އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި، މިއަދު ހަވީރު ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ސާފް ތާރީހުގައި ފުރަތަމަ ފަހަރަށް މި މުބާރާތުގެ ފައިނަލުން ނޭޕާލް ޖާގަ ހޯދައިފި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ވަނީ 1993 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. އޭގެ ފަހުން އެ ޓީމު ވަނީ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ފަސް ފަހަރު ބަލިވެފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ މުބާާރާތުގެ ސެމީ ފައިނަލުގައި ބަލިވީ ރާއްޖެ އަތުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝް އިން ލީޑު ނަގާފައިވަނިކޮށް، ނޭޕާލުން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑަކާއެކު އެވެ.
މި މެޗަށް ނިކުތްއިރު ވެސް، ފައިނަލްގެ ޖާގައެއް ހޯދުމަށް ނޭޕާލުން ބޭނުންވީ އެންމެ ޕޮއިންޓެކެވެ. ބަންގްލަދޭޝަށް އޮތީ މެޗުން މޮޅުވާން މަޖުބޫރުވެފަ އެވެ.
ބަންގަލަދޭޝުން މެޗުގައި ލީޑު ނެގީ ނުވަ ވަނަ މިނިޓުގައި އެމް.ޑީ ސުމަން ރެޒާ ކާމިޔާބުކުރި ލަނޑުންނެވެ. ހިލޭ ޖެހުމަކުން، ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ނޭޕާލްގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ނޭޕާލްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި އޭރިޔާ ތެރެއަށް އޮއްސުނު ވަގުތު، ރެޒާ ވަނީ ބޮލުން އެ ބޯޅަ ގޯލަށް އަމާޒުކޮށްލައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ނޭޕާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު
ގަލޮޅު ދަނޑުގައި އަޑު ހިތްޕާލާފައި އޮތް ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ކުރިމަތީގައި، ބަންގްލަދޭޝުން ފުރަތަމަ ހާފުގައި ކައުންޓާ އެޓޭކްގައި އިތުރު ފުރުސަތުތައް ތަނަވަސްކުރި އެވެ.
އެ ގޮތުން، މެޗުގެ 22 ވަނަ މިނިޓުގައި ނޭޕާލްގެ ޑިނޭޝް ރަޖްބަންޝީ އަތުން ބޯޅަ ހޯދުމަށް ފަހު، ބަންގްލަދޭޝްގެ ރެޒާ އޭރިޔާ ތެރެއަށް ވަދެ، ފޮނުވާލި ބޯޅަ ދިޔައީ ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫގެ އަތަށެވެ. އެ ވަގުތު އޭރިޔާ ތެރޭގައި ހުރި، ބަންގްލަދޭޝްގެ ފޯވަޑް ރަކީބް ހުސެއިން ހުރީ ރެޒާ އެ ބޯޅަ ހުރަސްކުރާނެކަމުގެ އިންތިޒާރުގަ އެވެ.
މެޗުގެ 16 ވަނަ މިނިޓުގައި ނޭޕާލްގެ ގައުތަމް ޝްރެސްތާ އޭރިޔާ ތެރެއަށް ވަދެ، ހުރަސްކޮށްލި ބޯޅަ އަށް އެ ޓީމުގެ ރޯހިތު ޗާންދު އެރި ނަމަވެސް، އޭނާ ފޮނުވާލި ބޯޅާ ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަންގްލަދޭޝްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ރޯހިތު ރަނގަޅު ބޯޅައެއް ހުރަސްކޮށްލި ނަމަވެސް، އަޔޫޝް ގަލާން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
ދެ ވަނަ ހާފުގައި ނޭޕާލް އިން އެޓޭކްތައް ރަނގަޅުކޮށް، މެޗުގެ ނަތީޖާ އެއްވަރުކުރަން އިތުރު މަސައްކަތެއް ކުރި އެވެ. އަނެއްކޮޅުން، ބަންގްލަދޭޝް އިން ބެލީ ޑިފެންސަށް އިސްކަންދީ، ކައުންޓާ އެޓޭކެއްގައި ލިބޭ ފުރުސތަކުން ލީޑު ފުޅާކުރުމަށެވެ. އަދި ފައުލުވުމުން ދަނޑުމަތީގައި އޮށޯވެ، ވަގުތު ނަގާލަން ވެސް މަސައްކަތްކުރި އެެވެ.
