"އަޅުގަނޑުމެންގެ ގައުމީ ޓީމަށް މި ވަގުތު ބޭނުންވަނީ ހުރިހާ އެންމެންގެ ސަޕޯޓް. އެ ސަޕޯޓު ވީހާވެސް ބޮޑުކޮށް އަޅުގަނޑުމެން ދޭން ބޭނުން، އެ ހެޔޮ ޓިކެޓު ހޯދަން ކިތަންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނަސް. އިރާދަކުރެއްވިއްޔާ މިއީ އަޅުގަނޑުމެންގެ ފަހަރު، ގައުމީ ޓީމު މިފަހަރު ކާމިޔާބު ކުރާނެ،"
ސޯޝަލް ސެންޓަރުގައި ހުރި ޓިކެޓު ކައުންޓަރުން މިއަދު ހަވީރު އޮންނަ ލަންކާ-ރާއްޖެ މެޗުގެ ޓިކެޓު ގަނެގެން 16 އަހަރުގެ ހުސައިން ޝައްފާން ނިކުތީ ދިހަ ގަޑިއިރު ވަންދެން އެ ޓިކެޓަށް އޭނާ ކުރި އިންތިޒާރު ނިމި، އެކުގައި ދިޔަ ރަހުމަތްތެރިންނާއި އޭނާ އަށް ޓިކެޓު ލިބުމުން އެކަމާ އުފަލުން ފޮޅިފައި ހުރެގެންނެވެ. އެ ޓިކެޓު، އޭނާ އާއި ރަހުމަތްތެރިންނަށް މުހިއްމު ވާ ވަރާއި، ގައުމީ ޓީމަށް އޭނާގެ ހިތުގައި އޮތް ލޯބި، ދުލުން ހާމަކުރަން ނުކުޅެދިގެން ވަކި ހިސާބަކުން، "އިރާދަކުރެއްވިއްޔާ މިފަހަރު ތަށި ގެންނާނީ އަހަރެމެންނޭ" ބުނެފައި ޝައްފާން ވާހަކަ ކުރުކޮށްލި އެވެ.
އޭނާ ހާމަކުރީ ޓިކެޓު ގަންނަން އިއްޔެ ކިޔޫގައި ޖެހިގެން ރޭ ނުވައެއް ޖެހުމާ ހަމައަށް އިންތިޒާރުގައި ހުރި ކޮންމެ މީހެއްގެ ޝުއޫރެވެ. އެތަނުގައި ގިނައީ ޒުވާން ފުރައިގެ ކުދިންނާއި ޒުވާނުންނެވެ. މައި ގޭޓުން ފެށިގެން މާ ދުރަށް ދެމިފައި އޮތް ދިގު ކިޔޫގައި ޓިކެޓު ހޯދުމުގެ ރޫހުގައި ގުޑި ނުލައި، އެތަނުގައި ތިބެ ކައި ބޮއެ، ފޫހި ފިލުވައި ހެދި މުޅި އެ ސަރަޙައްދު އިއްޔެ އެކުވެރިކޮށްދީފައި އޮތީ ގައުމީ ފުޓުބޯޅައިގެ ދިރޭ ރޫހުންނެވެ.
އެ ކިޔޫ ގައި ގިނައީ އިއްޔެ މެންދުރުއްސުރެ، ޓިކެޓެއްގައި އިންތިޒާރުގައި ތިބި މީހުންނެވެ. ކުރަން ހުރި ހުރިހާ މަސައްކަތެއް ދޫކުރުމަށްފަހު ކިޔޫގައި ހޭދަކުރި އެވެ. އެތަނުގައި ހުރި ކޮންމެ މީހަކު އުންމީދު ކުރަމުން ދިޔައީ މެޗަށް ހާއްސަކޮށް އިތުރުކުރި 1000 ޓިކެޓުން ކުރެ ޓިކެޓެއް ލައްވާލާތޯ އެވެ.


ހަވީރު 5:30 ގައި ކިއުއަށް އެރި ގްރޫޕެއް، ޓިކެޓު ލިބުނީ 10 ޖެހިފަހުން - އަދަދު ފޮޓޯ: އާއިމް ޒަމީރު
އެ މެޗަށް ހާއްސަކޮށް އެފްއޭއެމް އިން އިތުރު ޓިކެޓްތަކެއް ވިއްކަން ނިންމީ އާންމުންނަށް ހާއްސަ ކުރި ހުރިހާ ޓިކެޓެއް ވިކި ހުސްވުމުންނެވެ. އިއްޔެ ހެނދުނު 10 ޖެހިއިރު ޓިކެޓު ވިއްކަން ފެށިއިރުވެސް މުޅި ގަލޮޅު ދަނޑު ސަރަހައްދު އޮތީ ފުރާލާފަ އެވެ. ޓިކެޓު ވިއްކަން ފެށުމުގެ ދެ ގަޑި އިރު ކުރިން އެތަނުގައި ވެސް ކިޔޫ ދަމާލި އެވެ. އުމުރަކަށް ޖިންސަކަށް ދޫކުރުމެއް ނެތި އެންމެން ކިޔުއަށް އެރޭތޯ މަސައްކަތްކުރަމުން ދިޔަ އިރު މުޅި އެ ސަރަހައްދުން ފެނިގެން ދިޔައީ ގައުމީ ޖޯޝާއި ފޯރިއެވެ.
