ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ އަޝްފާގް (ދަގަނޑޭ)ގެ ދެ ލަނޑާއެކު، އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވެ، ރާއްޖޭގެ ޓީމުން އުންމީދު އާކޮށްފި އެވެ.
ދިވެހި ސަޕޯޓްރުންގެ އަޑު ހިތްޕާލާފައި އޮތް ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ހަމްޕު ޖެހީ މެޗުގެ 55 ވަނަ މިނިޓުގަ އެވެ. އަދި 74 ވަނަ މިނިޓުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން ލީދު ފުޅާކޮށްދިނީ ދަގަނޑޭ އެވެ.
މި މެޗުން މޮޅުވެ ރާއްޖެ ވަނީ ތިން ޕޮއިންޓާއެކު، ތިން ވަނަ އަށް ޖެހިލައިފަ އެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ބަންގްލަދޭޝެވެ. އެއްވަނައިގައި ހަ ޕޮއިންޓް ހޯދައިގެން އޮތީ ނޭޕާލެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗަށް ނެރުނު ފުރަތަމަ 11 އަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން މިރޭ ގެނައީ އެންމެ ބަދަލެކެވެ. އެއީ އިބްރާހިމް އައިޝަމްގެ ބަދަލުގައި ހުސެއިން ނިހާން (ނިހާޓް) ކުޅެން އެރުވުމެވެ.
ދިވެހި ސަޕޯޓަރުންގެ އަޑު ހިތްޕާލައި އޮތް ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ހަމަލާ ފޮނުވާލީ ބަންގްލަދޭޝުންނެވެ. ވަރަށް ކައިރި ކައިރީގައި އެ ދެ ހަމަލާއެއް ވެސް ފޮނުވާލީ މިޑްފީލްޑަރު ބިޕްލޯ އަހުމަދެވެ. ފުރަތަމަ ހަމަލާ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ފަސޭހަކަމާއެކު ހިފިއިރު، ދެވަނަ ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިންނެވެ.
ރާއްޖޭން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، މެޗުގެ ފުރަތަމަ 20 މިނިޓުގައި ބަންގްލަދޭޝްގެ ޑިފެންސް ފޫއަޅުވާލުމަށް އުނދަގޫވި އެވެ. އެކަމަކު އެކަން ބަދަލުވެގެންދިޔައީ މެޗުގެ 24 ވަނަ މިނިޓުގައި ޒުވާން މިޑްފީލްޑަރު އައިސަމް އެރި ހިސާބުންނެވެ. އައިސަމް ކުޅެން އެރުވުމާއެކު، ރާއްޖޭގެ މެދުތެރެއިން ފޯވަޑްލައިނަށް ދެމުންދިޔަ ބޯޅަތައް އަވަސްވެ، ރާއްޖެ އަށް ބަންގްލަދޭޝްގެ ޑިފެންސް ހުޅުވެން ފެށި އެވެ. އައިސަމް ކުޅެން އަރުވަން ޖެހުނީ އަސްހަދު އަލީ (އަޑުބަރޭ) އަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

ބަންގްލަދޭޝްގެ ޓޯޕޫ (ވ) ކައިރިން ރާއްޖޭގެ ދަގަނޑޭ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަދަދު
މެޗުގެ 29 ވަނަ މިނިޓުގައި، ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ބޮލުން ޖައްސާލި ބޯޅަ، ދަގަނޑޭގެ ފަޔަށް ވެއްޓުމުން، ދަގަނޑޭ ވަނީ ގޯލު ހުރަސްކޮށް އެ ބޯޅަ ފޮނުވާލައިފަ އެވެ. އޭރިޔާ ތެރޭގައި ހުރި ނިހާޓް އެ ބޯޅަ އަށް އެރި ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
މެޗުގެ 44 ވަނަ މިނިޓުގައި ބަންގްލަދޭޝްގެ އޭރިޔާ ބޭރުން ރާއްޖެ އަށް ލިބުނު ހިލޭޖެހުމަކުން، ދަގަނޑޭ ތިރިތިރިން ހުރަސްކޮށްލި ބޯޅަ އަށް އަލީ ފާސިރު (ސެންޓޭ) އެރި ނަމަވެސް، ސެންޓޭގެ ހަމަލާ ބަންގްލަދޭޝްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ރާއްޖޭން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ މެޗުގެ ފަހު މިނިޓުގަ އެވެ. ހިލޭ ޖެހުމަކުން ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް، ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހުމާން (ޒީކޯ) ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފު ރާއްޖޭން ފެށީ ބަދަލަކާއެކު އެވެ. ފޭދޫ އިއްބެގެ ބަދަލުގައި، ކޯޗު ސުޒޭން ވަނީ ނާއިޒް ހަސަން (ދާދު) ކުޅެން އަރުވައިފަ އެވެ. ފުރަތަަމަ މެޗުގައި ވެސް ބަދަލެއްގެ ގޮތުގައި ކުޅެން އަރައި ނޭޕާލާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެ މޮޅަށް ދާދު ވަނީ މި މެޗުގައި ކުޅެފަ އެވެ.
ދެވަނަ ހާފުގައި، ރާއްޖޭގެ ފުރަތަމަ ހަމަލާ ފޮނުވާލީ ސެންޓޭ އެވެ. އޭރިޔާ ބޭރުން ސެންޓޭ ފޮނުވާލި ބާރު ޝޮޓް، ބަންގްލަދޭޝްގެ ކީޕަރު ޒީކޯ ވަނީ ދިފާއުކޮށްފަ އެވެ.
