ދިވެހި މިއުޒިކް އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ބޭންޑް، 'ޑިޓިއުން' އިން މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް އާ ލަވައެއް ރިލީީޒްކޮށްފި އެވެ.
'މަގޭ މަހަލްދީބް' ނަމުގައި މި ލަވަ ރިލީޒްކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެވެ.
ފަސް މެންބަރުން ހިމެނޭ ބޭންޑްގެ ފަރާތުން ފާތުމަތު ފެޒްލީން (ފެޒޫ)، ބުނިގޮތުގައި މިއީ ގައުމީ ޓީމަށް އެ ބޭންޑްގެ ފަރާތުން ހާއްސަކޮށްދިން ލަަވަ އެކެވެ. ޑިޓިއުންގެ އަމިއްލަ ސްޓައިލްއާ ޔޫފޮރިކް ކަން ނިކަން ފުރިހަމަ އަށް ލަވައިން ފެނިގެންދެ އެވެ.
"ބޭނުންވީ ފުޓުބޯޅަ ޓީމަށް އަސްލު ވަރަށް ޔޫފޯރިކް ލަވައެއް ހަދައިދޭން. ވަރަށް ހައިޕްޑް އަޕް އެއްޗެއް ބޭނުންވީ. ދެން ވީޑިއޯ ވެސް ތަފާތުކޮށް ހަދަން އުޅެފައި ކުޑަ ޓެކްނިކަލް އެރޯ އަކާއި ހެދި މަސައްކަތް ލަސްވީ" ފެޒޫ ބުންޏެވެ.

ފެޒޫ އާއި ލީޑް ވޯކަލިސްޓް އަހުމަދު ފުރުގާން (ފުޖީ) ގެ އިތުރުން އީސާ ޝަރީފް ގެ ބައިވެރިވުމާ އެކު ލަވައިގެ ލިރިކްސް ހެދުނުއިރު ލަވައިގެ ވީޑިއޯއަކީ ސާފް ޗެމްޕިއަންޝިޕް މާކެޓްކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ނޯވާ އެސޯސިއޭޓްސްގެ މަސައްކަތެކެވެ.

ޑިޓިއުން އިން ނެރުނު 'މަގޭ މަހަލްދީބުގެ' މަންޒަރެއް--
މިއީ ޑިޓިއުން އިން ފުޓުބޯޅަ އަށް ހާޢްސަކޮށް ނެރުނު ފުރަތަމަ ލަވަ އެވެ.
ސާފް އޮފިޝަލް ތީމް ލައިގެން ލަވަ ތައްޔާރުކުރިއިރު ލަވައިގައި ގިނަ ބަޔަކު ބައިވެރިކުރަން ބޭނުންވި ކަމަށް ފެޒޫ ބުންޏެވެ. މިގޮތުން ގިނަ ކުޑަކުދިންތަކަކާއެކު ގާތްގަނޑަކަށް ތިރީހަކަށް މީހުންގެ އަޑު ލަވައިގެ ކޯރަސް އިން އިވިގެން ދެ އެވެ.
ފެޒޫ ބުނިގޮތުގައި މިއީ ގިނަ ބަޔަކު އެއްވެގެން ގައުމީ ލޯބީގައި ކުރި ގައުމީ މަސައްކަތެކެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގިނަ މިއުޒިކް ފަންނާނުން ވެސް އަންނަނީ ލަވަ ތައްޔާރުކުރަމުންނެވެ. މި ގޮތުން މި ލަވަތަކުގެ ތަރުހީބު ވެސް އާންމުންގެ މެދުގައި ބޮޑެވެ. ސާފް ޗެމްޕިއަންޝިޕަށް ކަނޑައަޅާފައިވާ ސަޕޯޓަރުންގެ ސްލޯގަންތަކުގެ ތެރެއިން "މަގޭ މަހަލްދީބް" ހިމަނާފައި ގިނަ ލަވަތަކެއް ރިލީސްކުރަމުން އަންނައިރު، ޑިިޓިއުންގެ ލަވަ ވެސް މި ހާއްސަވީ "މަގޭ މަހަލްދީބް"ގެ ނަމުންނެވެ.
ސަޕޯޓަރުންގެ މެދުގައި ވެސް ޓްރެންޓް ވަމުން އަންނަ "މަގޭ މަހަލްދީބް"ގެ ނަމުން ޑިޓިއުންގެ މި ލަވަ އަށް ޓައިޓަލް ނަން ދިނުމުން ގިނަ ބަޔަކަށް މި ލަަވަ ކަމުދާނެ ކަމަށް ބެލެވެ އެވެ.