ނަމަވެސް ކިޔޫގެ މެދަށް ވެސް ނުދަނީސް ޓިކެޓު ވިކި ހުސްވުމުން، ފެނުނީ މާޔޫސްވެފައި ތިބި މީހުންނާއި ރުޅިގަދަވެފައި ތިބި މީހުން ގޭޓާ ދިމާލުން ދަނޑަށް ވަންނަން އަރައިގަތްތަނެވެ. އެއް ބަޔަކު ދަނޑު ސަރަހައްދުގައި މުޒާހަރާ ވެސް ކުރި އެވެ. އެ މީހުންތައް ހަމަޔަކަށް އެޅުނީ ކުޅުންތެރިންގެ އާއިލާ އާއި ސްޕޮންސަރުންނާއި ކްލަބްތަކަށް ވިއްކާ 2،500 ޓިކެޓުތަކުގެ ތެރެއިން 1،000 ޓިކެޓު ރޭ ވިއްކާނެ ކަމަށް ބުނެ އެފްއޭއެމްއިން ބަޔާނެއް ނެރުމުންނެވެ.
އެހިސާބުން ވެސް އެއްބަޔަކު ގެއަށްދާ ހިޔާލެއް ނުކުރި އެވެ. އިތުރަށް ދޫކުރަން ނިންމި ޓިކެޓުގެ ތެރެއިން ޓިކެޓެއް އަތުޖެއްސުމަށް ގަލޮޅު ދަނޑު ސަރަހައްދު ދޫކޮށް ދެން ކިޔޫގައި ޖެހެން ފެށީ އެ 1،000 ޓިކެޓު ވިއްކަން ނިންމި ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ. މެންދުރު ކިޔޫ ހެދި ނަމަވެސް، ޓިކެޓު ވިއްކަން ފެށީ ރޭ އަށެއް ވެސް ޖެހި ފަހުންނެވެ. އެ ކިޔޫގައި ތިބި ބައެއް މީހުންނާއި މި ނޫހުން ބައްދަލުކޮށް، ދަނޑަށް ދާން ޓިކެޓެއް ހޯދުން މުހިންމުވަނީ ކީއްވެތޯ އެހުމުން އެންމެން ވެސް ދިނީ އެއް ޖަވާބެކެވެ.
ދަނޑަށް ވަދެ ގައުމީ ޓީމަށް ސަޕޯޓުކޮށްގެން މެޗުން މޮޅުވުން އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް. ގޭގައި ތިބެ މެޗު ބަލައިގެން ޖޯޝެއް ނާންނާނެ،"
ދަނޑަށް ގޮސް ފޯރިއާއި ޖޯޝާއެކު ސަޕޯޓުކޮށް ގައުމީ ޓީމު މޮޅުވުމުން ލިބޭ އުފަލާއި ހިތްހަމަ ޖެހުން ބޮޑު ވާނެ ކަމަށް އެ މީހުން ދެކެ އެވެ.
އިއްޔެ މެންދުރު އެންމެ ފުރަތަމަ ކިޔޫއަށް އެރި ކުދިބައެއް ބުނީ ކިޔޫގައި ތިބެ ފައި ވާޅުވެފައިވާ ކަމަށެވެ. ކިޔޫ ދޫކޮށްލާފައި އެންމެ ހިނދުކޮޅަށް ވެސް ދުރަށް ނުދިއުމަށްޓަކައި ޓިކެޓު ވިއްކަން ފަށަންދެން ބައެއް މީހުން ތާސްކުޅުމާއި، މޯބައިލް ގޭމު ކުޅުމުން ދިޔައެވެ. ނަމަވެސް ކިޔޫގައި ގިނައިރުވެ، ފޯނުގެ ބެޓަރީ ހުލުވި މީހުން ވެސް މަދެއް ނޫނެވެ.
ކުރާނެ ކަމެއް ނެތް. ފޯނުވެސް މިއޮތީ މަރުވެފައި. މީހަކަށް ނުވެސް ގުޅޭ. ދުނިޔޭގައި ވާކަމެއްވެސް ނޭނގޭ. އެކަމަކުވެސް ޓިކެޓެއް ނުލިބެނީސް ނުދާނަން،" ކިޔޫގައި ހުރި މީހަކު ހީލާފައި ބުންޏެވެ.
ރޭ ވިއްކަން ކަނޑައެޅި 1،000 ޓިކެޓް ވަނީ ވިކި ހުސްވެފަ އެވެ.
މި ހުރިހާ ކަމަކުން ވެސް ދައްކުވައި ދެނީ ދިވެހިން ގައުމީ ޓީމަށް އޮތް ލޯތްބާއި، ސަޕޯޓްކުރުމަށް ހުރި ފޯރިއެވެ. ދިވެހި ޓީމު ދިވެހި ފަސްގަނޑުގައި ކުޅެ މޮޅުވުމަށް 12 ވަނަ ކުޅުންތެރިޔާ ނަގާ ފޯރިއާއި ޖޯޝެވެ.