ދަނޑަށް ވަދެ ތިބި ދިވެހި ސަޕޯޓަރުން އުންމީދު ކުރަމުންދިޔަ ވަގުތު ޖެހުނީ މެޗުގެ 55 ވަނަ މިނިޓުގައި އެވެ. ހަމްޕު ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު، ގަލޮޅުގެ ދަނޑު ކެކި، އަރައިގެންދިޔަ އެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގައި ހަމްޕު ޖެހި ފުރަތަމަ ގޯލެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގައި އޭނަ ކުޅޭ ފުރަތަމަ ފަަހަރެވެ. އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަަމަ ގޯލު ވެސް ކާމިޔާބުކުރީ 2016 ވަނަ އަހަރު ބަންގްލަދޭޝް ކޮޅަށެވެ.
ކޯނަރުން ބަންގްލަދޭޝްގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ ޑިފެންޑަރެއް ސާފުކޮށްލުމުން، ނިހާޓް ވަނީ އެ ބޯޅަ ބޮލުން އޭރިޔާ ތެރެއަށް ފޮނުވާލައިފަ އެވެ. ހަމްޒާއާ ދިމާލަށް ބޯޅަ ވެއްޓުމާއެކު، އޭނާ ވަނީ ފުންމައިގެން އަރައި، ހިތްގައިމު "އޯވަހެޑް ކިކް" އަކުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
އެ ލަނޑާއެކު، ދިވެހިރާއްޖެ އަށް ހަމަޖެހުމެއް ލިބިގެންދިޔަ އެވެ. ބަންގްލަދޭޝުން ކުރިއަށް ޖެހުނު ނަމަވެސް، ދިވެހި ޓީމުން ދުލެއް ނުދިނެވެ. ނަތީޖާއަކަށްވީ، ކައުންޓާ އެޓޭކްގައި ރާއްޖެ އަށް އިތުރު ފުރުސަތުތަކެއް ތަނަވަސްވުމެވެ.
މެޗުގެ 72 ވަނަ މިނިޓުގައި ރާއްޖެ އަށް ލިބުނު ކައުންޓާ އެޓޭކެއްގައި، ހާފު ރޮނގާ ހަމައިން ދާދު ބޯޅަ ހިފައި އައިސް، އޭރިޔާ ތެރެއަށް ވަދެ، ބޯޅަ ފޮނުވާލުމަށް އުޅެނިކޮށް، ބަންގްލަދޭޝްގެ ސޮހެލް ރާނާ ވަނީ ފަހަތުން އޭނާ އަށް ފައުލްކޮށްފަ އެވެ. ރެފްރީ ދެއްކީ ރާއްޖެ އަށް ޕެނަލްޓީއަކަށެވެ.
ރާއްޖެ އަށް ލިބުނު ޕެނަލްޓީ، ދަގަނޑޭ ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް އަމާޒުކޮށްލީ، ބަންގްލަދޭޝްގެ ގޯލްކީޕަރު ޒިކޯ އަށް މިސްރާބު އޮޅުވާލުމަށް ފަހު އެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ޖެހި 21 ވަނަ ގޯލެވެ. އަދި ސާފް ޗެމްޕިއަންޝިޕް މެޗެއްގައި ގަލޮޅު ދަނޑުގައި ޖެހި ފުރަތަަމަ ގޯލެވެ. ރާއްޖޭން 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާގައި މުބާރާތް ހޯސްޓްކުރިއިރު، ޗެމްޕިއަންކަން ހޯދިއިރު ދަގަނޑޭ އެ މުބާރާތުގައި ގޯލެއް ނުޖަހަ އެވެ.
މެޗުގެ ބާކީ އޮތް ވަގުތުކޮޅުގައި ވެސް، ރާއްޖެ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ސެންޓޭ އާއި ހަމްޕު އޭރިއާތެރެއިން ޖެހި ޝޮޓްތައް ބްލޮކްވިއިރު، ދާދު ޖެހި ބޯޅައެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
އަނެއްކޮޅުން، ބަންގްލަދޭޝުން ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް، މާ ރަނގަޅު ހަމަލާތަކެއް ނުއުފެއްދުނެވެ. މުޅި މެޗުގައި ވެސް ޑިފެންސަށް ޖެހިގެން ކުޅެމުންދިޔަ، ބަންގަލަދޭޝުން ވަނީ މެޗުގައި ގިނަ ފައުލްތަކެއްކޮށްފަ އެވެ. ބަންގްލަދޭޝަށް ގިނަ ރީނދޫ ކާޑުތަކެއް ވެސް ދެއްކި އެވެ. މެޗުގެ ފަހު ކޮޅުގައި ބަންގްލަދޭޝް އިން ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ރާއްޖޭން ދެން ކުޅޭ މެޗުގައި އާދިއްތަ ދުވަހު ހަވީރު ކުޅޭނީ މުބާރާތުން ކަޓާފައިވާ ލަންކާއާ ދެކޮޅަށެވެ. ބަންގްލަދޭޝަށް އޮތް ފަހު މެޗަކީ މި މަހު 13 ވަނަ ދުވަހު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ.












