ރިޕޯޓުމަނާކުރިޔަސް ކްރިޕްޓޯގެ މަގުބޫލުކަން ހިފެހެއްޓުމެއް ނެތި ބޮޑުވަނީ

މަނާކުރިޔަސް ކްރިޕްޓޯގެ މަގުބޫލުކަން ހިފެހެއްޓުމެއް ނެތި ބޮޑުވަނީ

ކްރިޕްޓޯކަރަންސީއަކީ ނަގުދު ފައިސާ ގޮތަށް ހިފާގެންގުޅެވޭ ފައިސާގެ ބާވަތެއް ނޫން. މިއީ އެއްވެސް މަރުކަޒީ ބޭންކެއްގެ އިހުތިސޯސުން ބޭރުން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ޑިޖިޓަލް މާހައުލެއްގައި ބޭނުންކުރާ ޑިޖިޓަލް ފައިސާއެއް. މި ފައިސާ އުފައްދަނީ ވެސް އެ ގެންގުޅޭ މީހުން.

މަނާކުރިޔަސް ކްރިޕްޓޯގެ މަގުބޫލުކަން ހިފެހެއްޓުމެއް ނެތި ބޮޑުވަނީ

"ކްރިޕްޓޯ ކަރަންސީއަކީ ރާއްޖޭގައި ޕޭމެންޓް މެތެޑެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. ރާއްޖޭގެ ވިޔަފާރި މުއާމަލާތްތަކުގައި ކްރިޕްޓޯ ކަރަންސީ ބޭނުންކުރުމަކީ ގާނޫނީ ގޮތުން ތަންދޭ ކަމެއް ނޫނެވެ,"

މިއީ ރާއްޖޭގެ ދެ ރިސޯޓެއްގައި "ކްރިޕްޓޯކަރަންސީ" ނުވަތަ "ވާޗުއަލް ކަރަންސީ" ބަލައިގަންނަން ނިންމުމާ ގުޅިގެން މަރުކަޒީ ބޭންކު އެމްއެމްއޭގެ ބަހެވެ. އެ އިދާރާއިން ބުނީ ރާއްޖޭގައި ހިންގޭ އެއްވެސް ވިޔަފާރީގެ މުއާމަލާތެއްގައި "ލީގަލް ޓެންޑާ" ގެ ގޮތުގައި ކްރިޕްޓޯކަރަންސީ ބަލައިގަތުން 2018 ގައި މަނާކުރި ކުރުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ސާފުކޮށް އެންމެނަށް ހަނދާންކޮށްދިނީ ރާއްޖޭގައި ކްރިޕްޓޯކަރަންސީގެ އެއްވެސް ބާވަތެއް ގެންގުޅުމާއި ބޭނުންކުރުމަކީ ވެސް މަނާކަމެއް ކަމަށެވެ.

މިއާ އެކު ކްރިޕްޓޯ ފައިސާ ބޭނުންކުރަން ހުއްދަ ދިނުމާ ގުޅޭގޮތުން ބޮޑު ބަހުސެއް ފެށިއްޖެ އެވެ. އެމްއެމްއޭގެ ނިންމުމަށް ތާއީދުކުރާ މީހުން ބުނަނީ މިއީ ވައްކަމާއި ކުށްކުރުމަށް ހުޅުވުނު ދޮރެއް ކަމަށެވެ. އެ ނިންމުމާ ދެކޮޅު މީހުން ބުނަނީ މިއީ ޓެކްނޮލޮޖީގައި ލިބެމުން އަންނަ ކުރިއެރުންތަކާ ފައިހަމަކުރަން ލިބުނު ރަނުގެ ފުރުސަތުގައި ބޮލާލާ ޖެހުން ކަމަށެވެ.

Advertisement

ކްރިޕްޓޯކަރަންސީއަކީ ކޮބާ؟

ކްރިޕްޓޯކަރަންސީއަކީ ނަގުދު ފައިސާ ގޮތަށް ހިފާގެންގުޅެވޭ ފައިސާގެ ބާވަތެއް ނޫނެވެ. މިއީ އެއްވެސް މަރުކަޒީ ބޭންކެއްގެ އިހުތިސޯސުން ބޭރުން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ޑިޖިޓަލް މާހައުލެއްގައި ބޭނުންކުރާ ޑިޖިޓަލް ފައިސާއެކެވެ. މި ފައިސާ އުފައްދަނީ ވެސް އެ ގެންގުޅޭ މީހުންނެވެ.