މެޗުގައި ނޭޕޮލަށް ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތަކީ 53 ވަނަ މިނިޓުގައި އަޔޫޝަށް ލިބުނު ފުރުސަތެވެ. ބަންގްލަދޭޝްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނޭޕާލްގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅަ، އަނަންތާ ޓަމާން ބޮލުން ޖައްސާލުމުން، އަޔޫޝް އެ ބޯޅަ އަށް ވަރަށް ރަނގަޅަށް އެރި އެވެ. އެކަމަކު، އޭނާ ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ، ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހްމާން ޒިކޯ ވަނީ ދިފާއުކޮށްފަ އެވެ.
ކައުންޓާ އެޓޭކްގައި، ބަންގްލަދޭޝްގެ ރަކީބާއި ރެޒާ އަށް ދެވަނަ ހާފުގައި ރަނގަޅު ދެ ފުރުސަތު ލިބުނެވެ. ހާއްސަކޮށް، ރެޒާ އަށް ލިބުނު ފުރުސަތު ފާހަގަކުރެވެ އެވެ. ނޭޕާލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި މުޅިން ހުސްކޮށްހުރެ، އޭނާ ފޮނުވާލި ހަމަލާ ނޭޕާލްގެ ކީޕަރު ކިރަން ވަނީ ހުށިހާރުކަމާއެކު ދިފާއުކޮށްފަ އެވެ.
މެޗުގެ 80 ވަނަ މިނިޓުގައި ނޭޕާލުން އުފެއްދި ހަމަލާއެއް ހުއްޓުވުމަށް، ބަންގްލަދޭޝްގެ ގޯލްކީޕަރު ޒިކޯ އޭރިޔާ ބޭރަށް ނުކުމެ، ނޭޕާލްގެ އަންޖަން ބިސްޓާ ހުއްޓުވުމަށް އުޅެނިކޮށް، އޭނާ ވަނީ ބޯޅައިގައި އަތްލައިފަ އެވެ. އެ ފައުލާ ގުޅިގެން، ރެފްރީ އަކްރޯލް ރިސްކުލޭފް ވަނީ ޒިކޯ އަށް ރަތްކާޑު ދައްކައިފަ އެވެ.
ބަންގްލަދޭޝްގެ ގޯލު ބަލަހައްޓަން ދެން އެރި ތަޖުރިބާކާރު ގޯލްކީޕަރު އަޝްރަފުލް އިސްލާމް ރަނާ ވަނީ އެރިތާ މިނިޓެއްގެ ތެރޭގައި، ނޭޕާލްގެ ސުމަން ލާމާ ގޯލާ ދިމާލަށް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފަ އެވެ.
މެޗުގެ 70 ވަނަ މިނިޓުގައި ބަންގްލަދޭޝްގެ އޭރިޔާ ތެރެއަށް ނޭޕާލްގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅަ ރޯހިތު ޗާންދު ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން އިންޗިއެއްހާތަން ބޭރުންނެވެ.
ނޭޕާލްގެ އަތުގައި ނަސީބު ހިފީ މެޗުގެ 87 ވަނަ މިނިޓުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުމުންނެވެ. ޕެނަލްޓީ ދިނީ ބަންގްލަދޭޝްގެ އޭރިޔާ ތެރެއިން ނޭޕާލްގެ ބިސްޓާ އަށް ބަންގްލަދޭޝްގެ ބިޝްވަނާންތު ގޯޝް ކުރި ފައުލަކާ ގުޅިގެންނެވެ.
ބިސްޓާ ވަނީ ނޭޕާލްގެ ޕެނަލްޓީ ގޯލުގެ ކަނަށް އަމާޒުކޮށް، ސާފްގެ ފައިނަލަށް ދަތުރުކުރުމަށް އެ ގައުމުން ކުރަމުންދިޔަ ދިގު އިންތިޒާރު ނިމުމަކަށް ގެނެސްފަ އެވެ.
މެޗުގެ ފަހު ކަށިގަނޑާ އެކު، ބަންގަލަދޭޝްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރެފްރީއާ ދިމާލަށް ގޮސްފަ އެވެ. އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހުއްޓުވީ ދަނޑު މައްޗަށް ފުލުހުން އަރައިގެނެވެ.












