ބްރިޖް ވިއުއިން ޕްލެޓްފޯމް ނިއުޕޯޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދިން މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިރޭ ހާމަކުރި ގޮތުގައި މުއިއްޒުގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
މިހާރު މާލޭގެ މޭޔަރު މުއިއްޒުގެ އިތުރުން ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބުގެ މައްޗަށް ދައުވާކުރަން ފޮނުވި އެވެ. އޭނާގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިޔާއެއް ތަރައްގީކުރުމަށް ހައުސިންއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދި އެވެ.
އެ އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދައަށް އެދި ސްޓްރާޑާއިން ހުށަހެޅުމުން، އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވެ އެވެ. އަދި އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަހައްދެއް ސްޓްރާޑާއަށް އިތުރަށްލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެހެންނަމަވެސް، އެ ހުއްދައަކީ އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ހިލާފުކަމެއްކަމާއި، އަދި މިކަމުގައި އެ މިނިސްޓްރީން ގާނޫނީ ލަފާ ހޯދާފައިނުވާ ކަމަށް އޭސީސީން ފާހަގަކުރި އެވެ.
އޭސީސީން ބުނި ގޮތުގައި އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާއިން ކުލީގެ ފައިސާ ދައްކާފައިނުވެ އެވެ. އެގޮތުން ކުލީގެ ގޮތުގައި 1,976,548.00 ނުދައްކާ އެބަ އޮތެވެ.
އަދި އެ އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު އޮވެ, އެކަން މިނިސްޓްރީން ނުކޮށް އެ ކުންފުންޏަށް މަންފާވާ ގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުގެނެސް އިސްލާހުތައް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން, ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށާއި، މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށް ސަރުކާރާ ހަވާލުކޮށްދޭން ހުށަހަޅާފައިވެ އެވެ. އެގޮތަށް އެއްބަސްވުމަށް ބަދަލު ގެނަ އެވެ. ނަމަވެސް, އެކަމަށް ގާނޫނީ ލަފާ މިނިސްޓްރީން ހޯދާފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނި ގޮތުގައި އިތުރު ފަސް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އޭގެ މަގުސަދާ ހިލާފަށް ކޮށްފައިވާ ކަމެކެވެ. އެއީ ކުރު މުއްދަތެއްގެ މަޝްރޫއަކަށްވާތީ އެވެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީއެސްއާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައިވެސް ނުވެ އެވެ.
ކުންފުނިން ޕްލެޓްފޯމް ސަރަހައްދުގައި ހިންގި ޗާޓައިމް, ލިންކް ރޯޑް ހެދުމަށް ސަރުކާރުން ނެގި އެވެ. އެކަމަށް އެ ކުންފުނިން އިއުތިރާޒުކޮށްފައިނުވާއިރު އެކަން ކުރީ ރުހުމާއެކުކަން ލިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ. އަދި, އެ ތަނުގެ ބަދަލުގައި އެއްބަސްވުމަށް ބައެއް ކަންކަން އިތުރުކުރި އެވެ.
ނަމަވެސް, ޗާޓައިމްގެ ބަދަލުގައި 14,493,427.00 ރުފިޔާގެ ބަދަލެއް ސްޓްރާޑާއަށް ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފައަކަށް އެދި ހައުސިން މިނިސްޓްރީން އެ އޮފީހަށް ފޮނުވި އެވެ. ނަމަވެސް, އެކަން އޭސީސީން ހުއްޓުވީ އެވެ.
އެހެންވީއިރު މި މައްސަލައިގައި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް އަމަލުކޮށްފައިވާކަމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.
އަދި މާލިއްޔަތު ގަވާއިދާ ހިލާފަށް އެއްބަސްވުމުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކޮށް އެއްބަސްވުމުގެ ފުރަތަމަ އިސްލާހުގައި ސޮއިކޮށްފައިވަނީ އޭރުގެ ސްޓޭޓް މިނިސްޓަރު ހަބީބު ކަމުން އޭނާ ވެސް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިކަން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.
މުއިއްޒުގެ މައްޗަށް މިހާރު ވެސް ވަނީ ދޮގު ބަޔާން ދިން ކަމުގެ ދައުވާ އުފުލައި, ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފަ އެވެ.













