އެއް ވިއުގަޔަކުން މާލެއާއި ހުޅުމާލޭގެ ކަރަންޓު ގުޅާލުމަށްފަހު ސްޓެލްކޯގެ ސިސްޓަމްތައް އަދާހަމަކޮށް މިއަދު ހެދި ޓެސްޓު ކާމިޔާބުވެ، ކަރަންޓުގެ ހިދުމަތް މާލެ ސަރަހައްދަށް މެދުކެނޑުމެއް ނެތި ދިނުމުގައި ސްޓެލްކޯއަށް އޮތް ޔަގީންކަން އިތުރުވެއްޖެ އެވެ.
މާލެ އާއި ހުޅުމާލޭގެ އިންޖީނުތައް، ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބު ކަމާއެކު ސިންކްރޮނައިޒް ކުރެވިފައިވާއިރު، ސްޓެލްކޯއިން ބުނާ ގޮތުން މިހާރު މާލޭން ހުޅުމާލެއަށް އަދި ހުޅުމާލޭން މާލެއަށް ކަރަންޓް ފޯރުކޮށްދެވޭނެ އެވެ.
"މާތްﷲ ގެ އިރާދަފުޅާއެކު، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތައް އެއްވެސް މައްސަލައެއް ދިމާނުވެ މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ޓެސްޓްތައް މިވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައި. ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، އަޅުގަނޑުމެންގެ ސިސްޓަމްތަށް އަދާހަމަ ކުރުމަށް މިގެންދަނީ އަބަދުވެސް މަސައްކަތް ކުރަމުން. މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން." ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެ އެވެ.
މިހާރު ހުޅުމާލޭގައި ބަހައްޓާފައި ހުރި 50 މެގަވޮޓްގެ ޖަނަރޭޓަރު ސެޓުގެ އިތުރުން ހަމަ އެ ސައިޒުގެ އިތުރު ޖަނަރޭޓަރު ސެޓެއް ހުޅުމާލޭގައި ބެހެއްޓުމަށް ސަރުކާރުން އަންނަނީ ރާވަމުންނެވެ. އަދި މާލެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތިލަފުށީގައި 150 މެގަވޮޓްގެ އިންޖީނުގެއެއް ބެހެއްޓުމުގެ މަސައްކަތް ވެސް ސްޓެލްކޯ އިން އަންނަނީ މަސައްކަތްކުރަމުންނެވެ.