މިފަދަ ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ފައިސާ ފުރަތަމަ ތައާރަފުވެގެން އައީ 1980 ގެ އަހަރުތަކުގެ ތެރޭގަ އެވެ. ނަމަވެސް ދެ ފަހަރު ފައިސާ ބޭނުންކުރުން (ޑަބަލް ޓްރާންސެކްޝަންސް) ފަދަ މަކަރުތައް ހުއްޓުވޭނެ ގޮތެއް ނެތި އޭރު މިކަހަލަ ފައިސާތަކަށް މާ ބޮޑު މަގުބޫލުކަމެއް ނެތެވެ.

މި ހުރިހާ ކަމެއް ބަދަލުވީ 2009 ވަނަ އަހަރު ބްލޮކްޗެއިން ޓެކްނޮލޮޖީ ވުޖޫދަށް ގެނައި ހިސާބުންނެވެ.

ސަޓޯޝީ ނަކަމޯޓޯގެ ނަމުގައި ކާކުކަން ނޭނގޭ މީހަކު ނޫނީ މީހުންތަކެއް ވެގެން "ބްލޮކްޗެއިން" ޓެކްނޮލޮޖީ ހިމެނޭ "ބިޓްކޮއިން" ކަރުދާސް އާންމުކުރި އެވެ. އަދި އެ އަހަރު އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގެ ފުރަތަމަ ޑީސެންޓްރަލައިޒްޑް ކްރިޕްޓޯކަރަންސީ، ބިޓްކޮއިން އުފެއްދި އެވެ.

ކްރިޕްޓޯކަރަންސީއަށް އެންމެ ބޮޑު އިންގިލާބެއް ގެނުވި ކަމަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ އެވެ. އަދި މިހާރު ހުރި ގިނަ ކްރިޕްޓޯކަރަންސީތަކުގައި ބޭނުންކުރަނީ މި ޓެކްނޮލޮޖީ އެވެ. ބްލޮކްޗެއިން ޓެކްނޮލޮޖީއާ އެކު ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ހިންގާ މުއާމަލާތްތަކުގައި މަކަރުހެދުމާއި އޮޅުވާލުންތަކަށް ހުރި ފުރުސަތުތަކަކާއި ހިޔާނާތްތެރިވާން އޮތް ފުރުސަތުތައް ހަނިވެގެން ދިޔަ އެވެ. އެންމެ ބޮޑު ކަމަކަށް، ކްރިޕްޓޯކަރަންސީއަށް އޮތް އިތުބާރު ބޮޑުވެގެން ދިޔަ އެވެ.

titledesc

މިއަދު ދުނިޔޭގައި 6،000 އަށް ވުރެ ގިނަ ބާވަތުގެ ކްރިޕްޓޯކަރަންސީ ބޭނުންކުރެ އެވެ. ރިޕޯޓުތައް ބުނާގޮތުން މިހާރު ބޭނުންކުރާ ކްރިޕްޓޯ ފައިސާގެ އަގު 2.5 ޓްރިލިއަން ޑޮލަރާ ގާތްކުރެ އެވެ. މިއީ ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުނި ކަމުގައިވާ އެޕަލްގެ 2.4 ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ.

އެއް ބަޔަކަށް މިއީ ރަން، އަނެއް ބަޔަަކަށް ބޮޑު ގޯހެއް

ރާއްޖޭގައި ކްރިޕްޓޯ މަނާކުރުމާ ގުޅިގެން މީސް މީޑިއާގައި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓެ) ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގައި ވެސް ކްރިޕްޓޯކަރަންސީ ބޭނުންކުރެވޭނެ ކަމަށެވެ. އަދި "ކްރިޕްޓޯކަރަންސީއެއް ނުހުއްޓުވޭނެ" ކަމަށް ވިދާޅުވި އެވެ. އާއްޓެއަކީ މިކަމަށް ވަކާލާތުކުރާ ދިވެހިންގެ ތެރެއިން އެކަކެވެ.

ސޯޝަލް މީޑިއާގައި ކްރިޕްޓޯކަރަންސީ "އެޑްވައިޒާ" ގްރޫޕެއް ހިންގާ މީހަކު މި ނޫހާ ވާހަކަދައްކަމުން ވެސް ބުނީ ގާތްގަނޑަކަށް އެއް ވާހަކަތަކެކެވެ. ނަން ނުޖަހަން ޝަރުތުކޮށް އެ ޒުވާނީ ބުނީ އެމްއެމްއޭއިން ޓެކްނޮލިޖީ ބަލައިގަތުމުގެ ބަދަލުގައި މަނާކުރުމުން ނުކުންނަ ނަތީޖާ މާ ގޯސް ކަމަށެވެ.

