ވީއައިޕީންގެ ސަލާމަތީ ކަންކަމުގައި ފަންނީ ލަފާދީ ވިލަރެސްކުރުމަށްޓަކައި އެމެރިކާގެ ސެކިއުރިޓީ ކޮންސަލްޓެންޓެއް ރާއްޖެ ގެނެސްފި އެވެ.
ޑިފެންސް މިނިސްޓްރީން ގެނައި ކޮންސަލްޓެންޓް ޝީމަސް މިއުލާ ވަނީ މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ބައްދަލުކުރައްވާފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޝީމަސް ރާއްޖެ ވަޑައިގެން އުޅުއްވަނީ ވީއައިޕީންނަށް ދޭ ސެކިއުރިޓީ ހިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޝީމަސް އެ މަސައްކަތުގައި ރާއްޖޭގައި ހުންނަވާނީ ކިހާ ދުވަހެއްކަމަށް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ސަލާމަތީ ކަންކަމުގައި ކޮންސަލްޓެންޓެއް ރާއްޖެ ގެނެސްފައި މިވަނީ މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓި ކަންކަމުގައި ބާގަނޑުތަކެއް ހުރިކަމަށް ބުނެ ސުވާލުއުފައްދައި، ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.
އެ ފާޑުކިޔުންތަކާއެކު ހަމަލާއަށް ރައްޔިތުންގެ މަޖިލީހުން ހިންގި ޕާލިމަންޓަރީ އިންކުއަރީއަށް ފަހު ނެރުނު ރިޕޯޓުގައި ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، އިންޓެލިޖެންސް ނިޒާމުގެ އިތުރުން ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރަން ޖުމްލަ 45 ރެކަމެންޑޭޝަންތަކެއް ސަރުކާރަށް ހުށަހަޅާފަ އެވެ.

އެހެންނަމަވެސް އެ ރެކަމެންޑޭޝަންތައް ތަންފީޒު ނުކުރާކަމަށް ބުނެ ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ފަސް މަސް ދުވަސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އިއްޔެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އަދި ވެސް ސުވާލު އުފައްދާ ބައެއް ފަރާތްތައް އެބަ ތިއްބެވެ.













