ބަންދުގައި ހުރި މީހަކު ބޭސް ފަރުވާއަށް ވަގުތީ ގޮތުން ދޫކުރެވިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި

ހައިކޯޓަށް މީހަކު ވަންނަނީ: ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ފަރުވާއަށް ވަގުތީ ގޮތުން ދޫކުރެވިދާނެ ކަމަށް ކަނޑައެޅި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހައިކޯޓަށް މީހަކު ވަންނަނީ: ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ފަރުވާއަށް ވަގުތީ ގޮތުން ދޫކުރެވިދާނެ ކަމަށް ކަނޑައެޅި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކަށް ސިއްހީ ފަރުވާ ބޭނުންވެ, އެ ފުރުސަތު ދައުލަތުން ފަހިކޮށް ނުދޭނަމަ, ވަގުތީ ގޮތުން ބަންދުން ދޫކޮށްލެވިދާނެ ކަމަށް ހައިކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ހައިކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރި ކަމުގެ ތުހުމަތުވާ މުހައްމަދު އާނިމް އަހުމަދު ނަމަކަށް ކިޔާ މީހަކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެއްގެ އިސްތިއުނާފު މައްސަލައިގެ ހުކުމުގަ އެވެ.

އާނިމް ހައްޔަރުކުރުމަށްފަހު, އެކި ފަހަރު މަތިން އޭނާގެ ބަންދު އިތުރު ކުރަމުން ގޮސް ޝަރީއަތް ނިމެންދެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ބަންދު ކުރި އެވެ. އެއީ, އޭނާގެ މައްޗަށް ތުހުމަތު ވަނީ ބޮޑު ކުށަކަށްވެފައި އޭނާއަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.

Advertisement

އޭނާގެ މައްޗަށް ބަންދު ޖެހި އަމުރުތަކުގައި ކްރިމިނަލް ކޯޓުން ވަނީ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އަންގާފަ އެވެ. އެއީ, އޭނާގެ ދަތުގެ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް, އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާ ކޮންމެ ބަންދު މަޖިލީހެއްގައި ވެސް އާނިމް ދިޔައީ ކުރަމުންނެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަ މީހާގެ ބަންދު ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ފަހުން ގެނެސްފައިވާ އިސްލާހުގެ ދަށުން ކޮންމެ 30 ދުވަހަކުން ރިވިއު ކުރަން ޖެހެ އެވެ.

އެގޮތުގެ މަތިން ބަންދު ރިވިއު ކުރާ ކޮންމެ ފަހަރަކު ވެސް އާނިމްގެ ފަރާތުން ސިއްހީ ފަރުވާއަށް ބޭނުންވާ ކަމަށް ބުނަމުން ދިޔަ ނަމަވެސް, މި އަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް ދަތުގެ އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުގައި ދައުލަތުން ބުނެފައިވަނީ އެ ފަރުވާގެ އިންތިޒާމް ހަމަނުޖެހިގެން އުޅެނީ ޖަލުގައި ކޮވިޑް ފެތުރިފައި އޮތުމުން ކަމަށެވެ.

އެކަން ހައްލުވުމުން ސިއްހީ ފަރުވާ ފޯރުކޮށްދެމުން އަންނާނެ ކަމަށް ބުނި ނަމަވެސް, ފަރުވާ ފޯރުކޮށްދެވޭނެ ސީދާ ތާރީހެއް ނުބުނެވުނެވެ. އޭރު ވެސް އާނިމް ވަނީ އެ ފަރުވާ ނުލިބިގެން ބޮލުގައި ވެސް ރިއްސާތީ އާއި ކެއިންބުއިމަށް ދަތިވާތީ އެކަމުގެ ޝަކުވާކޮށްފަ އެވެ.

އެހެންވެ, ކްރިމިނަލް ކޯޓުން ނިންމީ އާނިމް ވަގުތީ ގޮތުން ބަންދުން ދޫކުރުމަށެވެ. އަދި, އޭނާ އަމިއްލައަށް ފަރުވާ ހޯދައި ނިމުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އޮތް އޮތުން އިޔާދަކުރުމަށެވެ. ނަމަވެސް, މި އަމުރާމެދު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހިތްހަމަނުޖެހޭތީ އިސްތިއުނާފުކުރީ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ގަބޫލު ކުރާ ގޮތުގައި އާނިމް ޝަރީއަތް ނިމެންދެން ބަންދުކުރި ސަބަބުތައް އޮތީ ދެމި އެވެ. އެހެންވެ, އެ ހާލަތު އޮތް މީހަކު ބަންދުން ދޫކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ.