"ކީއްކުރަންތޯ ރެގިއުލޭޓް ކުރެވެން އޮތް އެއްޗެއް ބްލެކް މާކެޓަށް ދޫކޮށްލަންވީ؟ އެންޑޯސް ކުރުމުގެ ބަދަލުގައި މަނާކުރުމަކީ ވަރަށް ނުބައި ޕްރީސިޑެންޓެއް،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މިހާރު ވެސް ބޭންކުން ކްރިޕްްޓޯ އެކްސްޖޭންޖްތައް ބްލޮކްކުރުމާއި އެހެން ފިއްތުންތައް ހުރި ނަމަވެސް، މިކަމެއް ނުހުއްޓުވޭނެ ކަމަށެވެ. އަދި ގަވާއިދުގެ އިމުން ބޭރުން އެކަން ކުރަން ދޫކޮށްލާފައި ބޭއްވުމުގެ ބަދަލުގައި އެމްއެމްއޭއިން ވިސްނަންވީ ދުރާލާ ރާވައިގެން ރެގިއުލޭޓަރި ނިޒާމުގެ ތެރޭގައި މިކަންކަން ހިމެނުން ކަމަށް އޭނާ ބުންޏެވެ.

"މިއީ ކުރިއަރަން ރަނުގެ ފުރުސަތެއް. އެކަން އެމްއެމްއޭއަށް ފެންނަން އެބަޖެހޭ. ފިންޓެކް (ފައިނޭންޝަލް ޓެކްނޮލޮޖީ) އެބަ ފުރުސަތުދޭ ރެގިއުލޭޓް ކުރަން،" އޭނާ ބުންޏެވެ.

މިހެން ބަޔެއްގެ ވިސްނުން ހުއްޓަސް، ކްރިޕްޓޯކަރަންސީއާ ދެކޮޅު މީހުން އެ ފައިސާ ހުއްދަކުރުމާ ދެކޮޅު ބައިވަރު ސަބަބުތައް ދައްކަ އެވެ. ހާއްސަކޮށް ކުށްވެރިންނަށް މި ފައިސާ ބޭނުންކޮށްގެން ކުށްކުރަން މަގުފަހިކުރުވާ ކަމުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޓެރަރިޒަމާއި، ޑްރަގް ވިޔަފާރި އާއި މަނީ ލޯންޑްރިން އާއި ޓެކުހަށް މަކަރުހެދުން ފަދަ ކަންކަމަށް ކްރިޕްޓޯކަރަންސީ ކުށްވެރިންގެ ބާރުގަދަ ހަތިޔާރަކަށް ހަދައިފި އެވެ. މީގެ ސަބަބުން ކުށްކޮށްގެން ހޯދާ ފައިސާ ހޯދުމާއި ދެނެގަންނަން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބުނެ އެވެ.

އެންމެ ފަހުން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އޭނާ ވެސް ވިދާޅުވީ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލުތަކަށް ފަންޑުކުރާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ކްރިޕްޓޯކަރަންސީ އުފައްދަން ބޭނުންކުރާ ކޮމްޕިއުޓަރުތަކުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭ ކަމުގެ ޝަކުވާތައް ވެސް އެބަހުއްޓެވެ. މިފަދަ ފައިސާތަކުގެ މަގުބޫލުކަން އިތުރުވާ ވަރަަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ އެވެ. އަދި މިކަމަށް ދުވާލާ ހަތަރުދަމު ހުއްޓުމެއް ނެތި އެތައް މެގަވޮޓެއްގެ ކަރަންޓު އުފައްދަ އެވެ. މީގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެ، ތިމާވެއްޓަށް ލިިބޭ ގެއްލުންތައް ބޮޑެވެ.

ކަންކަން މިހެން ހުރި ނަމަވެސް، ފެންނަ މަންޒަރުގެ ހަގީގަތަކީ ކްރިޕްޓޯކަރަންސީ ފުހެވިގެން ނުދާނެ ކަމެވެ. އެތައް ފިއްތުންތަކެއްގެ ތެރޭގައި ވެސް ދިިވެހިިންގެ މެދުގައި، ހާއްސަކޮށް ދިވެހި ޒުވާނުންގެ މެދުގައި ކްރިޕްޓޯކަރަންސީގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox