ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާދާރެވެ. ރިސޯޓްތަކަށް ލިބޭ އާމްދަނީގެ ބޮޑުބައި ރާއްޖެ އަށް ނުވަންނަ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެއާ އެކު އިގްތިސާދަށް ދިރުން ލިބުމުގައި މުވައްޒަފުންނަށް ލިބޭ އާމްދަނީ މުހިއްމު ދައުރެއް އަދާކުރެ އެވެ. އެކަމަކު އެއީ މިހާތަނަށް ހިތްހަމަޖެހޭ ފަދަ ހައްލެއް ހޯދައިދެވިފައިނުވާ މައްސަލައެކެވެ.
އެތައް އަހަރެއްގެ ޝަކުވާ އާއި އާދޭހަށްފަހު، ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ މުސާރަ ކަނޑައަޅައި، މިނިމަމް ވޭޖު ބޯޑުން އެރުވި ލަފަޔާ އެކު ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިފަ އެވެ.
މިހާރު އަސާސީ މުސާރަ އަކީ 4،626ރ.
ސްޓެޓިސްޓިކްސް ބިޔުރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރިސޯޓް މުވައްޒަފުންގެ 53 ޕަސަންޓް މުވައްޒަފުންގެ މުސާރަ އުޅެނީ 300 ޑޮލަރާ 499 ޑޮލަރާ ދެމެދުގަ އެވެ. މިއީ 4،626ރ. އާއި 7،694ރ. އާ ދެމެދުގެ އަދަދެކެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 17 ޕަސަންޓު މުވައްޒަފުންގެ މުސާރަ 4،600ރ. އަށް ވުރެ ކުޑަ އެވެ. އަދި 7،700ރ. އާއި 15،400ރ. އާ ދެމެދުގެ މުސާރައެއް ލިބެނީ އެންމެ 21 ޕަސަންޓު މުވައްޒަފުންނަށެވެ.
އެއް ހާސް ޑޮލަރު ނުވަތަ، 15،400 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބެނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެ ނުވަ ޕަސަންޓު މުވައްޒަފުންނަށެވެ.
މިއީ މިލިއަނުން ނަފާ ލިބޭ ދުނިޔޭގެ ބޮޑެތި މަހުޖަނުން ޗުއްޓީ ހޭދަކުރާ ރިސޯޓުތަކުގެ މުވައްޒަފުންނަށް އެންމެ އެކަށޭނަ އުޖޫރައެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ ދެ މުވައްޒަފުން. -- ފޮޓޯ:ޓްރެވަލް ޓްރޭޑް މޯލްޑިވްސް
އަންނަ އަހަރު އެންމެ ކުޑަ މުސާރަ އަކީ 10،200ރ.
މިދިޔަ އަހަރު ރާއްޖޭގައި އޮޕަރޭޓް ކުރަމުން ދިޔަ ރިސޯޓުތަކުގެ 65 ޕަސަންޓް ރިސޯޓު ބުކިން.ކޮމް އިން ކްލެސިފައި ކުރަނީ ފަސް ތަރީގެ ތަންތަނުގެ ގޮތުގަ އެވެ. ހަތަރު ތަރީގެ ރިސޯޓުގެ ނިސްބަތަކީ 31 ޕަސަންޓެވެ.
ބަކީ ހަތަރު ޕަސަންޓު ރިސޯޓު ކްލެސިފައި ކޮށްފައި ވަނީ ތިން ތަރީގެ ތަންތަނުގެ ގޮތުގަ އެވެ.
ރާއްޖޭގައި ތިން ތަރިއަށް ވުރެ ދަށުގެ ރިސޯޓެއް އޮޕަރޭޓެއް ނުކުރެ އެވެ.
މިނިމަމް ވޭޖު ބޯޑުންވެސް ރާއްޖޭގެ ރިސޯޓުތައް ކްލެސިފައިކޮށްފައި ވަނީ ބޮޑެތި ވިޔަފާރި ތަކުގެ ތެރޭގަ އެވެ. ބޯޑުން ފާސްކޮށް، ހުށަހަޅާފައިވާ މުސާރަތަކުގެ ތެރެއިން ރިސޯޓު މުވައްޒަފުންގެ އެންމެ ކުޑަ މުސާރައަކަށް ވާންޖެހޭނީ ގަޑި އިރަކަށް 42.79ރ. އެވެ. އެއީ މަހަކަށް 10،200ރ. އެވެ.
މިއީ ރިސޯޓު މުވައްޒަފުންގެ އެންމެ ކުޑަ މުސާރައަށް 10،200ރ. ހަދައިފި ނަމަ އަސާސީ މުސާރަ ނުވަތަ ބޭސިކް ސެލެރީގެ ގޮތުގައި އެންމެ މަދުވެގެން 7،140ރ. ދޭން ޖެހޭނެ އެވެ.