ފަނޑިޔާރު ސަމީރު ދެކެވަޑައިގަންނަވާ ގޮތުގައި ފަރުވާއަށް ބަންދުން ދޫކުރެވޭނެ

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ސަމީރު ރައުޔު ނެރުއްވީ ސިއްހީ ފަރުވާއަށް ވަގުތީ ގޮތުން ބަންދުން ދޫކުރުމުގައި ގޯހެއް ނެތް ކަމުގަ އެވެ.

ފަނޑިޔާރު ވިދާޅުވީ, ބަންދުގައި ހުންނަ މީހެއްގެ ސިއްހީ ފަރުވާއާ ގުޅޭ ޝަކުވާއެއްގައި ކަންވެފައިވާ ގޮތެއްގެ މައްޗަށް ރިއާޔަތްކޮށް، ބަންދާ މެދު އިތުރު ގޮތެއް ކަނޑައެޅުމަކީ އިސްތިސްނާ ހާލަތެއްގެ ގޮތުން ފަނޑިޔާރަށް އޮންނާނެ ބާރެއް ކަމަށެވެ.

އަދި އެފަދަ މައްސަލައެއްގައި އެކަމުގެ މައްޗަށް ފަނޑިޔާރުން ރިއާޔަތް ކުރަންޖެހޭނެ ކަމަށް ވެސް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

"...އެހެނީ، ބަންދުގައި އެ މީހަކު އެ ހުންނަނީ ފަނޑިޔާރު ކޮށްފައިވާ އަމުރެއްގެ ދަށުން ކަމަށްވެފައި އެ ފަރާތް ބަންދުގައި ހުންނައިރު އެ ފަރާތުގެ އަސާސީ ހައްގަކަށް އުނިކަން ލިބޭ ކަމުގެ ޝަކުވާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅުމުން އެފަދަ ހައްގެއް ގެއްލިފައިވާކަން އެނގިހުރެ އެކަމާއި މެދު ފަނޑިޔާރު ލޯ މަރާލައިގެން ހުރެގެންވާނެ ކަމަށް ނުދެކެން," ހުކުމުގައިވެ އެވެ.

ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގައި ހުންނަ ފަރާތެއްގެ ސިއްހީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް ފަރުވާ ލިބޭނެ ގޮތެއްގެ މައްޗަށް ބަންދުން ކުޑަނަމަވެސް, މުއްދަތަކަށް ލުޔެއް ދިނުމަކީ ކޯޓުތަކުން އަމަލު ކުރަމުން އައިސްފައިވާ ގޮތެއްކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

އެގޮތުން, ޖަލުގައި ބަންދުގައި ހުރި މީހެއްގެ ބައްޔަށް ބޭސް ފަރުވާ ނުކުރުމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުވަތަ ސިއްހަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ފެންނަ ޒަރޫރީ ހާލަތެއްގައި ޖަލު ބަންދުގައި ހުރި މީހެއްގެ ބަންދަށް ލުއި ދެވިދާނެ ކަމަށް ހައިކޯޓުން ކުރިން ކަނޑައަޅާފައި އެބަ އޮތެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފަނޑިޔާރު ސަމީރު ލިޔުއްވާފައިވާ ގޮތުގައި, އާނިމަށް ފަރުވާ ދޭންޖެހޭ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވަނިކޮށް އޭނާއަށް ފަރުވާ ދިނުމެއް ނެތި އެކަށީގެންވާ މުއްދަތަށް ވުރެ ގިނަ ދުވަސް ލަސްކޮށްފައިވާކަން އެނގެން އެބައޮތެވެ.

އޭގެ ސަބަބަކީ ކޮވިޑުގެ ހާލަތު ކަމަށް ދައުލަތުން ބުނި ނަމަވެސް, އެއީ މަގުބޫލު ސަބަބެއް ނޫން ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ. އެގޮތަށް ފަރުވާ ލަސްކޮށްފައިވަނީ އެ ފަރުވާ ނުދީ ގިނަ ދުވަސް ވެއްޖެނަމަ އާނިމްގެ ސިއްހަތަށް އެކަމުގެ ސަބަބުން ނުރައްކާވެ އަދި ފަހަރުގައި ފުރާނައަށް ވެސް ނުރައްކާ ވުމުގެ އިހްތިމާލު އޮތްކަން އެނގޭ ކަމަށް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

އެކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން އާނިމް ބަންދުން ދޫކުރީ ދާއިމީ ގޮތަކަށް ނޫނެވެ. އަދި އެކަށީގެންނުވާ ދިގު މުއްދަތަކަށް ވެސް ނޫނެވެ. އާނިމް ޝަރުތުކޮށް ބަންދުން ދޫކުރީ ވަގުތީ ގޮތުން ފަރުވާ ލިބޭނެ ގޮތެއްގެ މައްޗަށް ރިއާޔަތްކޮށްގެންނެވެ.

