައް ފެންމަތިވުމުން އީޕީއޭއިން ނަސޭހަތްދިނުމަށް ފަހު ޖޫރިމަނާނުކޮށް ދޫކޮށްލަނީ އެވެ.