އެންމެ ކުޑަ މުސާރައިގެ ތެރޭގައި ފިކްސްޑް އެލަވަންސް ހިމެނެ އެވެ. އެކަމަކު ފިކްސްޑް އެލަވަންސްގެ ގޮތުގައި ހިމެނޭނީ މުސާރައިގެ 30 ޕަސަންޓެވެ.
ރިސޯޓު މުވައްޒަފުންގެ މުސާރައިގައި ފިކްސް އެލަވަންސްގެ ގޮތުގައި އެންމެ ގިނަވެގެންވެސް ދެވޭނީ 3،060ރ. އެވެ.
ރަނގަޅު ފެށުމެއް
މިހާރު ހުށަހަޅާފައިވާ މިނިމަމް ވޭޖާއެކު ރިސޯޓު މުވައްޒަފުންގެ މުސާރަ އަށް ވަރަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.
މިނިމަމް ވޭޖްގެ ތެރޭގައި ހިމެނޭނީ ހަމަ އެކަނި އަސާސީ މުސާރަ އާއި ފިކްސްޑް އެލަވަންސް އެވެ. ސާވިސް ޗާޖާއި އިތުރު އެހެން އެލަވަންސްތައް މިނިމަމް ވޭޖުގައި ނުހިމެނޭނެ އެވެ.
މުވައްޒަފުންގެ ހުރުމަށާއި ކެއުމަށްދޭ އެލަވަންސްވެސް މިނިމަމް ވޭޖުގައި ނުހިމެނެ އެވެ.
ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު (މާއްޓެ) އެ ހުށަހެޅުން ސިފަ ކުރެއްވީ ރަނގަޅު ފެށުމެއްގެ ގޮތުގަ އެވެ.
އޭނާ އުންމީދު ކުރަނީ މި ރަނގަޅު ބަދަލާއެކު މުވައްޒަފުންގެ ފަރާތުން މިހާރަށް ވުރެ ރަނގަޅު ޕާފޯމަންސެއް ފެނި ސިނާއަތް އިތުރަށް ކުރިއަރުވަން މަސައްކަތްތަކެއް ފެނިގެންދާނެ ކަމަށެވެ.
ބިދޭސީ މުވައްޒަފުން އިތުރުވުމާ މުސާރައިގެ ފަރަގު ބޮޑުވުން
ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެން ދިޔަ އިރު، ބިދޭސީ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ މުސާރަ ކަނޑައަޅާފައެއް ނުވެ އެވެ.
ބޯޑުން މިނިސްޓަރަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމުގައި މިހާރު އިއުލާނުކޮށްފައިވާ މޮރޮޓޯރިއަމް ފަސް އަހަރުގެ މުއްދަތަކަށް ދިގު ދައްމާލުން ހިމެނެ އެވެ.
މީގެ ސަބަބުން ރިސޯޓުތަކުގައި ބިދޭސީ މުވައްޒަފުންނާ ދިވެހި މުވައްޒަފުންގެ ދެމެދު ތަފާތުކުރުންތައް އިތުރުވެގެން ދިއުމަކީ ޓީމްގެ ކަންބޮޑުވުމެކެވެ.
މައުރޫފް ވަނީ ޓީމުން އަބަދުވެސް ބޭނުންވަނީ ދިވެހިންނާ ބިދޭސިންނާ ދޭތެރޭ މިއޮންނަ ފަރަގު ކުޑަކުރަން ކަމަށް ވިދާޅުވެފަ އެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް އުޖޫރައެއް ކަނޑަ ނޭޅުން އެއީ ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވި އެވެ.
ބިދޭސީންނަށް ދޭން ޖެހޭނެ އެންމެ ކުޑަ މުސާރަ ކަނޑަނާޅައި މޮރޮޓޯރިއަމް ދިގުދައްމާލުމަކީ ބިދޭސީ މުވައްޒަފުން އިތުރު ވެދާނެ ކަމެކެވެ. އަދި ދިވެހިންނާ ބިދޭސީންނަށް އެއް ވަޒީފާއެއް ދިނުމަށް ފަހު މުސާރައިގެ ފަރަގު ބޮޑުވުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާ އިރު މޮރޮޓޯރިއަމް ދިގު ދައްމާލިޔަސް ބިދެސީ މަސައްކަތްތެރިން އިތުރުކުރަން މި ސަބަބު ބޭނުން ނުކުރުމަށް ބޯޑުން ވަނީ ގޮވާލާފަ އެވެ.