އަދި އޭނާގެ ފަރާތުން ހައިކޯޓުގައި ވެސް އެދިފައިވަނީ ބޭސް ފަރުވާ ނިމެންދެން ބަންދުން ދޫކޮށްފައި ބަހައްޓައިދިނުމަށެވެ. އޭގެފަހުން ބަންދަށް ދިއުމަށް އޭނާ ދެކޮޅެއް ނުހަދަ އެވެ.

އެހެންވެ, ފަނޑިޔާރު ސަމީރު ނިންމެވީ ކްރިމިނަލް ކޯޓުގެ އަމުރު ދަމަހައްޓައި, ވަގުތީ ގޮތުން ބޭސްފަރުވާއަށް އާނިމް ބަންދުން ދޫކޮށްފައި ބަހައްޓާށެވެ. މި ރައުޔަށް ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ތާއިދު ކުރެއްވި އެވެ. އެހެންވެ އަގުލަބިއްޔަތު ލިބުނަސް, ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔު ތަފާތެވެ.

"ސަބަބުތައް އޮތްވައި ބަންދުން ދޫނުކުރެވޭނެ"

ފަނޑިޔާރު ހާތިފް ރައުޔު ނެރުއްވި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްވާ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ފަނޑިޔާރަށް އޭނާގެ ބަންދަށް ލުޔެއް ދެވޭނީ އޭނާ ބަންދުގައި ބެހެއްޓި ސަބަބު އެ ސިއްހީ ހާލަތުގެ ސަބަބުން ފިލައިދާ ހާލަތެއްގަ އެވެ. އޭނާ ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްވާ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ، އޭނާ ބަންދުގައި ބެހެއްޓި މަގުސަދު ގެއްލި ހިނގައިދާނެ ކަމަށެވެ.

"މިސާލަކަށް، ހެކި ފޮރުވުމަށް ނުވަތަ ހެއްކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފައިވާނެ ކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް ހެކި ފޮރުވުމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވުމަށް ފުރުސަތު ދެވުމެވެ. ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ނުވަތަ ފިލައިފާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް ކޯޓަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު ދެވުމެވެ. އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ކުރުމުގެ ފުރުސަތު ދެވުން،." އިސްފަނޑިޔާރު ލިޔުއްވާފައިވެ އެވެ.

އިސްފަނޑިޔާރު ލިޔުއްވި ގޮތުގައި އާނިމަށް ދިމާވެފައިވާ ސިއްހީ މައްސަލައަކީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް ނޫނެވެ. އަދި އެ ހާލަތުގެ ސަބަބުން އޭނާ ބަންދުކޮށްފައި ބަހައްޓަން ޖެހުނު ސަބަބު ފިލައި ގޮސްފައެއް ނުވެ އެވެ.

ރައުޔުގައިވާ ގޮތުން ބަންދު ރިވިއު ކުރުމުގެ މަޖިލީހަކީ ބަންދުގައި ހުންނަ މީހާއަށް ކަރެކްޝަންސްގެ ފަރާތުން ފަރުވާ ފޯރުކޮށްނުދީ އެ އިދާރާއިން މަދަނީ ޒިންމާ އަދާކޮށްފައިނުވާ ކަމަށް ނިންމައިގެން އެ ހިދުމަތް އޭނާ އަމިއްލައަށް ހޯދުމުގެ ފުރުސަތު ފަނޑިޔާރު ތަނަވަސްކޮށްދިނުމަށް އޮންނަ މަޖިލީހެއް ނޫނެވެ.

އެފަދަ ހާލަތްތަކުގައި ދައުލަތާ ދެކޮޅަށް ބަންދުގައި ހުންނަ މީހާއަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިސްފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ, އިސްފަނޑިޔާރު ބުރަވެވަޑައިގެންނެވީ ކްރިމިނަލް ކޯޓުން ވަގުތީ ގޮތުން އާނިމް ދޫކޮށްލުމަށް ނެރެފައިވާ އަމުރު ގޯސް ކަމަށެވެ.

ބަންދު ރިވިއު ކުރުމުގެ މަގުސަދު ހާސިލެއް ނުވޭ

މި ހުކުމްގައި ފަނޑިޔާރު އަލީ ސަމީރު އެހެން މުހިންމު ކަމެއް ވެސް ފާހަގަ ކުރައްވާފައި އޮތެވެ. އެއީ, ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ވާނުވާއަށް ހައްލު ހޯދުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގެ މަގުސަދު ހާސިލްވަމުން ނުދާކަމެވެ.

އެ އިސްލާހުގައިވާ ގޮތުން މިހާރު ޝަރީއަތް ނިމެންދެން ބަންދުކުރާ ކޮންމެ މީހެއްގެ ބަންދު ވެސް ކޮންމެ 30 ދުވަހަކުން ރިވިއު ކުރަން ޖެހެ އެވެ. އެކަމުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ގިނަ އަދަދަކަށް ބާއްވަން ޖެހެ އެވެ.

ފަނޑިޔާރު އަލީ ސަމީރު ވިދާޅުވި ގޮތުގައި އެ އިޖުރާއާތުގެ ހަގީގީ މަސަދަކީ، ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަސް ކުރުމާއެކު ޝަރީއަތުން މައްސަލައިގެ ގޮތެއް ކަނޑައެޅުމުގެ ކުރިން ބަންދުގައި ހުރި މީހާގެ ބަންދުކުރި ހާލަތު ބަދަލުވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުން ކަމުގައިވީ ނަމަވެސް, އެ މަގުސަދު އެ އިޖުރާއާތުގެ ސަބަބުން ހާސިލު ކުރެވޭ ކަމަކަށް ނުފެންނަ ކަމަށެވެ.

މިގޮތަށް ބަންދުކުރާ ގިނަ މީހުންނަކީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި މުޖުތަމައުއަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ފެނި, އެމީހުންނާ ގުޅޭ ހެކިތައް ވެސް އެ ހުރެގެން ބަންދުކުރާ ބަޔަކަށްވާއިރު, އެ ހާލަތާއި ކަންކަން އެހެން ގޮތަކަށް ބަދަލުވާނެކަމުގެ އިހްތިމާލެއް ވަރަށް ނާދިރު ހާލަތުތަކެއްގައި ނޫނީ ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އަދި މިފަދަ މައްސަލަތައް އެންމެ ގިނައިން ހުށަހެޅޭ ކްރިމިނަލް ކޯޓުގެ މައްސަލަތަކާއި ގާޒީންގެ އަދަދަށް ބަލާއިރު މިއީ ގޮންޖެހުން ބޮޑުކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ވެސް ފާހަގަކޮށްފައިވާކަން ފަނޑިޔާރު ސަމީރު ފާހަގަ ކުރެއްވި އެވެ.

ބަންދު ރިވިއު މަޖިލީހުގައި މައިގަނޑު ޝަކުވާއަކަށް އޮންނަނީ ބައެއް ވަސީލަތްތަކާއި ސިއްހީ ފަރުވާއާއި ގުޅުން ހުރި ޝަކުވާތަކެވެ.

ނަމަވެސް, ފަނޑިޔާރު ވިދާޅުވި ގޮތުގައި ޖަލުގައި ބަންދުކޮށްފައި ހުންނަ މީހުންގެ ސިއްހީ ކަންކަން ބެލެހެއްޓުމަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ, އެކަމުގައި ފަނޑިޔާރު އިތުރަށް ކުރަން ޖެހޭނެ ކަމެއް ނޯންނާނެ އެވެ. އަދި އެކަމުގެ ހައްލު ހޯދަން ޖެހޭނީ ޖަލު ބަލަހައްޓާ ފަރާތުންކަމާއި ޝަކުވާ ވެސް ހުށަހަޅަން ޖެހޭނީ ކޯޓަށް ނޫން ކަމަށާއި އެކަމާއި ބެހޭ މުއައްސަސާތަކުގެ މައްޗަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ, ފަނޑިޔާރު ސަމީރު ވިދާޅުވީ ބަންދު ރިވިއު ކުރަން އޮތް އިޖުރާއަތަކީ މަގުސަދު ހާސިލް ނުވާ ގޮތަށް އޮތް އިޖުރާއަތެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox